ބައްޕައާ އެކު އަދި މަސައްކަތްކޮށްލަން ބޭނުން: ޝްރަދާ ކަޕޫރް
ބައްޕައާ އެކު އަދި މަސައްކަތްކޮށްލަން ބޭނުން: ޝްރަދާ ކަޕޫރް

ބައްޕަ ޝަކްތީ ކަޕޫރާ އެކު ފިލްމެއްގައި އަދިވެސް މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ބަތަލާ ޝްރަދާ ކަޕޫރް ބުނެފި އެވެ.

އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު ތީން ޕައްތީ (2010) ގައި ޝަކްތީ ވަނީ ކުޑަކުޑަ ރޯލެއް ކުޅެފަ އެވެ.

"އެކަމަކު އެ ފިލްމުގެ ފަހުން އެއްވެސް ބަޔަކު އަހަންނަކަށް އޮފާއެއް ނުކުރޭ ބައްޕައާ އެކު އަލުން މަސައްކަތްކޮށްލެވޭނެ ކަހަލަ ފިލްމެއް،" ޝްރަދާ ބުންޏެވެ. "އަހަރެން ވަރަށް ބޭނުން ބައްޕައާ އެކު ރަނގަޅު ފިލްމެއްގައި މަސައްކަތްކޮށްލަން."

އޭނާ ވަނީ ބޭބެ ސިދާންތު ކަޕޫރާ އެކު ވެސް މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ނެރުނު ހަސީނާ ޕަރްކާގެ ބައޮގްރަފިކަލް ޑްރާމާގަ އެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްދަރާ، 31، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" އާއި ނިތޭޝް ތިވާރީގެ "ޗިޗޯރް" އަދި އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ހިމެނެ އެވެ.

"ސްޓްރީ" އާއި "އާޝިގީ 3" އަދި "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.

ބޮލީވުޑްގައި ކޮމެޑީ ރޯލްތަކގެ އިތުރުން ނުބައިބައި ރޯލްތައް ކުޅެން ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު ޝަކްތީ، 66، ގެ ކުރިއަށް އޮތް ފިލްމަކީ "ދަ ޖާނީ އޮފް ކަރްމާ" އެވެ. މި ފިލްމުގައި ޝަކްތީ ކުޅެފައި ވަނީ ޒުވާން އަންހެނާ ލޯބީގެ ގުޅުމެއް ބާއްވާ މުސްކުޅި ވިޔަފާރިވެރިއެއްގެ ރޯލެވެ.

ޕޫނަމް ޕާންޑޭ ބަތަލާގެ ރޯލް ކުޅެފައިވާ ފިލްމުގައި ޝަކްތީގެ ވަރަށް ގައިގޯޅައި މަންޒަރުތަކެއް ހިމެނޭތީ، ފިލްމުގެ ޓްރެއިލާ ބެލި ވަރަށް ގިނަ ބަޔަކު ވަނީ އެއީ ޝްރަދާ ލަދުން ހަލާކުވެދާނެ ކަހަލަ ކަމެއް ކަމަށް ބުނެ، ޝަކްތީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.