14 އޮކްޓޯބަރ 2018 - 14:37

ތެހެރާން (އޮކްޓޯބަރު 14) - އެމެރިކާ އިން ކެނޑިނޭޅި ދަނީ އީރާނުގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ތެހެރާން ޔުނިވާސިޓީގައި ތައުލީމީ އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން ރޫހާނީ ދެއްވި ބަޔާނުގައި ވިދާޅުވީ އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ނަފްސާނީ އަދި އިގްތިސާދީ ހަނގުރާމައެއް ފަށާފައި ކަމަށެވެ. މީގެ އިތުރުން އީރާނުގެ ވެރިކަމާ މެދު އެމެރިކާ އިން ސުވާލު އުފައްދާ، އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ވެރިކަން ބަދަލު ކުރުމަށް ކަމަށް ރޫހާނީ ވިދާޅުވި އެވެ.
"އެމެރިކާގެ މިހާރުގެ ބޭނުމަކީ އީރާނުގެ ވެރިކަމުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުން. ބޭނުމަކީ ވެރިކަން ބަދަލު ކުރަން މަގު ފަހިކުރުން،" ގައުމީ ޓީވީން ދުރަށް ދެއްކި ތަގްރީރުގައި ރޫހާނީ ވިދާޅުވި އެވެ.
އީރާނާއި އެމެރިކާގެ ގުޅުން ގޯސްވެފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ މެއި މަހު ވަކިވި ހިސާބުންނެނެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާ އިން ވަނީ އީރާނުގެ ތެލުގެ ސެކްޓަރަށް އަންނަ މަހު ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.