15 އޮކްޓޯބަރ 2018 - 07:33

އަނބިމީހާ ހިލޭ ފިރިހެނަކާ އެކު ގުޅުން ބާއްވާކަން ގޫގުލް ސްޓްރީޓް ވިއުއިން ފަޅާ އެރުމާ ގުޅިގެން، ޕެރޫގެ މީހަކު އަނބިމީހާ ވަރިކޮށްފި އެވެ.

ފިރިހެން މީހާގެ ނަން ހާމަ ނުކޮށް މީޑިއާތަކުން ބުނީ އޭނާގެ އަނބިހާ ކައިވެނީގެ ބޭރުން އެހެން މީހަކާ އެކު ސިއްރު ގުޅުމެއް ހިންގާކަން އެނގުނީ ގޫގުލް ސްޓްރީޓް ވިއު އިން ފެނުނު ފޮޓޯތަކަކުން ކަމަށެވެ. އެ ފޮޓޯތަކުގައި ފެންނަނީ ހުދު ކުލައިގެ ޖެކެޓެއްލައިގެން އިން ބޯ ބުޅި އަންހެނަކު، ބެންޗެއްގައި ފިރިހެނަކު އުނގަށްލައިގެން އިންދަ އެވެ.
އަންހެން މީހާގެ ސިފަ ހުރި ގޮތުން ފިރިހެން މީހާ އަށް އެއީ އޭނާގެ އަންހެނުންކަން ޝައްކުވާން ފެށުމުން ފޮޓޯތައް އިތުރަށް ބަލައިގެން އެއީ އަންހެނުންކަން ކަށަވަރުވި އެވެ. އަދި އަންހެނުން ވަރި ކުރަން މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު، ފިރިހެން މީހާ ވަނީ ފޮޓޯތައް ފޭސްބުކްގައި ޕޯސްޓްކޮށް އެވެ. އެކަމަކު ދެ މީހުންގެ މޫނު ނޭނގޭ ގޮތަށް ހަދައިފަ އެވެ.
ފިރިހެން މީހާއާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި އަނބިމީހާގެ އެހެން މީހަކާ އެކު ސިއްރު ގުޅުމެއް ބާއްވާ ކަމަށް ފަހުން ވަނީ އަމިއްލަ އަށް އެއްބަސްވެފަ އެވެ. އަދި ލޯބިވެރިޔާއާ އެކު ލީމާގެ އެންމެ ރޮމޭންޓިކް އެއް ތަން ކަމަށްވާ ސައިސް ބްރިޖާއި އެ ސަރަހައްދުގެ ޕާކްތަކުގައި ވަރަށް ގިނައިން އެކީގައި ވަގުތު ހޭދަކޮށްފައިވާ ކަމަށް އަންހެން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.