10 އޯގަސްޓް 2016 - 23:48

ހުރިހާ ގިންތިއެއްގެ ވިޔަފާރިތަކަކަށް ވެސް ކަމުދާނެ ފަދަ ބްރަދާ ބްރޭންޑުގެ ޕްރިންޓަރުތަކެއް ކޮޕިއާ ޕްލަސް އިން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ޕްރިންޓަރާއި ފޮޓީކޮޕީ މެޝިނާއި އޮފީސްތަކަށް ބޭނުންވާ އެކި ބާވަތްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ ކޮޕިއާ ޕްލަސް އިން މިރޭ ވަނީ ހަތަރު ޕްރިންޓަރެއް ރާއްޖޭގެ ބާޒާރަށް އަލަށް ނެރެފަ އެވެ. އެއީ ބްރަދާ ބްރޭންޑުގެ ޕްރޮފެޝަނަލް ސީރީޒްގައި ހިމެނޭ "އެލް5000"ގެ ދެ ވައްތަރާއި "އެލް6000"ގެ ދެ ވައްތަރެކެވެ.
އޭގެ ތެރެއިން ދެ މޮޑްލް އަކީ ޕްރިންޓް ކުރުމުގެ އިތުރަށް، ފޮޓީކޮޕީ ނެގުމާއި ސްކޭން ކުރުމުގެ ގާބިލްކަން ލިބިފައިވާ އޯލް އިން ވަން ސެންޓަރުތަކެކެވެ. އެ ތަނުން އެއް ޕްރިންޓަރުގައި އެއްފަހަރާ ހަތަރު މީހުންނަށް ބޭނުން ކުރެވޭ ގޮތަށް، ކަރުދާސް ލައްވާ ހަތަރު ޓްރޭ ވެސް ހަރުކޮށްފައި ހުރެ އެވެ. އަދި އެ ތަނުން ކޮންމެ ޓްރޭއަކަށް އެއްފަހަރާ 500 ގަނޑު ލެއްވެ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި ހަފުލާއެއްގައި ތައާރަފް ކުރި މި ޕްރިންޓަރުތަކުގެ ތެރެއިން ކޮންމެ ޕްރިންޓަރަކުން ވެސް ދެ ފުށަށް ކުލަކޮށް ޕްރިންޓުކުރެވެ އެވެ. ވަރުގަދަ ސެކިއުރިޓީ ސިފަތަކެއް ކޮންމެ ޕްރިންޓަރެއްގައި ވެސް ހިމަނާފައި ވާއިރު، އެއް މޮޑްލްގައި ވާގަނޑެއް ބޭނުން ނުކޮށް ވައިފައި މެދުވެރިކޮށް ވެސް ކޮމްޕިއުޓަރާ ގުޅާލެވެ އެވެ.
ބްރަދާ ބްރޭންޑުގެ އުފެއްދުން ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުނި، ކޮޕިއާ ޕްލަސް އިން ބުނި ގޮތުގައި ރާއްޖޭގެ ބާޒާރުގައި މިހާރު ހުރި ޕްރިންޓަރުތަކަށް ވުރެ މި ތަކެތި މަސައްކަތަށް ހަލުވި ވެފައި ބޭނުންކޮށްލަން ފަސޭހަ ވާނެ އެވެ. އަދި ހަރަދު ވެސް ކުޑަ ވާނެ ކަމަށް އެ ތަނުން ބުންޏެވެ.
ބްރަދާ ބްރޭންޑުގެ އިތުރުން ކޮޕިއާ ޕްލަސް އިން ޓޮޝިބާ ބްރޭންޑުގެ ފޮޓޯކޮޕީ މެޝިން ވެސް ރާއްޖޭގައި ވިއްކަ އެވެ.