14 އޮކްޓޯބަރ 2018 - 10:46

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ ފިހާރަތަކާއި ޗާޕްހާނާ ރޯކޮށްލާނެ ކަމަށް ބަޔަކު އިންޒާރު ދީފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.
އެމްސެވަން އިން މާލޭގައި ހިންގާ ދެ ފިހާރަ އާއި ޗާޕްޚާނާ ރޯކޮށްލާނެ ކަމަށް އިންޒާރު ދީފައިވަނީ މިދިޔަ ހަފުތާގެ ފަހުކޮޅުގަ އެވެ. ކޮން ބައެއްކަން ނޭނގޭ ބަޔަކު ދިން އެ އިންޒާރުތަކާ ގުޅިގެން، އެމްސެވަން ހިންގާ އިމާރާތްތަކުގެ ސަލާމަތީ ކަންތައް މިހާރު ވަނީ ބަޔަކާ ހަވާލު ކޮށްގެން ބަލަހައްޓަން ފަށައިފަ އެވެ.
އެމް ސެވަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެއީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެ ކުންފުންޏަށް ދީފައިވާ އިންޒާރުތަކުގެ ތަފްސީލުތައް ދެވެން ނެތް ކަމަށެވެ.
ނަމަވެސް އެ ކުންފުނި ހިންގާ އިމާރާތްތަކުގައި މިހާރު ވަރަށް ރަނގަޅަށް ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަލާމަތީ ކަންކަމަށް ފުލުހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްސެވަން އަށް ތަފާތު އިންޒާރުތައް ދީފައި މިވަނީ ވޯޓު ކަރުދާސް ޗާޕް ކުރި، އެ ކުންފުނީގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލައެއް، އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފުތާގެ ކުރީކޮޅުގަ އެވެ.
ނަމަވެސް އެ ތުހުމަތުތައް ޕީޕީއެމުން ދޮގުކުރެ އެވެ. އެ މައްސަލައާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިނުމަށް އެ ކުންފުނީގެ ބައެއް ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ އަދި ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމް ސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެފައިވާއިރު އިންތިހާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައި މިއަދު ޝަރީއަތް ފެށުމަށް ވަނީ ނިންމައިފަ އެވެ. ރައީސް ޔާމީން އެދިފައިވަނީ އިންތިހާބު ބާތިލު ކޮށްދިނުމަށެވެ.