14 އޮކްޓޯބަރ 2018 - 09:54

މޮންޓެ ކާލޯ (އޮކްޓޯބަރު 14) – މީގެ 24 އަހަރު ކުރިން އޭނާ ކްލަބް ކެރިއަރު ފެށި އޭއެސް މޮނާކޯގެ ކޯޗުކަމާ ހަވާލުވެ ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ ކޯޗިން ކެރިއަރު ރަސްމީކޮށް ފަށައިފި އެވެ.
އުމުރުން 41 އަހަރުގެ އޮންރީ 2016 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އައީ ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. ރަޝިއާގައި ނިމިގެން ދިޔަ މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޮންރީ އެ ޓީމުގައި މަސައްކަތްކުރި އެވެ.
މޮނާކޯގައި އޮންރީގެ އެހީތެރިންނަށް ހަމަޖެއްސީ ބެންފީކާގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޔޮއާއޯ ކާލޯސް ވަލާޑޯ އާއި އާސެނަލްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޕެޓްރިކް ވާމޭ އަމްޕަޑޫ އެވެ.
މޮނާކޯ އިން އާ ކޯޗެއް މި ހަމަޖެއްސީ ލެއޮނާޑޯ ޖާޑިމަށް މި ސީޒަނުގައި ނަތީޖާ ނުނެރެވޭތީ އެވެ. ނުވަ މެޗުން ހަ ޕޮއިންޓް ލިބި މޮނާކޯ އޮތީ ފްރާންސް ލީގުގެ ފުލުން ތިން ވަނައިގަ އެވެ. މޮނާކޯއާ 2014 ވަނަ އަހަރު ހަވާލުވި ޖާޑިމް އެ ޓީމަށް ހޯދައިދިން ހަމައެކަނި ކާމިޔާބަކީ 2017 ވަނަ އަހަރުގެ ފްރެންޗް ލީގެވެ. އަދި އެ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ ކީލިއަން އެމްބާޕޭ، ތޯމަސް ލޭމާ، ބެނާޑޯ ސިލްވާ އަދި ބެންޖަމިން މެންޑީ މެން ފަދަ ކުޅުންތެރިން މޮނާކޯގައި ކުރިއެރުވި ކޯޗުގެ ގޮތުގަ އެވެ.
އޮންރީ އަކީ ނުވަދިހައިގެ ތެރޭގައި މޮނާކޯ އިން ނުކުތް އެފަދަ އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ. މޮނާކޯގެ ޔޫތު އެކަޑަމީން ތަމްރީންވެ އޭނާ ވަނީ ސީނިއާ ޓީމަށް 1994 އިން 1999 އަށް ކުޅެ 1997 ވަނަ އަހަރު ފްރާންސް ލީގު ކާމިޔާބުކުރި އެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ޔުވެންޓަސް ބަދަލުވި ނަމަވެސް އެންމެ ސީޒަނަކަށް ފަހު އެ ކްލަބުން އޭނާ އާސެނަލަށް ވިއްކާލީ އެވެ. އޮންރީގެ ވިދުވަރު ފެށުނީ އެ ހިސާބުންނެވެ. އާސެނަލަށް އަށް އަހަރުގެ ތެރޭގައި 369 މެޗު ކުޅެދީ 226 ގޯލް ޖަހައިދީ ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރި އެވެ. އޮންރީ 2014 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކް ރެޑްބުލްސް އިން ކެރިއަރު ނިންމާލީ ބާސެލޯނާގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެ ޓީމާ އެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދި އެވެ.
ފްރާންސްގެ ރަން ޖީލުގައި ހިމެނިގެން އޮންރީ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި 2003 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. ގައުމީ ޓީމަށް 123 މެޗުން 51 ގޯލް ޖަހައިދިނެވެ.