މޮރީނިއޯއާ އެކު އަލުން މަސައްކަތްކުރަން ހަޒާޑް ބޭނުންވޭ
މޮރީނިއޯއާ އެކު އަލުން މަސައްކަތްކުރަން ހަޒާޑް ބޭނުންވޭ

ލަންޑަން (އޮކްޓޯބަރު 14) – ކުރީގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު އަލުން މަސައްކަތްކުރަން ބޭނުންވާ ކަމަށް ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑް ބުނެފި އެވެ.

ޗެލްސީއާ 2012 ވަނަ އަހަރު ގުޅުނު ހަޒާޑް ވަނީ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން 2015 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު އެ ތަށި އުފުލާލި އެވެ.

ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު، މޮރީނިއޯ މިހާރު ކޯޗުކޮށްދޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

"އަހަރެން އަލުން މަސައްކަތްކުރަން ބޭނުންވަނީ ކޮން ކޯޗަކާ އެކު ތޯ މިވަގުތު އަހައިފި ނަމަ އަހަރެންގެ ޖަވާބަކަށްވާނީ މޮރީނިއޯ،" ހަޒާޑް ބުންޏެވެ. "އާދަޔާހިލާފަށް ޑިފެސިވްކޮށް ކުޅުވާ ކޯޗެއްގެ ގޮތުގައި މޮރީނިއޯއާ މެދު ދެކޭ ދެކުން މުޅިއަކުން ރަނގަޅެއް ނޫން."

މޮރީނިއޯގެ ކޯޗުކަމުގައި ހަޒާޑް ކުޅުނު ދެ އަހަރުގެ ތެރެއިން ލީގު ކާމިޔާބުކުރި ސީޒަނުގައި 14 ގޯލް ޖަހައި، ޕީއެފްއޭފެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އެކަމަކު ޖެހިގެން އައި ސީޒަނުގެ މެދަކާ ހަމައިން މޮރީނިއޯ ވަކިކުރިއިރު ހަޒާޑްގެ ފޯމު ދަށްވެ، ލަނޑެއް ނުޖެހޭތާ 24 މެޗު އޮތީ ހަމަވެފަ އެވެ.

"އަހަރެންގެ 12 އަހަރުގެ ކެރިއަރުގައި ގޯސް އެންމެ ސީޒަނެއް ދިޔައީ. މޮރީނިއޯއާ އެކު ހޭދަކުރި ފަހު ހަ މަސް. އެކަމުގައި ވެސް އަހަރެންގެ މައްސަލައެއް ވެސް އެބައޮތް. ތަށްޓަށް ފަހު އަހަރެމެން އެދުނިން މޮރީނިއޯ ގާތު ޗުއްޓީއަށް އިތުރު ދުވަސްތަކެއް. އަހަރެން އެނބުރި އައިއިރު ހުރީ ފިޓްނަސް ގެއްލިފައި،" ހަޒާޑް ބުންޏެވެ.

މޮރީނިއޯ މި ވަގުތު ހުރީ ވެސް އޭރު ޗެލްސީއާ އެކު ހުރި ފަދަ ހާލަތެއްގަ އެވެ. ފުރަތަމަ އަށް މެޗަށް ފަހު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. އޭނާ ދެންމެ ދެންމެ ވަކިކޮށްފާނެހެން ހީވި ނަމަވެސް މިހާރު ބެލެވެނީ މި ސީޒަން ނިމެންދެއް ބަހައްޓާނެ ކަމަށެވެ. އަނެއްކޮޅުން ޗެލްސީ އޮތީ އާ ކޯޗު މައުރީޒިއޯ ސާރީއާ އެކު، ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރަށް 20 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެ ޓީމުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ މި ސީޒަނުގައި ހަޒާޑެވެ.