ފޯރިގަދަ މެޗުން މޮޅުވެ ޕޮލިހަށް ރަނގަޅު ފެށުމެއް
ފޯރިގަދަ މެޗުން މޮޅުވެ ޕޮލިހަށް ރަނގަޅު ފެށުމެއް

ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިސް ކްލަބުން ހުޅުމާލެ ސްޕޯޓްސް ކްލަބް 3-2 ސެޓުން ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ޕޮލިހުގައި މި ފަހަރު ހިމެނެނީ މި އަހަރު ސީލައިފަށް ކުޅޭނެ ކަމަށް ބެލެވުނު ކުޅުންތެރިންނެވެ. ސީލައިފް މުބާރާތުގައި ބައިވެރިނުވެ އެވެ.

އަލީ ހުޒާމް (ހުޒާންޓެ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ މޮޅު ކުޅުމާ އެކު ޕޮލިހުން ފުރަތަމަ ސެޓު ގެންދިޔައީ 25-18 އިންނެވެ. ހުޅުމާލެ ޓީމުގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި މުހައްމަދު އަހުސަން (ސޮޮއްޓި) ހިމެނެ އެވެ. މުހިއްމު ވަގުތުގައި ތަޖުރިބާގެ ބޭނުންކޮށް ހުޅުމާލެ އިން ދެ ވަނަ ސެޓު ގެންދިޔައީ 24-26 އިންނެވެ.

ތިން ވަނަ ސެޓުގައި ހުޅުމާލެ ޓީމަށް ގިނަ ގޯސްތަކެއް ހެދުނުއިރު އޭގެ ފައިދާ ޕޮލިސް ޓީމުން ނެގި އެވެ. މި ސެޓުގައި ޕޮލިހުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިހުން މި ސެޓު ގެންދިޔައީ 25-21 އިންނެވެ. އާ ހިތްވަރެއް ލައިގެން ހުޅުމާލެ ޓީމުން ހަތަރު ވަނަ ސެޓަށް ނުކުމެ ރަނގަޅު ކުޅުމެއް ދައްކައި 21-25 އިން ސެޓު ގެންދިޔަ އެވެ. މި ސެޓުގައި ކުޑަކާއްޓެ އާއި ހުސެއިން ރައްޒާންގެ ޝޮޓުތައް ހުއްޓުވަން ޕޮލިހަށް އުނދަގޫވި އެވެ.

ދެ ޓީމު އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ސެޓުގެ ބޮޑުބައި ދެ ޓީމު ހަމަހަމަކޮށް ދިޔައިރު ފަހު ކޮޅުގައި ޕޮލިހުން ކުރި ހޯދީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ޕާކިސްތާނުގެ މުރާދު ޖީހާންގެ މޮޅު ކުޅުމާ އެކު އެވެ. ކުރިން ސިފައިންނާއި މޯލްޑިވިއަން އަށް ކުޅުނު މުރާދުގެ ބާރު ޝޮޓުތަކާ އެކު ޕޮލިހުން މި ސެޓު ގެންދިޔައީ 15-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުރާދެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނީ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާ ވާދަކޮށް ޕޮލިސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ. ފޮނަދޫ ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ކްލަބް ވެމްކޯ އަތުން މޮޅުވެފަ އެވެ.

މިއަދު ހަވީރު ކުޅޭނީ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޕޮލިހާއި ވެމްކޯ ކުޅޭ މެޗެވެ. އެ މެޗުން ޕޮލިސް މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ޓީމު ބައްދަލުކުރާ ސެމީ މެޗުންނެވެ.

މިރޭ ކުޅޭ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި މަލްސަން ސްޕޯޓްސް ކްލަބް އެވެ.