16 އޮކްޓޯބަރ 2018 - 07:18

ދުނިޔޭގެ އެކި ހިސާބުތަކުން މުދާ އުފުލައިދޭ ޑީއެޗްއެލް އިން ޑްރޯންގައި މުދާ އުފުލާ ޚިދުމަތް ކަމަށްވާ ޕާސެލްކޮޕްޓަ" ޓެންޒޭނިއާގައި ވެސް ކާމިޔާބުކޮށްފި އެވެ.

މީގެ ކުރިން ޕާސެލްކޮޕްޓަރުގެ ޚިދުމަތްދިނީ ޖަރުމަނުގެ ފަރުބަދަމަތީ އަވަށަކާއި މައި ސަހަރާ ދުރުގައި އޮންނަ ކުޑަ ރަށަކަށް އެކަންޏެވެ.
ޖަރުމަނުގައި ވެސް ޕާސެލްކޮޕްޓަ ކުރި މައިގަނޑު މަސައްކަތަކީ ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމެވެ. ޓެންޒޭނިޔާގައި ވެސް އެ ޑްރޯނަށް އޮތީ އެމަސައްކަތެވެ. ޖަރުމަނުގެ ވިންގްކޮޕްޓަ ކުންފުނީގެ މި އުފެއްދުން ފަރުމާކޮށްފައިވަނީ ހެލިކޮޕްޓަރެއް ޖައްސާ ގޮތަށް ފަސޭހައިން ހުރަހަށް ގޮސް ތިރިކުރެވޭ ގޮތަށެވެ. ގަޑިއަކު 150 ކިލޯމީޓަރަށް އުދުހުމުގެ ގާބިލްކަން މިއަށް ލިބިފައިވެއެވެ. މި ޑްރޯންގެ ޚާއްސަ ކޮމްޕާޓްމަންޓެއްގެ ތެރޭ 6 ކިލޯގެ މުދާ ރައްކާކުރެވެއެވެ. ފުރިހަމައަށް ޗާޖުކޮށްގެން 100 ކިލޯމީޓަރު ކަޑައްތުކުރެވޭނެއެވެ.
ޓެންޒޭނިޔާގައި ޕާސެލްކޮޕްޓަރު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ޑެލިވާ ފިޔުޗާ ޕްރޮޖެކްޓްގެ ދަށުން މި ޑްރޯން، ދުވާލަކު ހަތް ދަތުރު ކުރިއެވެ. އަދި ހަ މަސް ދުވަހަށް ކުރިއަށްދިޔަ މި ޕްރޮޖެކްޓްގައި ޖެހުނީ ޓެންޒޭނިޔާގެ މުވާންޒާގައި ހުންނަ ގުދަނަކުން ލޭކް ވިކްޓޯރިޔާގައި އޮންނަ ކުޑަ ރަށެއްކަމަށްވާ އުކުރޭވޭގެ ހޮސްޕިޓަލަށް ބޭސްފަރުވާގެ ތަކެތި އުފުލުމެވެ.
މުވާންޒާގެ ބުގާންޑޯ މެޑިކަލް ސެންޓަރަށް އެނބުރި ދަނީ ލޭގެ ސާމްޕްލް ފަދަ ތަކެތި ހިފައިގެންނެވެ. އާންމުކޮށް އެއްގަމު މަގުން މި ދެމެދުގައި ދަތުރުކުރަން ހަ ގަޑިއިރު ހޭދަވާނެއެވެ. ފެރީއެއްގައި ނަމަ ހަތަރު ގަޑިއިރެވެ. މި ދެމެދުގެ ދުރުމިނުގައި ހުންނަނީ 60 ކިލޯމީޓަރެވެ. ގަޑިއަކު 130 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކޮށްގެން ޕާސެލްކޮޕްޓާއިން 40 މިނިޓުން ދަތުރެއް ނިންމާލިއެވެ. ޓެންޒޭނިޔާގައި ޑީއެޗްއެލްއިން، ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެން ހިންގި މި ޕްރޮޖެކްޓްގައި ޖުމުލަ 2،200 ކިލޯމީޓަރަށް މި ޑްރޯން ދަތުރުކުރިއެވެ. އަދި އެ ހަ މަސްދުވަހުގެ ތެރޭގައި 2000 މިނިޓަށްވުރެ ގިނައިރު އުދުހުނެވެ.