ޖަރުމަން އަތުން ނެދަލެންޑްސް ބޮޑު މޮޅެއް ހޯދައިފި
ޖަރުމަން އަތުން ނެދަލެންޑްސް ބޮޑު މޮޅެއް ހޯދައިފި

އެމްސްޓްރެޑަމް، ނެދަލެންޑްސް (އޮކްޓޫބަރު 14) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ޖަރުމަނު އަތުން 3-0 އިން ނެދަލެންޑްސް އިން ބޮޑު މޮޅެއް ހޯދައިފި އެވެ. މިއީ ނެދަލެންޑްސްގެ ތާރީހުގައި ޖަރުމަނު އަތުން ވާދަވެރި މެޗެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ.

އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތަށް ކޮލިފައިނުވެ ނެދަލެންޑްސް ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓިފައި އޮއްވައި އެ ޓީމާ ހަވާލުވުމަށް ފަހު ރޮނާލްޑް ކޫމަން އަންނަނީ އެ ޓީމު ކުރިން އޮތް ހިސާބަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން ބަލިވި ނަމަވެސް ރޭ ޖަރުމަނު އަތުން ހޯދި ބޮޑު މޮޅާ އެކު ނެދަލެންޑްސް އަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. އެއީ ޔޫރަޕްގެ ގަދަބާރެއް އަތުން މިދިޔަ ދެ އަހަރު ތެރޭ ވާދަވެރި މެޗެއްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ ކަމަށްވުމުންނެވެ.

"މި ނަތީޖާ އަކީ މި ގައުމުގެ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދާ ކަމުގެ ހެއްކެއް،" ކޫމަން ބުންޏެވެ.

ރޭގެ މެޗުގައި ނެދަލެންޑްސް އަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ހުރަސް ދަނޑީގައި ޖެހިފައި ހުސްކޮށް ލިބުނު ބޯޅައެއް ވެން ޑައިކް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޖަރުމަނަށް ނަތީޖާ ހަމަހަމަ ކޮށްދޭން ޖަރުމަނުގެ ޓިމޯ ވާނާ އާއި ލެރޯއި ސާނޭ އަދި ތޯމަސް މުލާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އޭގެ އިތުރުން ޖަރުމަނުން ފޮނުވާލި ގިނަ ހަމަލާތަކެއް ނެދަލެންޑްސްގެ ކީޕަރު ޔެސްޕާ ސިލިސަން ވަނީ މަތަކޮށްފަ އެވެ.

ނެދަލެންޑްސްގެ ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު ކޮޅުގަ އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ނެދަލެންޑްސްގެ ލީޑުފުޅާކޮށްދިނީ މެމްފިސް ޑީޕާއި އެވެ. އިތުރު ވަގުތުގައި ނެދަލެންޑްސްގެ ތިން ވަނަ ލަނޑު ޖެހީ ޖިނީ ވައިނަލްޑަމް އެވެ.

މި ނަތީޖާއާ އެކު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމުން ލޯގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވުނު ނަމަވެސް ޖަރުމަނުގެ އެފްއޭ އިން ވަނީ ލޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފަ އެވެ. އެކަމަކު މި ފަހަރު ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުން ބަލިވުމުން ލޯގެ މުސްތަގުބަލާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

"އަހަންނަށް އެނގޭ މި ޓީމާއި އަހަންނާ ބެހޭގޮތުން ބަހުސެއް ކުރިއަށްދާކަން. އަހަރެމެންނަށް އެކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ދަނޑުމަތީގައި ކުރަން ޖެހޭ ކަންތައް ނިންމުން. ނަތީޖާ ނެރުން. ދެން އޮތް ފްރާންސް މެޗުން އެކަން ކުރަން ބޭނުން،" ލޯ ބުންޏެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޗެކް ރިޕަބްލިކް ވަނީ 2-1 އިން ސްލޮވާކިއާ ބަލިކޮށްފަ އެވެ. ޑެންމާކާއި އަޔަލެންޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.