14 އޮކްޓޯބަރ 2018 - 10:52

ވޮޝިންޓަން (އޮކްޓޯބަރު 14) - ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލުމުގެ ޒިންމާ ސައުދީ އަރަބިއާ އިން އުފުލަން ޖެހޭ ނަމަ އެ ގައުމަށް "ހަރުކަށި އަދަބު" ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީން ތުހުމަތު ކުރަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށެވެ. ނަމަވެސް ސައުދީން އެކަން ދޮގު ކުރެ އެވެ. ސައުދީ ދާޚިލީ ވަޒީރު ވިދާޅުވެފައި ވަނީ އެކަމުގެ ހަގީގަތް ހޯދަން ރިޔާޒުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ނޫސްވެރިޔާ މަރާލި ކަމަށް ބުނާ ވާހަކައަކީ ތެދެއް ނަމަ އެއީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ.
"އެކަމުގެ އެންމެ ފުނަށް އަޅުގަނޑުމެން ދާނަން. އަދި އަދަބު ހަރުކަށި ވެސް ވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ސައުދީ އަށް އަދަބު ދޭނެ ކަމަށް ވިދާޅުވި ނަމަވެސް އެ ގައުމާ އެކު ގާއިމްކުރި އަސްކަރީ އެއްބަަސްވުންތައް ކެންސަލް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅެއް ނުވެ އެވެ.