14 އޮކްޓޯބަރ 2018 - 11:51

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 14) - އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ގައުމުތަކެއް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ހިއުމަން ރައިޓްސް ކައުންސިލަށް އެންމެ ފަހުން ހޮވި 18 ގައުމުގެ ތެރޭގައި ހިމެނުނު ފިލިޕީންސް، އެރިތުރިއާ، ބަހުރޭން އަދި ކެމަރޫންގެ ކެންޑިޑެސީއާ އދ.ގެ މެންބަރު ގައުމުތަކުން ދެކޮޅު ހެދުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަނީ ޖޫން މަހު ވަކިވެފަ އެވެ. ޖެނީވާގައި ހުންނަ އދ.ގެ ކައުންސިލުގައި ގައުމުތަކަށް ތިން އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެވޭނެ އެވެ. ކައުންސިލަށް މެންބަރުން ހޮވަނީ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުންނެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނީ ކައުންސިލަަށް ހޮވުނު ފިލިޕީންސްގެ ރައީސް ގެންދަވަނީ ޑްރަގާ ދެކޮޅު ހަނގުރާމައެއް ކަމަށް ބުނެ ޝަރީއަތަކައި ނުލައި އެތައް ބަޔަކު ހިފައި ހައްޔަރުކޮށް މަރަމުން ކަމަށެވެ. އަދި އެރިތުރިއާގައި ދަނީ ސަރުކާރަށް ފާޑުކިޔާ މީހުން ހައްޔަރު ކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ. ބަހުރޭނަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތައް ޖަލަށްލާ ގައުމެއް ކަމަށް އެޗްއާރްޑަބްލިއު އިން ބުނެ އެވެ. ކެމަރޫން ސަރުކާރު ސިފައިން ބޮޑެތި ޖަރީމާތައް ހިންގާ ކަމަށް ވެސް ބުނެފައިވެ އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ނިކީ ހޭލީ ވިދާޅުވީ އިންސާނީ ހައްގުތަކުގެ ރެކޯޑް ދަށް ގައުމުތައް ކައުންސިލަށް ހޮވިފައި ވަނީ އެއްވެސް ގައުމަކާ ވާދަކުރުމެއް ނެތި ކަމަށެވެ.
ޔޫއެން ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ބަދަލުގައި ހިއުމަން ރައިޓްސް ކައުންސިލް އދ. އިން އުފެއްދީ 2006 ވަނަ އަހަރު އެވެ.