އޮފީހުގައި ކޮޅަށް ހުރެގެން މަސައްކަތްކުރެވޭ ގޮތް ހެދުމުން ފައިދާ ބޮޑު
އޮފީހުގައި ކޮޅަށް ހުރެގެން މަސައްކަތްކުރެވޭ ގޮތް ހެދުމުން ފައިދާ ބޮޑު

އޮފީހުގެ މަސައްކަތްތައް ކުރުމަށް އަބަދު އިށީނދެގެން އިންނަން ނުޖެހޭ ގޮތަށް، ކޮޅަށް ހުރެގެން ވެސް މަސައްކަތްކުރުމަށް މޭޒެއް ދިނުމުން، އިށީނދެ އިންނަ ވަގުތު މަދުވުމާ އެކު މަސައްކަތަށް ވެސް މާބޮޑަށް ސަމާލު ވެވޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސްގަ އެވެ. އެތަނުގެ މުވައްޒަފުންގެ ތެެރެެއިން ބައެއް މީހުންނަށް، ކޮޅަށް ހުރެގެން މަސައްކަތްކުރެވޭނެ ސްޓޭޝަންތަކެއް ހަދައިދިނެވެ. އަދި ކޮޅަށް ހުރެގެން މަސައްކަތް ކުރުމަށް ޓާގެޓްތަކެއް ކަނޑައެޅި އެވެ.

ބޭނުން ނަމަ އިށީނދެ އަދި ކޮޅަށް ވެސް ހުރުމުގެ އިހްތިޔާރު ދީގެން މި ދިރާސާ އަހަރު ދުވަހު ކުރިއަށް ގެންދިޔަ އެވެ. ނަތީޖާއިން ދެއްކީ އިށީނދެ އިންނަ ވަގުތު، އެހެން މުވައްޒަފުންނާ އަޅާބަލާއިރު ކޮންމެ ދުވަހަކަށް އެއް ގަޑިއިރު މަދުވެގެން ދިޔަ ކަމެވެ.

ކޮޅަށް ހުރެގެން މަސައްކަތްކޮށް، އިށީނދެ އިންނަ ވަގުތު މަދުކުރި މުވައްޒަފުން ބުނި ގޮތުގައި އެ މީހުންނަށް މަސައްކަތުން ލިބޭ ވަރުބަލިކަން ކުޑަވެ މަސައްކަތަށް ސަމާލުކަން ދެވޭ މިންވަރު ވެސް އިތުރުވެގެން ދިޔަ އެވެ.

ދިރާސާއިން ހާމަވި މުހިންމު އަނެއް ކަމަކީ، ތަދު އެރުމާއި ގައިގައި ރިއްސުން ފަދަ މައްސަލަތައް ވެސް، ކޮޅަށް ތިބެގެން މަސައްކަތްކުރުމުގެ އިހްތިޔާރު ދިން މުވައްޒަފުންގެ ކިބައިން ފެނުނު ވަރު މަދުވެގެން ދިޔުމެވެ.

ގިނައިރު އިށީނދެ އިނުމަކީ ސިއްހީ ގޮތުން ނުރައްކާ ވަރަށް ގިނަ ކަންކަމަށް ހުށަހެޅޭ ކަމެއްކަން ދިރާސާތަކުން ހާމަވެ އެވެ. ވަޒީފާގެ ވަގުތުގައި ވެސް ހަރަކާތްތެރިކަން އިތުރުވާނެ ގޮތަށް އޮފީސް މާހައުލު ބަދަލު ކުރުމަށް ސިއްހީ މާހިރުން ލަފާދެ އެވެ.