ގޭގެ ފްރިޖްގައި އިންސިއުލިން ބެހެއްޓުން ބުއްދިވެރިއެއް ނޫން
ގޭގެ ފްރިޖްގައި އިންސިއުލިން ބެހެއްޓުން ބުއްދިވެރިއެއް ނޫން

ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަންޖެހޭ އިންސިއުލިން ގޭގެ ފްރިޖްގައި ބެހެއްޓުން ބުއްދިވެރި ނޫން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

"ހެލްތު ޑޭ ރިޕޯޓާ" ގައި ބުނެފައިވާ ގޮތުން، އިންސިއުލިން އަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ އެއްޗަކަށް ވާއިރު ގޭގެ ފްރިޖުގައި އެ ބަހައްޓައިގެން އުޅޭއިރު ފިނިހޫނުމިނަށް އަންނަ ބަދަލެއް އަދި އެކަމުގެ ސަބަބުން އިންސިއުލިންގެ މަސައްކަތަށް ބަދަލުތަކެއް އަންނަކަމެއް ގިނަ މީހުންނަކަށް ނޭނގެ އެވެ.

އިންސިއުލިން ފިނިކޮށްފައި ނަމަ ބަހައްޓަން ޖެހޭނީ 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. އަދި އާންމުކޮށް ބޭނުންކުރުމަށް ވަޔަލް (ވެކްސިން ފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ ފުޅި) ގައި ނުވަތަ ޕެން ގައި ގެންގުޅޭ ނަމަ ފިނިހޫނުމިން ބަހައްޓަން ޖެހޭނީ 2-30 ޑިގްރީސެލްސިއަސްއާ ދެމެދުގަ އެވެ.

ހަކުރު ބަލި ހުންނަ މީހުން ގޭގެ ފްރިޖުގައި އެތައް މަހެއް ވަންދެން އިންސިއުލިން ގެންގުޅެ އެވެ. އަދި މިކަމުގެ ސަބަބުން އިންސިއުލިން އަށް ކޮށްފާނެ ނޭދެވޭ އަސަރާ މެދު މާބޮޑަށް ނުވިސްނާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

އެމެރިކާ އާއި ޔޫރަޕްގައި އުޅޭ، ހަކުރު ބަލި ހުންނަ 388 މީހަކު އިންސިއުލިން ގެންގުޅޭ ފިނިހޫނުމިން ދުވާލަކު 480 އަށް ވުރެ ގިނަ ފަހަރު، 49 ވަންދެން ބަލައިގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި 79 ޕަސެންޓް، ފިނިހޫނުމިން ހުންނަންޖެހޭ މިންގަނޑުން ބޭރުވެފައިވެ އެވެ.

"ގޭގައި ބޭނުންކުރާ ފްރިޖަކީ ފިނިހޫނުމިން ވަރަށް ބޮޑަށް މަތިވެ ދަށްވާ އެއްޗެއް. ފްރިޖުުގައި އިންސިއުލިން ގެންގުޅެނީ މިކަން އެހާ ބޮޑަށް ނޭނގޭތީ،" މި މަހު 5 ގައި ނިމުނު ޔޫރަޕިއަން އެސޯސިއޭޝަން ފޮ ދަ ސްޓަޑީ އޮފް ޑައެބެޓީސްގެ ބައްދަލުވުމަށް ހުށަހެޅި ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާގައި ބުނެފައި ވަނީ ގޭގައި އިންސިއުލިން ގެންގުޅޭ ނަމަ އިންސިއުލިން ބަހައްޓާ ފްރިޖެއްގައި ވަކި ތާމޮމީޓަރެއް ހަރުކޮށް، ފިނިހޫނުމިން ރަނގަޅަށް ބެހެއްޓޭކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.