ވީއޭއެމްގެ ސީނިއާ ނައިބު ރައީސް ރަނޭ އިސްތިއުފާ ދެއްވައިފި
ވީއޭއެމްގެ ސީނިއާ ނައިބު ރައީސް ރަނޭ އިސްތިއުފާ ދެއްވައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ލީޑަޝިޕާ އެކު ކުރިއަށްދެވޭނެ މާހައުލެއް ނެތުމާއި އަދި އެއްވެސް ކަމަކަށް ހައްލެއް ލިބޭނެ އަލިމަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، އެސޯސިއޭޝަންގެ ސީނިއާ ނައިބު ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވައިފި އެވެ.

ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އިންތިހާބުވެވަޑައިގަތް ޓީމުގައި ހިމެނިގެން މިހާތަނަށް އެ މަސައްކަތުގައި މަގާމުން ވަކިނުވެ ހުންނެވީ ރަނޭ އެވެ. ރަނޭ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަޒާންދާރެއްގެ ގޮތުގައި ލަތީފްއާ އެކު މަސައްކަތް ފެށްޓެވި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގައި ސީނިއާ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރި އެވެ.

ރަނޭއާ އެކު ދެން ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އައްޔަންކުރީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. މީގެ ތެރެއިން މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން މާލީ ހާލަތު ދަށްވެ، ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިއާ ރަނޭ "މިހާރަ"ށް ވިދާޅުވީ މަގާމުގައި ހުރި ނަމަވެސް މި އަހަރު މާޗް މަހުން ފެށިގެން އެއްވެސް ކަމެއް ކުރެވޭނެ މާހައުލެއް ނެތް ކަމަށާއި އިސްތިއުފާ ދޭން ޖެހުނީ އެއްވެސް ހައްލެއް ނުފެނިގެން ކަމަށެވެ.

"ހަގީގަތުގައި ސެންޓްރަލް ޒޯނުގެ ބައްދަލުވުމަށް ފަހު އެއްވެސް ކަމެއް ކުރެވޭނެ މާހައުލެއް ނެތް. ލީޑަޝިޕްގައި އޮތީ ނުރަނގަޅު ނުފޫޒުތަކެއް. ހަގީގަތުގައި ބޭނުމެއް ނުވީ މި މަގާމުގައި ހުރެ މި ކުޅިވަރަށް މިވަރުގެ ގެއްލުމެއްވާ މަންޒަރު ބަލަން. ރާއްޖޭގެ ދެ ވަނަ އަށް އެންމެ މަގުބޫލު ކުޅިވަރަށް މިހާ ދަށު ދަަރަޖައަކަށްދާން ޖެހޭއިރު މީގެ އަޅުގަނޑު ބޮލުގައި ވެސް ޒިންމާ އެޅޭތީ ހައްލެއްވެސް ލިބެން ނެތުމުން އިސްތިއުފާދިނީ،" ރަނޭ ވިދާޅުވި އެވެ.

ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް އަމިއްލަ ވަގުތު ހުސްކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މިއަދާ ހަމައަށް ވެސް މަޑުކުރި އެންމެ ބޮޑު ސަބަބަކީ މަގާމުގައި ހުރެ ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވީ އެވެ.

"އަމިއްލަ ވަގުތު ހުސްކޮށްގެން ވޮލީގެ ޑިވެލޮޕްމެންޓަށްޓަކައި ގިނަ ޕްލޭންތަކެއް ހެދިން. އެ އެއްޗެހި ކަރުދާހުގައި ލިޔެ އެހެން މަސައްކަތްތަކެއް ވެސް ކުރިން. އެކަމަކު އެ އަށް އަމަލީ ސިފައެއް ގެނެވޭނީ ލީޑަޝިޕާ އެހެނިހެން ދިމަދިމާލުން ވެސް އެހީވެގެން. އެކަމަކު ފެނުނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނޫން. މީގެ ތެރޭގައި ތިބި މީހުން ވެެސް މި ކުޅިވަރަށް އެހާ ސަމާލުކަމެއް ނުދޭތަން ފެނުނީ،" ރަނޭ ވިދާޅުވި އެވެ.

ރާއްޖޭގެ ވޮލީބޯޅަ މި ވަގުތު އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށާއި މިއީ ވޮލީބޯޅަ އާއިލާ ވަރަށް ބޮޑަށް މާޔޫސްވެފައި އޮތް ވަގުތެއްގެ ގޮތުގައި ރަނޭ ސިފަކުރެއްވި އެވެ.

"މިއީ ގައުމީ ފެންވަރުގައި ރާއްޖޭގައި ވޮލީ ކުޅޭތާ 50 އަހަރު ފުރޭ އަހަރު. ފަންސާސް ވަނަ މުބާރާތް ކުރިއަށްދާއިރު ފޯރިއެއް ނެތް. ޓީމުތައް އޮތީ މާލީގޮތުން ހާލުގައިޖެހިފައި. އެސޯސިއޭޝަންގައި ނެތް ޓީމުތަކުގެ ހާލަތު ރަނގަޅުކުރެވޭނެ ކެޕޭސިޓީއެއް. ކަންތައްތައް ރަނގަޅަށް ޕްލޭންކުރެވިފައި ހުރި ނަމަވެސް އެކަން ކުރަން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުނު،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު ވޮލީބޯޅައިގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް ހިނގައިދިޔަ އެވެ. އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި މިދިޔަ ދެ އަހަރުގައި ގިނަ މައްސަލަތަކެއް ވަނީ ހިނގައި ގޮސްފަ އެވެ. މުބާރާތް ކުރިއަށްދާ ގޮތާ މެދު ރިސޯޓްތަކުގެ ޝަކުވާތައް ގިނަވިއިރު، ބައެއް މެޗުތަކަށް ޓީމު ހާޒިރުނުވުން ވެސް ހިމެނެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބުނު މުއްދަތަށް މުބާރާތްތައް ފައްތަން ޖެހޭ ކަމަށް ބުނެ ވީއޭއެމުން ވަނީ ގައުމީ ލީގު ކެންސަލްކޮށްފަ އެވެ. ރަނޭ ވިދާޅުވީ ވީއޭއެމް އަށް ކޯޓު ލިބިފައި އޮތް މުއްދަތުގެ ތެރޭގައި ގައުމީ ލީގު ވެސް ކުޅެވޭ ގޮތަށް ކުރިން ރާވާފައިވާނެ ކަމަށާއި އެކަމަކު އެކަން ވެސް ނުކުރެވިދިޔައީ އެސޯސިއޭޝަންގެ އިދާރީ ހިންގުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ވީއޭއެމްގެ ރައީސްކަމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށް މުހައްމަދު ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަން އަދި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން ބޭއްވި އިންތިހާބުގައި ރިޔާޒް ވާދަނުކުރައްވަ އެވެ.