13 އޮކްޓޯބަރ 2018 - 16:03

އަބޫދާބީ (އޮކްޓޯބަރު 13) - އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރަކު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ފަސް މަސް ވަންދެން ހިފަހައްޓައިފައިވާ ކަމަށް އޭނާގެ އަންހެނުން ބުނެފި އެވެ.

ދުރްހަމް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވާ މެތިއު ހެޖަސް ހިފަހައްޓާފައި ވަނީ އެއީ ޖޫސޫސެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާގެ އަންހެނުން ޑެނިއަލާ ތެޖާޑާ ބުނެފައި ވަނީ ހެޖަސްގެ ހައްގުތަކަށް ކޮންމެ ދުވަހަކު އަރައިގަންނަމުންދާ ކަމަށެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެފައި ވަނީ އެ މައްސަލަ ޔޫއޭއީގެ ކަމާބެހޭ އޮފިޝަލުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ޓައިމްސް އިން ބުނީ އުމުރުން 31 އަހަރުގެ ހެޖަސް މެއި 5 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ހައްޔަރު ކުރީ ރިސާޗް ދަތުރެއް ނިންމާލުމަށް ފަހު ފުރަން ގޮސްހުއްޓައި ކަމަށެވެ. އޭނާ ރިސާޗް ކުރަމުން ދިޔައީ އަރަބި ސްޕްރިންގެ ސަބަބުން ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށާއި ސަލާމަތަށް ކުރި އަސަރާ ގުޅޭ ގޮތުންނެވެ.
އޭނާގެ މައްސަލައިގެ އަޑުއެހުމެއް އަބޫ ދާބީގެ ކޯޓުގައި ބުދަ ދުވަހު ބޭއްވި ނަމަވެސް އެ އަޑު އެހުން މެދުކަނޑާލުމަށް ފަހު މިހާރު ވަނީ މި މަހު 24 ވަނަ ދުވަހަށް ތާވަލް ކޮށްފަ އެވެ.
މެތިއު ހެޖަސްގެ އާއިލާ އިން ބުނެފައި ވަނީ މަހެއް ވަންދެން އޭނާ ފެންނުވަރުވާ ބެހެއްޓި ކަމަށެވެ. އަދި ފުރަތަމަ ތިން މަހު ނިންދަވާފައި ވަނީ ތަޅުންގަނޑު މަތީގައި ކަމަށް ވެސް ބުނެފައިވެ އެވެ. އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ މުވައްޒަފުން ދެ ފަހަރެއްގެ މަތިން ވަނީ ހެޖަސް އަށް ޒިޔާރަތް ކޮށްފަ އެވެ.