13 އޮކްޓޯބަރ 2018 - 15:35

ލަންޑަން (އޮކްޓޯބަރު 13) - ސައުދީ އަރަބިއާގައި އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލަން މަޝްހޫރު ބިލިއަނަރު ރިޗަޑް ބްރެންސަން ނިންމައިފި އެވެ.
ބްރެންސަންގެ ބިޔަ އިންވެސްޓްމަންޓް މަޑުޖައްސާލަން ނިންމާފައި މި ވަނީ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިލޭޓަށް ވަން ގޮތަށް ގެއްލުނު މައްސަލައިގަ އެވެ. ބްރެންސަންގެ ކުންފުނިން ދިޔައީ ސައުދީގައި ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓަކަށް އިންވެސްޓް ކުރަން މަޝްވަރާ ކުރަމުންނެވެ.
ނޫސްވެރިޔާ ޚާޝޮގްޖީ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ދިޔައީ ރަސްމީ ލިޔެކިޔުންތަކެއް ނިންމުމަށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީން ތުހުމަތުކޮށްފައި ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށެވެ.
"ނޫސްވެރިޔާ ގެއްލުނު މައްސަލާގައި ތުރުކީގައި ކަންތައްވީ ގޮތް ކަމަށް ބުނާ ވާހަކަތައް ތެދު ނަމަ ހުޅަނގުގެ އެއްވެސް ބަޔަކަށް ސައުދީއާ އެކު ވިޔަފާރި ކުރުމުގެ ކުޅަދާނަ ކަމެއް ލިބިގެނެއް ނުވާނެ،" ބްރެންސަން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްވެރިޔާ މަރާލި ކަމަށް ބުނާ ވާހަކަތައް ސައުދީން ދޮގު ކުރެ އެވެ.