14 އޮކްޓޯބަރ 2018 - 07:37

ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ދެއްކި ވާހަކަތަކާ އެކު މުޅި ބޮލީވުޑް ހޭލައްވާލައިފި އެވެ. ކުރިން ވެސް ބޮލީވުޑަކީ ފިރިހެން ފަންނާނުންގެ ފަރާތުން އަންހެން ފަންނާނުންނަށް އެކި ކަހަލަ ފުރައްސާރަ އާއި ގޯނާތައް ކުރިމަތިވާ ކަމަށް އަޑު އަރާފައިވާ އިންޑަސްޓްރީއެކެވެ. އެކަމަކު "ކާސްޓިން ކައުޗް" ހަޑި އަދި އަނދިރި ފަރާތުގެ ވާހަކަ މިހާތަނަކަށް ގިނަ ބަތަލާއިން ދައްކައެއް ނޫޅެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކެރިއާ ހަލާވުދާނެތީ އެވެ.
ބަތަލާއަކު ބޮލީވުޑްގައި ކުރިއަށް ދާން ބޭނުންވާ ނަމަ، އޮންނަ އެންމެ ފަސޭހަ އެއް މަގަކީ ޕްރޮޑިއުސަރަކު ނުވަތަ ޑައިރެކްޓަރަކު ނުވަތަ އެކްޓަރަކު އެދޭހާ ކަމެއް ކޮށްދީގެން، އެ ވާހަކަ ސިއްރުކޮށްގެން ކެރިއާއެއް ބިނާ ކުރަން ގަބޫލުވުމެވެ. ހިތާ ދެކޮޅަށް ނަމަވެސް، ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނަކީ މި ކަހަލަ މަޖުބޫރީ ހާލަތެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެކެވެ.
ބޮލީވުޑްގައި މިހާރު ފުރައްސާރަތަކާ ދެކޮޅަށް އަންހެން ފަންނާނުން ނުކުމެ، ފާޅުގައި ވާހަކަ ދައްކަން ފެށުމާ އެކު، އެތައް ބަޔަކު މިހާރު ވެސް ބޭޒާރުވެއްޖެ އެވެ. މީގެ ތެރޭގައި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ހިމެނެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި މިހާރު ޖިންސީ ފުރައްސާރަތަކާ އެކު، ބޭޒާރުވާ މީހުންގެ ވާހަކަތައް ނޫން ވާހަކައެއް ނެތެވެ. މިހާރު ކަންތައްތައް ދާ ގޮތުން ސަލާމަތުން ހުރި އެކަކު ނުހުންނާނެ ހިސާބަށް ބޮލީވުޑްގެ "މީޓޫ މޫވްމަންޓް" މިހާރު ވަނީ ފުޅާވެފަ އެވެ.
ކެރިގެން ވާހަކަ ދައްކާ އަންހެނުންނަށް ގިނަ ބަޔަކު އަންނަނީ ސާބަހާއި ހިތްވަރު ވެސް ދެމުންނެވެ. އަނެއްކޮޅުން ބޭޒާރުވާ މީހުން ދަނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
ހަމަމިއާ އެކު ބައެއް ޑައިރެކްޓަރުންނަށް ދެން މަސައްކަތެއް ނުލިބޭހާ ވަރަށް އެ މީހުންގެ ވާހަކަތައް .ބައެއް ބަތަލާއިން ވަނީ މީޑިއާތަކަށް ތިލަކޮށްފަ އެވެ. ތުހުމަތުތައް މިހާތަނަށް އެޅުނު ފަންނާނުންނާ އެކު މަސައްކަތް ނުކުރަން ވެސް އެތައް ބަޔަކު ވަނީ ނިންމައިފަ އެވެ.
އާމިރު ހާނާއި އަކްޝޭ ކުމާރާއި އަދި އަނިލް ކަޕޫރު ފަދަ ނުފޫޒު ގަދަ އެކްޓަރުން މިހާރު ވަނީ ގޮތެއްފޮތެއް ނެތް މީހުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވަރަށް ފާޅުގައި ބުނެފަ އެވެ. އަދި ބޮލީވުޑްގައި މަސައްކަތް ކުރާ އަންހެން ފަންނާނުންގެ ދިފާއުގައި އެ މީހުން އަބަދު ވެސް ތިބޭނެ ކަމުގެ ޔަގީން ވަނީ ދީފަ އެވެ.
ބޭޒާރުވަަމުންދާ މީހުންގެ ލިސްޓް ދިގުވަމުންދާ އިރު، ހޫނު ފެނުގައި ތިބި މީހުންގެ ތެރޭގައި އެކްޓަރު ނާނާ ޕަޓޭކަރް، ޒުލްފީ ސައީދު، ޒައިން ދުއްރައިން، އަލޯކް ނާތު، ޕިޔޫޝް މިޝްރާ، ލަވަކިޔުންތެރިޔާ ކައިލާޝް ކޭޝް، އަނޫ މަލިކް، އަބިޖީތު ބަޗަރިއާ، ޑައިރެކްޓަރު ވިކާސް ބާލް (ކްއީން)، ސުބާޝް ކަޕޫރް (ޖޮލީ އެލްއެލްބީ)، ސުބާޝް ގާއީ (ރާމް-ލަކަން)، ސާޖިދު ހާން (ހައުސްފުލް)، ލަވް ރަންޖަން (ސޯނޫ ކޭ ޓިޓީ ކީ ސްވީޓީ)، އުމޭޝް ގަޅްގް (ކިޔާ ކޫލް ހެ ހަމް 3)، ސޯމިކް ސެން (ގުލާބް ގޭންގް)، ޕްރޮޑިއުސަރު އަދި ޓީ ސީރީޒް ހިންގުމާ ހަވާލުވެ ހުރި ބުޝަން ކުމާރު، ކަރީމް މޮރާނީ (ޗެންނައި އެކްސްޕްރެސް) އަދި ލިޔުންތެރިޔާ ވަރުން ގްރޯވާ (ސެކްރެޑް ގޭމްސް) ފަދަ ފަންނާނުން ހިމެނެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މި ލިސްޓް އިތުރަށް ދެނިގެން ދާނެ އެވެ. ކިތައް މީހުން ބޭޒާރުވެ ބޮލީވުޑަށް ކުރިއަށް އޮތް ތަނުގައި ހިންދެމިލެވޭނީ ކިހާ ވަރަށް ބާވަ އެވެ.
ގިނަ އަންހެން ފަންނާނުން ބުނާ ގޮތުގައި ލައްކަ ދުވަހު ކެތްކޮށްލައިގެން ހިމޭނުން ތިބެވިއްޖެ އެވެ. ދެން އެ މީހުން މަޑަކުން ނުތިބޭނެ އެވެ. ގޯނަތަކާއި ފުރައްސާރަތަކުގެ ވާހަކަ މިހާ ފުޅާކޮށް، މިހާ ހާމަކަން ބޮޑުކޮށް ގިނަ ބަޔަކަށް ދައްކަން މިހާރު ކެރެނީ ސޯޝަލް މީޑިއާ ވެސް ހުޅުވިފައި އޮތްލެއް ބޮޑުކަމުންނެވެ.
ކުރިން ކޮންމެ ކޮންމެ މީހަކަށް އަޑު އުފުލޭނެ ޕްލެޓްފޯމެއް ނެތުމުން، ހިތްދަތި ތަޖުރިބާތައް އެތެރެ އަށް ހިންދާލައިގެން ތިބެނީ އެވެ.