ބެލޮންޑިއޯ އެވޯޑް ހައްގީ މޮޑްރިޗަށް: ހަޒާޑް
ބެލޮންޑިއޯ އެވޯޑް ހައްގީ މޮޑްރިޗަށް: ހަޒާޑް

ލަންޑަން (އޮކްޓޯބަރު 13) – މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ހައްގު ކަމަށް ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑެން ހަޒާޑް ބުނެފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން މޮޑްރިޗް ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޔުއެފާގެ އެވޯޑް ވެސް އުފުލާލައިފަ އެވެ. ހަޒާޑް ބުނީ ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގުގައި މޮޑްރިޗް ދެއްކި ކުޅުމާ އެކު އޭނާ އެވޯޑުގެ ފޭވަރިޓަކަށް ވެއްޖެ ކަމަށެވެ.

"އަހަންނަށް ހިޔެއް ނުވޭ އެވޯޑް ލިބޭނީ އަހަންނަށް ކަމަށް. އަހަރެން ގަބޫލުކުރަނީ ލޫކާ މޮޑްރިޗަށް އެވޯޑް ހައްގު ކަމަށް،" ހަޒާޑް ބުންޏެވެ. "ބުނެވިދާނެ ރަފައެލް ވަރާން އަށް ވެސް ހައްގޭ. ސަބަބަކީ އޭނާ އެންމެ މުހިއްމު ދެ ޓްރޮފީ ކާމިޔާބުކޮށްފައިވާތީ. އެއީ އެއްވެސް ކުޅުންތެރިޔަކަށް ހާސިލްކުރެވުނު ކަމެއް ނޫން."

އެކަމަކު ހަޒާޑް ބުނީ އޭނާ އަށް ގަބޫލުކުރެވެނީ މޮޑްރިޑް އެވޯޑް ކާމިޔާބުކުރާނެ ކަމަށް ކަމަށެވެ. އަދި އެ އެވޯޑް ވެގެންދާނީ ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގުގައި އޭނާ ދެއްކި ކުޅުމުގެ ހައްގު އިނާމް ކަމަށް ހަޒާޑް ގަބޫލުކުރެ އެވެ.

ބެލޮންޑިއޯ އެވޯޑް 2008 ގެ ފަހުން ލިއޮނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކަށް ނުލިބެ އެވެ. ނޭމާ، އެންޓޮއިން ގްރިޒްމަން، މެނުއަލް ނޯޔާ، ފްރޭންކް ރިބެރީ، ޒަވީ އަދި ފެނާންޑޯ ޓޮރޭޒް ފަދަ ކުޅުންތެރިން ގަދަ ތިނެއްގައި ހިމެނުނު ނަމަވެސް މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލެވިފައެއް ނުވެ އެވެ. މި ފަހަރު ގަދަ ތިނެއްގައި ހިމެނޭނެ ކަމަށް ލަފާކުރެވެނީ ޔުއެފާ އެވޯޑާއި ފީފާ އެވޯޑަށް ވެސް ވާދަކުރި މޮޑްރިޗާއި ރޮނާލްޑޯ އަދި މުހައްމަދު ސަލާހު ކަމަށް ބެލެވެ އެވެ.