11 އޯގަސްޓް 2016 - 08:45

އަހުމަދު ޒަރީރުގެ ލިޔުނު ސްކްރީންޕްލޭއަކަށް ހަދަން ނިންމި "1962 ތެނަދޫ" ގެ ޑައިރެކްޓަރަކަށް ހަމަޖެއްސި އަބްދުލް ފައްތާހް އެ ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް، ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލާ ހެދި ދެން ނުކުރާނެ ކަމަށް ބުނެފި އެވެ.

ފައްތާހު ބުނީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހެދި ބިލް އޮތް ގޮތުން އޭނާ އެ ފިލްމް ޑައިރެކްޓް ކުރަން މިހާރު ބޭނުން ނުވާ ކަމަށެވެ. އެހެންވެ ފިލްމަށް ދެން ވާނެ ގޮތަކާ ދޭތެރޭ ހައްތާ ވެސް ހުރީ ސުވާލުތަކެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް ފާސް ކުރުމުގެ ކުރިން ވެސް އޮތީ، ގދ. ތިނަދޫ ކައުންސިލުން ހަދަން ނިންމި މި ޑޮކިއުމަންޓްރީ ފިލްމުގެ މަސައްކަތް ހުއްޓާލަން ހޯމް މިނިސްޓްރީން އަންގައިފަ އެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ހަދަން ނިންމި ފިލްމް ހޯމް މިނިސްޓްރީން ހުއްޓުވާލީ ފިލްމުގެ ސަބަބުން "މަސްލަހަތު ގެއްލި ދާނެ" ކަމަށް ބުނެފަ އެވެ.
ތިނަދޫ ކައުންސިލަރު ސައުދު އަލީ ވިދާޅުވީ ފިލްމާ ބެހޭ ގޮތުން މިހާރު ވަކި އެއްޗެއް ބުނަން ކައުންސިލަށް ވަރަށް ދަތި ކަމަށެވެ.
"އެ ބުނާ އަބުރުގެ ބިލެއް ފާސް ކުރުމުގެ ކުރިން ވެސް މި ޕްރޮޖެކްޓް އޮތީ ހުއްޓުވާލާފައި. ދެން އެ ބިލް ތަސްދީގުކޮށް ގާނޫނަކަށް ވެގެން ދިއުމާ އެކު މި ޕްރޮޖެކްޓަކަށް ވާނެ ގޮތަކާ ދޭތެރޭ އެއްޗެއް ދަންނަވަން ވަރަށް ދަތި،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ފިލްމް ހެދިދާނެތޯ ނުވަތަ ނޫންތޯ އެއީ އަޅުގަނޑުމެންގެ ވެސް އެންމެ ބޮޑު ސުވާލަކީ."
ފައްތާހު ބުނީ އަބުރުގެ ރައްކާތެރި ކުރުމުގެ ނަމުގައި ފާސްކުރި ބިލުން ފިލްމީ ދާއިރާ މަރާލައިފި ކަމަށެވެ. އަދި ހަގީގީ ހާދިސާތަކުގެ މައްޗަށް ފިލްމް ހެދުމަކީ މިހާރު އޮތް ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ހިޔާލީ ވާހަކަތަކަށް ހަދާ ފިލްމުތަކުގައި ޑިސްކްލެއިމާއެއް ހިމަނާލުމުން ފުދުނަސް، ފިލްމީ ދާއިރާ މިހާރު އޮތް ހާލަތަށް ބަލާ އިރު، އެއީ އުފެއްދުންތެރި ކަމަށް އޮތް ހުރަހެކެވެ. ރާއްޖޭގައި މިހާރު ވަރަށް ތަފާތު ވައްތަރުގެ ފިލްމުތައް އެބަ ހަދަ އެވެ. ހާއްސަކޮށް މުޖުތައު ތެރޭގައި ހުރި ހަގީގީ މައްސަލަތަކަށް ބިނާކޮށްގެންނާއި ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ހާދިސާތައް ސްކްރީނަށް ގެންނަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިހާރު ވަަރަށް ބޭނުންވެ އެވެ.
އެކަމަކު ހިޔާލު ފާޅުކުރުން ހަނިކޮށް ފަސޭހައިން ކުށްވެރިވާ ގޮތަށް ހެދި ބިލުން އުފެއްދުންތެރިކަމަށް ހުރަސް އެޅިއްޖެ އެވެ. ކައްކަންވީ އަދިވެސް ހިޔާލީ ފޮލަ އެވެ. އުފައްދަންވީ ލޯބީގެ ހިޔާލީ މެލޮޑްރާމަތެކެވެ.
"އަޅުގަނޑަކީ މީގެ ކުރިން ވެސް ފިލްމީ ދާއިރާގެ މައްސަލައެއްގައި ކޯޓަށް ދުވަން ޖެހުނު މީހެއް. މިހާރު އަދި އަމުދުން އެއްޗެއް ހަދައިފިއްޔާ ކޯޓަށް ދާން ނުޖެހޭނެ ކަމާ ދޭތެރޭ އެއްވެސް ޔަގީން ކަމެއް ނެތް،" ތާރީހީ ހާދިސާތަކެއްގެ މައްޗަށް ކުރިއަށް ހުރި ޕްރޮޖެކްޓްތަކެއް ވެސް ބައްޓަން ކުރެވިފައިވާކަން ފާހަގަކޮށް އޭނާ ބުންޏެވެ. "އެހެންވެ މިހާރު އަބުރުގެ ބިލް އޮތް ގޮތުން އަޅުގަނޑުގެ ތިން ހަތަރު ޕްރޮޖެކްޓެއް ހުއްޓުމަކަށް މިއައީ."
ފައްތާހު ބުނީ އެ ބިލަކީ ފިލްމީ ދާއިރާ ކަހަލަ ކްރިއޭޓިވް މަސައްކަތްތައް ނައްތާލައި ފިލްމީ ދާއިރާ "މަރާލި" ބިލެއް ކަމަށެވެ. އަދި މިއީ މި ދާއިރާ ކުރިއަރަމުން ދަނިކޮށް ފަހަތަށް ސޮއްސުވާލި ބިލެއް ކަމަށް ބުންޏެވެ.
މީގެ އިތުރުން އަބުރުގެ ބިލްގައި "ދޯހަޅި" އެތައް މާއްދާތަކެއް އެބަހުރިކަން އޭނާ ފާހަގަކުރި އެވެ.
ފައްތާހް ބުނީ ފިލްމީ ދާއިރާ އަށް މި ލިބުނު ގެއްލުމުގެ ޒިންމާ މަޖިލީހުގައި ތިއްބެވި ދާއިރާއާ ގުޅުން ހުރި މެމްބަރުން އުފުއްލަވަން ޖެހޭނެ ކަމަށް ބުންޏެވެ.
"އެހެންވެ ބޮޑަށް ގަބޫލުކުރެވެނީ ނޭނގިގެން ތިބެ ކުރި ކަމަކަށް ވުރެ ބޮޑަށް ގަސްތުގައި ހަމަ މި ދާއިރާ ނައްތާލަން، ފިލްމީ ދާއިރާ މަރާލަންކޮށްފައި އޮތް ކަމެކޭ،" ފައްތާހު ބުންޏެވެ. "އަޅުގަނޑު ދަންނަވާނީ މީގެން ވާ ގެއްލުން އެ ބޭފުޅުން ވެސް ފަހުން އުފުއްލަވަން ޖެހިވަޑައިގަންނަވާނޭ. އެފަދަ ދުވަހެއް އައިސް ދާނެ."
އަބުރުގެ ބިލުން ފިލްމީ ދާއިރާ އަށް ކުރިމަތިވެދާނެ ލޮޅުންތަކުގެ ވާހަކަތައް، އެ ބިލް ފާސް ކުރުމުގެ ކުރިން ވެސް އެ މެމްބަރުންނާ ދާއިރާގެ މީހުން ވަރަށް ބޮޑަށް ހިއްސާ ކުރި އެވެ. އެކަމަކު ބިލް ފާސް ކުރީ ގާތްގަނޑަކަށް ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ބައެއް ކަންކަމަށް ކުޑަ ލުޔެއް ދިޔަސް ޖުމުލަ ގޮތެއްގައި ފެންނަނީ ކުރިއަށް ވުރެ ވެސް ނުރައްކާ ކޮށެވެ.