ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ހޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑިޒްނީން ގެނެސް ދީފައިވާ ގިނަ އެނިމޭޓެޑް ފިލްމުތަކެއްގެ ލައިވް-އެކްޝަން ފިލްމުތަކެއް ގެނެސް ދޭން މިހާރު އަންނަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމަށް ލިބުނު ބޮޑު ތަރުހީބާ އެކު، ހަގީގީ އެކްޓަރުންނާ އެކު ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "އަލައްދިން"، ޑަމްބޯ"، "ލަޔަން ކިންގް"، "ޕިނޯކިއޯ"، "ލޭޑީ އެންޑް ޓްރޭމްޕް"، "މުލާން"، "ދަ ސްވޯޑް އިން ދަ ސްޓޯމް" އަދި "ލީލޯ އެންޑް ސްޓިޗް" ހިމެނެ އެވެ.

އެމާ ވަޓްސަން އާއި ޑޭން ސްޓީވެންސް އަދި ލޫކް އިވެންސް ފަދަ ތަރިންނާ އެކު ގެނެސް ދިން "ބިއުޓީ އެންޑް ދަ ބީސްޓް" އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެ އެއް ފިލްމު ވެސް މެ އެވެ. ބިލް ކޮންޑޮން ޑައިރެކްޓް ކުރި ފިލްމަށް ބޮކްސް އޮފީހުގައި 1.264 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ވަރަށް ގިނަ ބަޔަކު މިހާރު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ޓީޒާ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ. މި ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ މެނާ މައްސޫދެވެ. ފުރަތަމަ ޓީޒާ ވެސް ދައްކައިލީ އޭނާ ހިމަނައިގެންނެވެ.

"އަލައްދިން" ގައި ޕްރިންސެސް ޖޭސްމިން ގެ ރޯލުން ނައޮމީ ސްކޮޓް ފެނިގެންދާ އިރު، ޖިންނި ޖެނީގެ ރޯލުން ފެނިގެން ދާނީ މަޝްހޫރު އެކްޓަރު ވިލް ސުމިތެވެ.

ގައި ރިޗީ ޑައިރެކްޓްކޮށްފައިވާ "އަލައްދިން" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި، 24، 2019 ގަ އެވެ.

މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ދެވަނަ ބައެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ. ސީކްއެލް ވެސް ލިޔެ، ޑައިރެކްޓް ކުރާނީ ޕްރިކްއެލް ގެނެސް ދިން ރަޔަން ކޫގްލާ އެވެ. އަދި މި ފަހަރު ވެސް "ބްލެކް ޕެންތާ" ގެ ޓައިޓްލް ރޯލުން ފެނިގެން ދާނީ ޗާޑް ބޯޒްވިކެވެ. އަދި އޭނާއާ އެކު އޭ ލިސްޓް ކާސްޓެއް ދެވަނަ ބައިން ވެސް ފެނިގެން ދާނެ އެވެ.

މާވެލް އިން ގެނެސްދޭ "ބްލެކް ޕެންތާ" ގެ ދެވަނަ ބައިގެ މަސައްކަތް ފަށާނެ އިރަކާއި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރި "ބްލެކް ޕެންތާ" އަށް ބޮކްސް އޮފީހުގައި ޖުމްލަ 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމު ހަދަން ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް 2010 މިލިއަން ޑޮލަރެވެ.

"ބްލެކް ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި މައިކަލް ބީ ޖޯޑަން، ލުޕިޓާ ނިއޮންގޯ، މާޓިން ފްރީމަން، ވިންސްޓަން ޑޫކް އަދި އެންޖެބޭ ބެޒޭ ފަދަ ތަރިން ހިމެނެ އެވެ.

އެމީ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ސައުންޑް މިކްސާ ޖޭމްސް އެމްސްވިލާ އިމާރާތެއްގެ ދެވަނަ ބުރިން ބުރާސްފަތި ދުވަހު ވެއްޓި ލިބުނު ސީރިއަސް ޒަަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ ފަރުވާ ދެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޕިޓްސްބާގްގައި މި ހާދިސާ ހިނގާފައި ވަނީ ޓޮމް ހޭންކްސް މިހާރު ކުޅެމުން އަންނަ ބައޮގްރަފިކަލް ޑްރާމާ "ޔޫ އާ މައި ފްރެންޑް" ގެ ޝޫޓިންގެ ތެރޭގައި ނެގި ބްރޭކެއްގައި، ޖޭމްސް، 61، އިމާރާތެއްގެ ދެވަނަ ބުރީގައި ސިނގިރެޓެއް ބޯން ހުއްޓަ އެވެ. ނަމަވެސް އޭނާ ވެއްޓުނީ ކިހިނެއް ކަމެއް ނޭނގެ އެވެ.

ޖޭމްސްއަކީ ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއްގެ ސައުންޑް މިކްސާއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ދި އެވެންޖާޒް"، "ޖެކް ރީޗާ"، "ދަ ފޯލްޓް އިން އަވާ ސްޓާޒް"، "ފޮކްސްކެޗާ" އަދި "ކަންކަޝަން" ހިމެނެ އެވެ. ޖޭމްސް އަށް އެންމެ މޮޅު ސައުންޑް މިކްސިންގެ އެމީ އެވޯޑް ލިބުނީ 2015 ގައު ގެނެސް ދިން ކްއީން ލަތީފާގެ ލިމިޓެޑް ސީރީޒް "ބެޒީ" އިންނެވެ.

ޖޭމްސްގެ މަސައްކަތް ފެނިގެން ދާނެ ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ މާޗްގައި ރިލީޒް ކުރާ ކޭޓް ބްލެޝެޓްގެ "ވެއާ ވުޑް ޔޫ ގޯ ބާނަޑެޓް" ހިމެނެ އެވެ.

"ޔޫ އާ މައި ފްރެންޑް" އަކީ އެމެރިކާގެ ނުފޫޒު ގަދަ ޓީވީ ޝަހުސިއްޔަތެއް ކަމަށްވާ ފްރެޑް ރޮޖާޒްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގައި އޭނާގެ ރޯލު ކުޅެނީ ހޭންކްސް އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 18، 2019 ގަ އެވެ.