ދިހައެއް: ސެކްރެޓަރީ
ދިހައެއް: ސެކްރެޓަރީ

ކާރާއި ލޮރީތައް ބާރުބާރަށް ދުއްވާފައި ދެ އެވެ. މަގުގެ ކޮންމެ ފަޅިއެއްގައި ދެ ލޭނު ހަދާފައިވެ އެވެ. ބައެއް ފަހަރަށް ދުއްވާ އެއްޗެހި ވަރަށް މަދުވެ އެވެ. އަނެއް ބައި ފަހަރަށް ގިނަވެ، މަގު ހުރަސްނުކުރެވި، އެތައް އިރަކު ވެސް މަޑުކުރަން ޖެހިދެ އެވެ.

ލަންޑަންގެ ކާރޫބާރޫ ބޮޑު ހިސާބާ ތަންކޮޅެއް ދުރުގައި ހުރި އެ ގެއިން ނުކުމެގެން، މަގުގެ އަނެއް ފަރާތަށް ހުރަސްކުރަން ވެގެން މަޑުކޮށްލައިގެން ސާއިގާ އާއި އަނެއް ދެ ކުދިން ތިބި ތަނުގައި ފާތިރު ހުރީ ހިޔާލުތަކަށް ގެއްލިފަ އެވެ. އޭނާ ލަންޑަނަށް އަންނަންދެން ސާއިގާ ވަޅުނުލާ އޮތެވެ. ޖަނާޒާގެ ކަންކަން ނިންމާފައި، އޭނާ ރޭ މަސައްކަތްކުރީ ނިދާލެވޭތޯ އެވެ. އެކަމަކު އޭނާގެ އަމިއްލަ ގެއާ ކައިރީގައި ހުރި ހޮޓަލުގެ އެނދުގައި ފުރޮޅި ފުރޮޅި އޮވެވުނީ އެވެ.

ޖަނާޒާ އަށް ފަހު އަނެއް ދެ ކުދިން ފާތިރާ އެކު ގޮސް، ސާއިގާ އެކްސިޑެންޓްވި ތަން ދެއްކި އެވެ. އަދި އެދުވަހު އޭނާ މަޑުކޮށްގެން ހުރި ޕޮއިންޓް ވެސް ކިޔައިދިނެވެ. ފާތިރު މިހާރު ހުއްޓިގެން އެހެރީ އެތަނުގަ އެވެ. އޭނާގެ ހިޔާލަށް އަރައިފައިބަމުން ދިޔައީ ދަލޭކަދައިތަގެ ވާހަކަތަކެވެ. ސާއިގާ އެދުވަހު އެ ހުރަސްކުރީ ހަމަ ޔަގީނުން ވެސް ނޭނގޭ ބާރެއްގެ ސަބަބުންނެވެ. ހިނިތުންވެފައި އޭނާ ދާން އެ އުޅުނީ ގާތް މީހަކު ފެނިގެންނެވެ. އަސްލު ދުނިޔޭގައި އެވަގުތު ހިނގި ހުރިހާ ކަމެއް ސާއިގާގެ ސިކުނޑިން ފޮހެވި، އޭނާ އަށް މަގު ފެނުނީ އަމާންކޮށެވެ. އޭނާ އެ އުޅުނީ އެ މީހެއްގެ ކައިރި އަށް ދާށެވެ.

ފާތިރު ނޫން ދެން އެހެން މީހަކާ އެގޮތަށް ބައްދަލުކުރަން ސާއިގާ ހިނގައިގެންފާނެ ހެއްޔެވެ؟ ނުވެސް ބުނެ ބޭބެ އައިސް އެވަގުތު އެހުރީ އޭނާ އަށް ސަޕްރައިޒެއް ދޭންވެގެންނޭ ސާއިގާގެ ހިތަށްއެރީ ކަންނޭނގެ އެވެ. އަޖައިބެއް ކަހަލަ އެ ބާރުގައި ޖެހި، މަރުގެ ތުންފަތް މައްޗަށް ޒުވާން އެ އަންހެން ކުއްޖާ ގެންގޮސް ވައްޓާލީ، ދެވަނަ އެހެން މީހެއްގެ ސަބަބަކުންނެއް ނޫނެވެ؛ އޭގެ ޒިންމާ ނަގަން މިއަދު ޖެހިފައި އެވަނީ ފާތިރަށެވެ.

އޭނާގެ ލޮލަށް ކަރުނަތައް ޖަމާވި އެވެ. ކުރިމަތިން ބާރަށް ދުއްވާފައި ދިޔަ ވެހިކަލްތައް ބައެއް ފަހަރަށް ފުސްވަމުން އަ އެވެ. ދެ ލޯ އަވަހަށް މަރާލުމާ އެކު އެސްފިޔަތަކުގައި، ކަރުނައިގެ ފިނިކަން ހިފާލި އެވެ.

"ފާތިރު...." އަންހެނަކު ގޮވާލި އަޑު އިވުނެވެ. އޭނާ ބަލައިލި އެވެ. ޖެހިން ހުރީ އޭނާގެ ސެކްރެޓަރީ ސުހާނާ އެވެ. ފާތިރުގެ މޫނަށް ބަލަހައްޓައިގެން ހުރެ ދިއްކޮށްލި ޓިޝޫގައި އޭނާ ހިފި އެވެ. ދެން އެއިން ދެ ލޯ ފޮހެލި އެވެ.

"ސާއިގާ މަތިން ހަނދާންވަނީ މާ ބޮޑަށް،" ފާތިރު ބުނެލި އެވެ.

ސުހާނާ އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުރީ އެވެ. އޭނާގެ ވެރިޔާއާ މާ ގިނަ ވާހަކަ ދެއްކުމަކީ ސުހާނާގެ އާދައެއް ނޫނެވެ. އޭނާ ދަސްކުރީ ބުނާ ކަމެއް، ފާތިރު ހިތްހަމަޖެހޭ ގޮތަށް ކުރާށެވެ. މި ދަތުރުގައި ކުއްލިއަކަށް ފުރައިގެން އައީ ވެސް ފާތިރުގެ އެދުމަކަށެވެ. އޭނާ ދުވަހަކު ވެސް އެގޮތަށް ދެރަވެ، ލޮލުން ކަރުނަ ހިލިފައި ހުރި މަންޒަރެއް، މިދިއަ ދެ އަހަރު ދުވަހުގެ ތެރޭގައި ސުހާނާ އަށް ފެނިފައެއް ނުވެ އެވެ. އޭގެ ކުރީގެ ގޮތެއް ނޭނގެ އެވެ. އެ އޮފީހުގެ ދޮރުން އެތެރެއަށް ފިޔަވަ އެޅި ފަހުން ސުހާނާއާ ބައްދަލުވަމުން ދިޔައީ އުފާވެރި، ސުމާޓް، އުމުރަށް ވުރެ މާ ހަގުކޮށް ފެންނަ ހިތްހެޔޮ ފާތިރެވެ. އެ ދިރިއުޅުމުގައި ހިތާމައެއް، ޝަކުވާއެއް އޮތްކަމުގެ އެއްވެސް ކުލައެއް ސުހާނާގެ ސަމާލުކަމަށް އައިސްފައެއް ނުވެ އެވެ.

ފިއްލަދޫގައި ހުރެފައި، ރޭގަނޑު ކުއްލިއަކަށް ގުޅާ، އޭނާގެ ކިބައިން ފާތިރު ފުރަތަމަ އެދުނީ ލަންޑަނަށް އެއް ޓިކެޓް ބުކްކުރާށެވެ. އެކަމަކު އަނެއް ދުވަހު ހެނދުނު ބުނީ، ހާދިސާގެ ގޮތުން، އެހެން މީހަކު އޭނާއާ އެކު ދާން ޖެހޭ ކަމަށާއި މިފަހަރު ސުހާނާ ގެންދަން ބޭނުން ކަމަށެވެ. މިއީ ޔޫރަޕަށް ސުހާނާ ކުރި ފުރަތަމަ ދަތުރެވެ. ދުވަހަކު ހިތަށް ވެސް އެރި ކަމެއް ނޫނެވެ.

ރާއްޖޭގެ ނިސްބަތުން މުއްސަނދި، ދީލަތި އަދި އިންސާނިއްޔަތުކަން އެހާމެ ބޮޑު، މީހެއްގެ ކައިރިން ވަޒީފާއެއް ލިބޭނެ ކަމަކަށް ސުހާނާ އުއްމީދެއް ވެސް ނުކުރެ އެވެ. އެކަމަކު އޭނާގެ އުފާވެރިކަން ގެއްލިފައި އޮތް، ބުރަ ބޮޑު ހަޔާތް، ފަސޭހަ ދިރިއުޅުމަކަށް ބަދަލުކޮށްލި ފުރުސަތު ލިބުނީ ވެސް އުއްމީދު ނުކޮށް ހުއްޓަ އެވެ.

ސުހާނާގެ ނަޒަރު ތޫނެވެ. ފާތިރުގެ ލޮލު ތެރެއަށް ޖަމާވި ކަރުނައިގެ އަސަރެއް މިހާރަކު ނެތެވެ. އެކަމަކު ފާތިރުގެ ކުރު ޖުމްލަ އަށް ފަހު، ދެ މީހުންނަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސުހާނާ އަށް އާވަމުން ދިޔައީ އޭނާގެ ދިރިއުޅުމުގެ ހަނދާންތަކެވެ. ފާތިރުގެ ވިސްނުމުގައި ރަޖާ ލައިގެން އޮތީ ސާއިގާގެ ކުއްލި މަރެވެ.

"ހިނގާ ދަމާ! މިތާ ކައިރީގައި ހުންނާނެ އިންޑިއަން ރެސްޓޯރެންޓެއް،" ފާތިރު އެންމެ ފަހުން ބުންޏެވެ.

ދެ މީހުން، ދުވާރު މަތިން މަޑުމަޑުން ހިނގައިގަތެވެ. ވިއްސަކަަށް މިނިޓް ފަހުން، ފާތިރާއި ސުހާނާ އިނީ، ބިއްލޫރިގަނޑުން މަގުމަތި ފެންނަ ގޮތަށް ހުރި މޭޒެއް ކައިރީ އިށީދެ، އިންޑިއާ ކެއުން ކާށެވެ.

"ސާއިގާ އަބަދުވެސް އަހަރެން ގާތު ބުނަމުން ދިއައީ ފިޒިކްސްގެ ދާއިރާ އިން ޕީއެޗު.ޑީ ނަގާނަމޭ. އޭނާ ވަރަށް ބޮޑަށް ބޭނުންވި ސައިންސްވެރިޔަކަށް ވާން. އަހަރެން ލައްވާ އަބަދުވެސް ގަނުވާނީ ޖައްވާ ބެހޭ ފޮތްތައް. ޕްލެނެޓް މާސް އަކީ އޭނާގެ އެއް ވަނަ. މާސްއާ ބެހޭ ރަނގަޅު ފޮތެއް ވިއްޔާ ހުންނާނެ ގޭގައި،" ފާތިރު ވާހަކަ ދައްކަމުން ދިޔަ އެވެ. ސުހާނާ މަޑުމައިތިރިކަމާ އެކު، ބައެއް ފަހަރަށް ކާން ވެސް ނޭނގިފައި، އިނީ އެވެ.

"މަރަކީ މިކަހަލަ އެއްޗެއް. ގަބޫލުކުރަން ޖެހޭނީ،" ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ފާތިރަށް ބުނެވުނެވެ.

ކެއުން ކުރިއަށް ދިޔައީ ވަރަށް ލަސްކޮށެވެ. އެއްޗެހި މީރެވެ. އެކަމަކު ފާތިރުގެ ކުރިމަތީގައި މާ އަވަސް އަރުވާލައިގެން ކެއުން ނިންމާލެވޭ ވަރަށް ވުރެ ސުހާނާގެ ލަދުވެތިކަމާއި އިހުތިރާމް ބޮޑެވެ. އެހެންކަމުން އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފާތިރުގެ ހަރަކާތްތަކަށެވެ. އޭނާގެ ބޮސް ކަމުން ދިޔައީ، ހީކުރި ވަރަށް ވުރެ މާ ލަސްކޮށެވެ. ސާއިގާގެ ހަނދާންތަކުގެ އުނދަގުލުން ސަލާމަތްވެވޭހާ ވަގުތެއް ފާތިރަކަށް އަދި ނުލިބެ އެވެ. މުޅި މީހާ އަށް ހުއްޓުން އަންނަވަރުގެ މާޒީގެ ތަސްވީރުތައް، މިވަގުތު ވެސް، ކުރެހެމުން ދާނެ އެވެ.

މާޒީ އަކީ، އެއްގޮތަކުން ބަލާއިރު، ވަރަށް ހިތި އެއްޗެކެވެ. ލޯބިވާ މީހަކު ދުނިޔެ ދޫކުރުމުން، އޭނާގެ އުފާވެރި ހަނދާންތަކުން ވެސް ހިތަށް ލިބެނީ އަނިޔާއެކެވެ. ނުވަތަ ލޯބިވެރިންނާ އެކު ހޭދަކުރި ހިނިތުންވުމުގެ ވަގުތުތައް، ފަހުން ސިކުނޑި އަށް ވެރިވެގަންނަނީ، "އެދުވަހު އެކަން އެގޮތަށް ނުވި ނަމަ" އޭ ބުނާ ފާޑަކަށެވެ. ބައެއް ފަހަރަށް ހިތް ދެވެނީ މުޅިން ނުބައި މީހަކަށެވެ. ބައެއް ފަހަރަށް ހަޔާތުގެ ރަނގަޅު މީހާއާ ބައްދަލުވެވެނީ މާ ފަހުންނެވެ.

ސުހާނާ އަށް ދުނިޔެ ދަސްކޮށްދިނީ، ފާތިރަށް ކުޑަކޮށް ވެސް ރޭކާލާފައިނުވާނެ ފަދަ، ފިލާވަޅުތަކެކެވެ. އެ ތަޖުރިބާތަކުން އޭނާގެ ދިރިއުޅުމުގައި ޖެހެމުން އައި ތަނބުތައް މާ ވަރުގަދަ އެވެ. އޭނާގެ ހަޔާތް އާ ފެށުމަކުން ފެށީ އެވެ. މާޒީ މަތިން މުޅިން ހަނދާން ނައްތާނުލެވުނަސް، އެއާ ދުރަށް ދިޔަ އެވެ. ކޮޅަށް ތެދުވެވޭ ވަރަށް ވުރެ ގައިގެ ބާރު ދެރަކޮށްލި ރުއިންތަކުން އޭނާ ސަލާމަތްވި އެވެ. ކައިރީގައި އޮވެ، ރޮމުން ދިޔަ ދަރިފުޅު ނަގައި ބައްދާލައި، އޭނާ އަށް އަޅާލެވޭ ވަރަށް ހިތްވަރު ނެރުނެވެ.

މިއަދު ލަންޑަންގެ ރީތި އިންޑިއަން ރެސްޓޯރެންޓެއްގެ ތެރޭގައި، މުއްސަނދި ދިވެއްސެއްގެ ސެކްރެޓަރީއެއްގެ ގޮތުން ސުހާނާ އެ އިނީ އޮޔާ ގެއްލެމުން ދިޔަ ދިރިއުޅުމެއް ކޮޅަށް ޖަހާލަން އޭނާ ކުރި މަސައްކަތް ކާމިޔާބުވުމުންނެވެ. އޭނާއާ ދިމާއަށް މާ ބޮޑު ބެލުމެއް ނެތި، މަޑުމަޑުން ކަމުން ދިޔަ ފާތިރަށް ސުހާނާގެ ހިތުގައި އޮތީ ޝުކުރެވެ. އޭނާ އަށް އެ ވަޒީފާ ހޯދައިދިނީ ފާތިރުގެ ގާތް އެކުވެރިއެއް ކަމަށްވާ ޒަވީން އެވެ. ޒަވީން އަކީ، ސުހާނާގެ ހަޔާތަށް ކުރިމަތިވި އެ ބިރުވެރި ހާދިސާ ތަހުގީގުކުރި ޓީމުގެ އެންމެ އިސް ފުލުހެވެ.

ސުހާނާ ވަރަށް ރީއްޗަށް ފާތިރާ ދިމާއަށް ބަލައިލި އެވެ. އޭރު ވެސް އޭނާ އިނީ ލަސްލަހުން ކާށެވެ. ތަށީގެ އެއް ފަރާތުގައި ބާއްވާފައި އޮތް ނާނުން އެތިކޮޅެއް ނައްޓާލެވެނީ ވެސް ވަރަށް މަސައްކަތުންހެން ހީވެ އެވެ.

ކުއްލިއަކަށް ސުހާނާއާ ދިމާއަށް ފާތިރު ބަލައިލި އެވެ. ސުހާނާ ވަގުތުން ތައްޓާ ދިމާއަށް އިސްޖަހާލި އެވެ.

"އެބަ އަންނަން އަތް ދޮވެލައިގެން،" ތަށި ކައިރީގައި އޮތް ބޮޑު ޓިޝޫއަކުން އަތް ފޮހެލާފައި، ތަށީގައި ބާއްވަމުން، ފާތިރު ބުނެލި އެވެ. ދެން އޭނާ ތެދުވެގެން، އަތް ދޮންނަ ތަނާ ދިމާއަށް ހިނގައިގަތެވެ.

ފާތިރު ތެދުވި އިރު، އޯޑަރުކުރި އެއްޗެހީގެ ދެބައި ކުޅަ އެއްބައި ވެސް ހުހެއް ނުވެ އެވެ. ސުހާނާ އަށް އިތުރަށް ދެން ކާކަށް ނުކެރޭނެ އެވެ. ފާތިރު އެނބުރި އައިސް، ގޮނޑީގައި އިށީނެވެ. ކަޅު ސައިތަށިން އެތިފޮދެއް ބޯން ޖޯޑުގައި ހިފާލި ވަގުތު ސުހާނާ، ކެއުން ހުއްޓާލައިގެން އިންތަން ފެނުނެވެ.

"ސޮރީ ސުހާނާ. އަހަރެން މާ އަވަހަށް ދޯ މި ނިންމާލީ. ކެއުން ކުރިއަށް ގެންދޭ،" ރީތި ގޮތަކީ އޭނާގެ ދައުވަތަށް އައި އޭނާގެ މުވައްޒަފު ކާ ނިމެންދެން އަތް ނުދޮވެ މަޑުކޮށްލުންކަން އިހުސާސްވުމުން، އެއިން ރެކެންވެގެން، ފާތިރު ބުންޏެވެ.

"ނޫން، އަހަރެން ވެސް ބަނޑު ފުރިއްޖެ،" ތެދުވަމުން ސުހާނާ ބުންޏެވެ.

"ހަމަ ޔަގީންތަ؟" ފާތިރު އަހާލި އެވެ.

"މި ހުރިހާ އެއްޗެއް ކާނީ ކިހިނެއް؟" އެހެން ބުނެފައި ސުހާނާ ހިނގައިގަތެވެ.

ފާތިރު މަޑުމަޑުން ސައި ބޯން ފެށި އެވެ.

ސުހާނާ އަކީ އޭނާ ހީކުރި ކަހަލަ އަންހެނެއް ނޫނެވެ. ޒަވީން ކިޔައިދިން ވާހަކަތަކުން ފާތިރު ނިންމީ ޒުވާން އެ އަންހެން ކުއްޖާ އަށް އޭނާގެ އޮފީހުން ވަޒީފާއެއް ދޭށެވެ. ހަމައެކަނި މަގުސަދަކަށް ވެފައި އޮތީ، އެހާ ބޮޑު ހިތާމައެއް، އަދި އެހާ ބޮޑު ނިކަމެތިކަމެއް ލިބުނު ކުއްޖަކަށް ދިރިއުޅުން ކުރިއަށް ގެންދެވޭނެ ފަދަ މަގެއް ހޯދައިދިނުމެވެ.

ފާތިރަކީ، އޭގެ ކުރިން، އެއްވެސް އިރެއްގައި އަމިއްލަ ސެކްރެޓަރީއެއް ގެންގުޅުނު މީހެއް ނޫނެވެ. އެކަމަކު އިންޓަވިއުއަށް ގެނައި ދުވަހު ސުހާނާ ފެނިފައި ފާތިރު ނިންމީ ހަމައެކަނި އޭނާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރާށެވެ. އޭރުން ތަންކޮޅެއް ލުއިވެފައި، ދެ އަހަރުގެ ފިރިހެން ދަރިފުޅާ އެކު، ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ވެސް ސުހާނާ އަށް ލިބޭނެ އެވެ.

ފާތިރުގެ ހިތުގައި އެހެން ނިޔަތެއް ނެތެވެ. އޭނާ އަކީ ކޮންމެ ދުވަހަކު އޮފީހަށް ގޮސް އުޅޭ މީހެއް ނޫނެވެ. ބައްޕަގެ މިލްކުވެރިކަމުގައި އަދި ބައްޕަ ހިންގަމުން އައި ތިން ރިސޯޓްގެ ތެރެއިން ދެ ރިސޯޓް ވަނީ ބޭރުގެ މެނޭޖްމަންޓަކަށް ދޫކޮށްލައިފަ އެވެ. އެ ދެ ރިސޯޓުގެ އެއްވެސް ކަމަކާ އޭނާ ނުބެހެ އެވެ. އޭނާގެ ދަށުގައި އޮތް ރިސޯޓުގެ ކަންކަމުގައި ވެސް ދުވަހުން ދުވަހަކަށް ބައިވެރިއެއް ނުވެ އެވެ. ބައްޕަގެ ދުނިޔޭގައި އެ ރިސޯޓްގެ ރޫމްބޯއީއަކަށް ވަން 15 އަހަރުގެ ކުއްޖަކު މިހާރު އެހެރީ މެނޭޖަރަށެވެ. އޭނާގެ ހިންގުންތެރިކަމާއި ވިޔަފާރީގެ ވިސްނުމާ މެދު ފާތިރުގެ އެއްވެސް ސުވާލެއް ނެތެވެ. އިތުބާރު އެހާ ބޮޑެވެ.

ފާތިރުގެ ސެކްރެޓަރީއެއްގެ ގޮތުން ސުހާނާ އަށް މާ ބިޒީ މަސައްކަތެއް ނޯވެ އެވެ. އެކަމަކު ކުރާ ކޮންމެ ކަމެއްގައި ފާޑުވެރިކަން ހުރުމާއި ފަރުވާތެރިކަން ބޮޑުކަމުން ފާތިރަށް ސުހާނާ ވަރަށް ކަމުދެ އެވެ. އޭނާ އޮފީހަށް ނާންނަ ދުވަހެއް ވިއްޔާ ހީވަނީ މަސައްކަތުގެ އެއް ބައި މަދުހެންނެވެ.

ސުހާނާ އަކީ މިހާރު ފާތިރުގެ ދިރިއުޅުމުގައި އޭނާއާ އެންމެ ކައިރި އަންހެނާ އެވެ. (ދެ ވަނަ ބައި، އަންނަ ހޯމަދުވަހު)