12 އޮކްޓޯބަރ 2018 - 13:37

އިސްތަންބޫލް، ތުރުކީ (އޮކްޓޫބަރު 12) - ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބަސަކްސެހިރަށް ކުޅެމުން އަންނަ އާޑާ ޓުރާން ލަވަކިޔުންތެރިއަކަށް ހަމަލާދީފައިވާތީ އޭނާ އަށް ޖަލު ހުކުމެއް އައިސްފާނެ ކަމުގެ ބިރުބޮޑުވެއްޖެ އެވެ.
ތުރުކީގެ ލަވަކިޔުންތެރިއާ ބަރްކޭއި ސާހިން އަށް ނައިޓްކްލަބެއްގެ ތެރެއިން ހަމަލާދީ ޓުރާން ވަނީ އޭނާގެ ނޭފަތް ފަަޅާލައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެެ. ސާހިން އަކީ ތުރުކީގެ ނަން މަޝްހޫރު ގިނަ ސިޔާސީ މީހުންނާ ގުޅުން އޮންނަ ލަވަކިޔުންތެރިއެކެވެ.
ތުރުކީގެ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލައިގައި ޓުރާން އަށް މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ. ޓޫރާން ވަނީ މި މައްސަލައާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
މިދިޔަ މެއި މަހު މެޗެއްގެ ތެރެއިން ރެފްރީ އަށް ބޭއަދަބީ އިބާރާތުން ތަކުރާރުކޮށް ދިމާކުރުމުގެ އިތުރުން ލައިންސްމަން އަށް ހަމަލާ ދިނުމުން ޓުރާން ވަނީ 16 މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
އުމުރުން 31 އަހަރުގެ ޓުރާން ވަނީ މީގެ ކުރިން ނޫސްވެރިއަކާ ޖެހުނު މައްސަލައަކާ ގުޅިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. މިދިޔަ އަހަރު ޖޫން މަހުގައި ޓުރާން ވަނީ މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މަތިންދާބޯޓުގެ ތެރެއިން ތުރުކީގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ބިލާލް މީސޭއާ ދިމާކޮށް އޭނާ އަށް ހަމަލާދީފަ އެވެ.
އެ މައްސަލައާ ހެދި ޓުރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭރު ތުރުކީ ކޯޗަކަށް ހުރި ފާތިހު ތެރިމް މަގާމުން ވަކިކޮށް މިރްކާ ސުކެސްކޫ އެ ޓީމާ ހަވާލުވި ފަހުން ޓުރާން އަށް އަލުން ވަނީ ފުރުސަތު ދީފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބާސެލޯނާ އަށް ބަދަލުވި ފަހުން ޓުރާން އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އޭނާގެ ކުޅުން ދަށްވި އެވެ. މިދިޔަ އަހަރު އޭނާ ބަސަކްސެހިރަށް ބަދަލުވީ ދެ އަހަރާއި ބައި ގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.