އާސެނަލުން ޔޫރޮޕާ ލީގަށް އިސްކަންދޭނެ: އެމެރީ
އާސެނަލުން ޔޫރޮޕާ ލީގަށް އިސްކަންދޭނެ: އެމެރީ

ލަންޑަން (އޮކްޓޫބަރު 12) - އާސެނަލުން މި ފަހަރުގެ ސީޒަނުގައި ޔޫރޮޕާ ލީގަށް އިސްކަންދޭނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

އެމެރީ ވަނީ ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ 2014، 2015 އަދި 2016 ވަނަ އަހަރު އެވެ. އެމެރީ އަކީ ޔުއެފާ ކަޕުން އެ މުބާރާތް ޔޫރޮޕާ ލީގަށް ރީބްރޭންޑް ކުރި ފަހުން އެ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެވެ.

މީގެ ކުރިން އިނގިރޭސި ކްލަބްތަކުން ޔޫރޮޕާ ލީގުގައި ކުޅެން ޖެހުމުން ޓީމުގެ މުހިއްމު ކުޅުންތެރިން އެ މުބާރާތުގައި ނުކުޅުވަ އެވެ. އެންމެ ވަރުގަދަ ޓީމު ލައިގެން މެޗުތައް ކުޅެން ފަށަނީ ނޮކައުޓު ބުރަށް ގޮސްފިނަމަ އެވެ.

އާސެނަލް ވަނީ މި ފަހަރުގެ ޔޫރޮޕާ ލީގުގައި މިހާތަނަށް އެމެރީގެ ކޯޗުކަމުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެމެރީ ބުނީ ޔޫރޮޕާ ލީގާ މެދު އިނގިރޭސި ކްލަބްތަކުން ގެންގުޅެމުން އަންނަ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި އާސެނަލުން މުބާރާތަށް އިސްކަންދޭނެ ކަމަށެވެ.

"ޔޫރޮޕާ ލީގަކީ މުހިއްމު މުބާރާތެއްގެ ގޮތުގައި އިނގިރޭސި ކްލަބްތަކުން ނުދެކޭ. ޕްރިމިއާ ލީގަކީ އެ މީހުންނަށް ފުރަތަމަ މުބާރާތް ދެން އޮންނަނީ ޔޫރޮޕާ ލީގުގައި ކުޅުނަސް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ ވިސްނުން. އެކަމަކު ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ފޯކަސް ކުރިޔަސް ޔޫރޮޕާ ލީގު ސީރިއަސްކޮށް ނެގިދާނެ. އެއީ މި މުބާރާތް ކާމިޔާބު ކޮށްގެން ޗެމްޕިއަންސް ލީގަށް ދެވޭތީ،" ކުރިން ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

"އަަހަރެމެން މި ސީޒަނުގައި ވަރަށް އިސްކަންދޭނެ މުބާރާތެއް ޔޫރޮޕާ ލީގަކީ. މިއީ ޝަރަފްވެރި މުބާރާތެއް."

އޭނާ ބުނީ އިނގިރޭސި ކްލަބްތަކުން ފާއިތުވި އަހަރުތަކުގައި ޔޫރޮޕާ ލީގަށް ދޭ ސަމާލުކަން އިތުރުވާން ފަށާފައިވާ ކަމަށެވެ.

"މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު އިނގިރޭސި ކްލަބްތައް ފައިނަލުގައި ކުޅެފި. ލިވަޕޫލް ފައިނަލްގައި ކުޅުނު ޔުނައިޓެޑް މި މުބާރާތް ކާމިޔާބުކުރި. ދެން އާސެނަލް މިދިޔަ އަހަރު ބަލިވީ މުބާރާތް ކާމިޔާބުކުރި އެތުލެޓިކޯ އަތުން. މިއީ ރަނގަޅު ވިސްނުމާ ދިމާލަށް ދާކަމުގެ ހެކިތަކެއް،" އެމެރީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ނުވަ މެޗުން އާސެނަލް މޮޅުވެފައިވާއިރު، އެމެރީ ބުނީ މިއީ މި ވަގުތަށް އޮތް ހިތްހަމަ ޖެހުމެއް ނަމަވެސް ކުރިއަށް އުނދަގޫ މެޗުތަކެއް ހުރުމުން އެހާ ބޮޑަށް އުފާފާޅުކުރުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. އަދި އެންމެ މުހިއްމު ގޮތެއްގައި ބަލާނީ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ބެހެއްޓޭނެ ގޮތަކަށް ހުރިހާ ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ދިނުމަށް ކަމަށް ބުންޏެވެ.