އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކުރަން އެދި ޕެޓިޝަނެއް
އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކުރަން އެދި ޕެޓިޝަނެއް

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު ބާތިލްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ދައުލަތުގެ މީޑިއާ އިން ލައިވްކުރަން އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ރައީސް ޔާމީނާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވި އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަދުވެހެވެ. އާދިއްތަ ދުވަހު މެންދުރު ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާ އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅަން ސޮއިކުރަމުންދާ ޕެޓިޝަންގައި ބުނެފައި ވަނީ، ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހިންގަން ޖެހޭނީ އެންމެންނަށް ފެންނަ ގޮތަށް ކަމަށްވާތީ، ދައުލަތުގެ މީޑިއާ އިން ލައިވްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޕެޓިޝަންގައި އިލްތިމާސްކޮށްފައިވެ އެވެ.

ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގުބޮޑު ނަތީޖާ ކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

އިންތިޚާބުން ބަލިވެއްޖެ ކަން ގަބޫލުކުރައްވައި އިބޫ އަށް މަރުހަބާ ވިދާޅުވުމަށް ފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލްކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. ޕީޕީއެމުން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، އެ ކޮމިޝަނަށް ފާޑު ކިޔަމުންނެވެ.

އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން ހުށަހެޅިއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޖަމްއިއްޔާތަކުން ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަނެ، އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ދަންނަވަމުންނެވެ. އިންތިޚާބުގެ ނަތީޖާއަށް ފަހު ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ބޭރުގެ ޖަމާއަތްތަކަށް ވެސް ދީފަ އެވެ.