11 އޮކްޓޯބަރ 2018 - 19:21

ޖެހިޖެހިގެން ތިން ވަނަ މެޗުގައި އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހެޓްރިކާ އެކު ކްލަބް އީގަލްސް އިން ބ. ފެހެންދޫ އަތުން 5-0 އިން މޮޅުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.
އީގަލްސް ދެ ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެ 17 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަލުން ދެ ވަނަ އަށް އަރާނެ އެވެ. އެއް ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
މިއަދުގެ މެޗުގައި ރިޒޭ ހަތަރު ގޯލް ޖެހިއިރު މި ތިން މެޗުގައި އޭނާ ވަނީ ޖުމްލަ 11 ގޯލް ޖަހައިފަ އެވެ. ތ. ތިމަރަފުށި ކޮޅަށް ހަތަރު ގޯލް ޖެހިއިރު އޭގެ ފަހުން ކުޅުނު މެޗުގައި ށ. ފޯކައިދޫ ކޮޅަށް ވެސް ހެޓްރިކެއް ހެދި އެވެ. އީގަލްސް އިން 2015 ވަނަ އަހަރު ކެރިއަރު ފަށައި މި ދެ އަހަރެއްހާ ދުވަހު ރިޒޭ އަންނަނީ ތަފާތު ދައްކަމުންނެވެ. އެކަމަކު އޭނާ އަކީ މި ފަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުން ފުރުސަތު ގެއްލުނު ކުޅުންތެރިޔެކެވެ.
އީގަލްސް އިން ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ފޮނުވާލުމާ އެކު، ރިޒޭގެ މުހިއްމުކަން ވަކިން ބޮޑުވެފައިވާއިރު އޭނާ ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އަށް މިނެޓުގެ ތެރޭ ދެ ގޯލް ޖަހައިފަ އެވެ.
ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖެހީ މުހައްމަދު ނާއިމް ހުރަސްކުރި ބޯޅައެއް އޭރިއާ ތެރެއިން އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ދެ ވަނަ ގޯލް ޖެހުމާ އެކު، މެޗުގެ ވަރަށް ކުރީކޮޅު ހެޓްރިކެއް ހަދަން މަގުފަހިވި އެވެ. އެގޮތުން ހެޓްރިކް ފުރިހަމަކުރަން 17 ވަނަ މިނެޓުގައި ލިބުނު ހުސް ފުރުސަތު ފެހެންދޫގެ ގޯލްކީޕަރު އިބްރާހިމް ޒަޔާން މަތަކުރިއިރު 19 ވަނަ މިނެޓުގައި ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
މި ހާފުގައި ފެހެންދޫ އަށް ވެސް ގޯލް ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން އީގަލްސްގެ ޑިފެންސް ލައިން ކުރިއަށް ޖެހިފައި އޮތް ވަގުތު ފެހެންދޫގެ އަހުމަދު ނިޒާމް އަރައި، ގޯލްކީޕަރު މިފްދާދު އަހުމަދުގެ ބޯމަތިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ގޯލާ އަމާޒެއް ނުކުރެވުނެވެ. އަދި އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން ކައިރިން ދެމި ގަނެ ހުސެއިން ޝަރީފް ފޮނުވާލި ބޯޅަ ވެސް ގޯލްކީޕަރު މަތަކުރި އެވެ.
އީގަލްސްގެ ތިން ވަނަ ގޯލް ޖެހީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނާއިމެވެ. އޭރިއާ ތެރެއިން ކޮމިލޯފް ދިން ބޯޅަ ރިޒޭ ޖައްސާލުމުން ނާއިމް ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އީގަލްސްގެ ލީޑު ފުޅާކުރަން ހަސަން ރާއިފް (ހަންނަ) އަށް ރަނުގެ ފުރުސަތެއް އޭގެ ފަހުން ލިބުނެވެ. ރިޒޭ ދިން ބޯޅަ އަށް އަރައި އޭނާ ކީޕަރު ކައިރިން ވެސް ނައްޓާފައި ޖެހީ ބޭރަށެވެ.
އީގަލްސްގެ ހަތަރު ވަނަ ގޯލް ޖަހައި ރިޒޭ ހެޓްރިކް ހެދީ 60 ވަނަ މިނެޓުގައި އަރިމަތިން ހުރަސްކުރި ބޯޅައެއް އޭރިއާ ތެރެއިން ހޯދައި ހަމަޖެހިލާފައި ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ. އަދި ފަސް ވަނަ ގޯލް ޖެހީ މެދުތެރެއިން އޭރިއާ ތެރެއަށް ފޯރުކޮށްލި ބޯޅަ، ކީޕަރު ކުރިއަށް ޖެހުނު ވަގުތު އޭނާ އަށް އެއްވެސް ފުރުސަތެއް ނުދީ ތިރީ ކަނަށް ވައްދާލައިގެންނެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ބޮޑު ތަފާތަކުން މޮޅުވީ ނަމަވެސް ކުޅުމާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި ކުޅުންތެރިންގެ ރޫހު ވެސް ފެނުނީ ދަށްކޮށް ކަމަށެވެ. އަދި ލިބުނު ބައެއް ފުރުސަތުތައް ގެއްލުމުން ވެސް އޭނާ އެކަން ފާހަގަކުރި އެވެ.
"ރިޒުވާންގެ ކުޅުމާ މެދު ހިތްހަމަޖެހޭ،" ބްރެޒިލް ފޯވާޑް ފޮނުވާލާފައިވާ ދަނޑިވަޅުގައި ރިޒޭގެ ފޯމް ރަނގަޅުވުމާ ބެހޭގޮތުން ސުވާލުކުރުމުން މޯހަން ބުންޏެވެ. "އެކަމަކު ބޭރު ދެ ކުޅުންތެރިން ނެތުމާ އެކު ޖުމްލަކޮށް ޓީމު ބަލިކަށިކޮށް ފެންނަނީ."
މޯހަން ވަނީ ދަނޑުގެ ހާލަތާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދާދި ފަހުން ކުރި ވިއްސާރައާ ގުޅިގެން ދަނޑު ކޮންމެވެސް ވަރަކަށް ވަނީ ހަލާކުވެފަ އެވެ.
ފެހެންދޫގެ މެނޭޖަރު މޫސާ ނަސީމް ބުނީ އުއްމީދުކޮށްގެން އައީ ޕޮއިންޓަކަށް ކަމަށެވެ. އަދި ލީގު ދިގު މުއްދަތަކަށް މެދުކަނޑާލުމުން، ޓީމު ބަލިކަށިވި ކަމަށާއި އަދިވެސް ފެންނަނީ އޭގެ އަސަރު ކަމަށް އޭނާ ބުންޏެވެ. މި މެޗުގައި ލިބުނު ފުރުސަތުތައް ބޭނުންނުކުރެވުމާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ މިދިޔަ ދެ މެޗުގައި ވެސް ފުރުސަތު ލިބުނު ކަމަށާއި ނިންމާލުމުގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ.