11 އޮކްޓޯބަރ 2018 - 17:31

ހުޅުމާލެ އިން 400 ގޯތި ވިއްކުން ކުއްލިއަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށް، ހައުސިން މިނިސްޓްރީން ފޯމު ބަލައިގަތުން މެދުކަނޑާލުމުން ވެސް އެތައް ބަޔަކު ކިޔޫ ދޫނުކޮށް ހައުސިން މިނިސްޓްރީގައި މަޑުކޮށްފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ވިއްކާ 1،000 އަކަފޫޓުގެ 400 ގޯތި ގަންނަން ދެ ދުވަސް ވަންދެން ކިޔޫގައި ތިބެ ނަމްބަރު ނަގައިގެން އެ ފޯމު ހުށަހަޅާ ކިޔޫގައި މިއަދު ތިއްބައި ކުއްލި ގޮތަކަށް ވަނީ ފޯމު ބަލައިގަތުން މެދުކަނޑާލައިފަ އެވެ. އެއާއެކު ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް އެޗްޑީސީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި ވަނީ އިއުލާންކުރައްވައިފަ އެވެ.
އެކަމަކު، ކިޔޫގައި އެތައް އިރަކު ތިބެ ނެގި ނަމްބަރުތަކަށް ފޯމު ހުށަނާޅައި ހައުސިން މިނިސްޓްރީން ދާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ. އެހެންވެ ނުރުހުންފާޅުކުރަން ފެށުމުން، އެކަން ހަމައަކަށް އެޅުވީ ފުލުހުން ގޮސްގެންނެވެ.
އަނެއް ބަޔަކު މިސްރާބު ޖެހީ ހުޅުމާލޭގައި ހުންނަ އެޗްޑީސީއާ ދިމާލަށެވެ. އެތަނުގައި ވެސް މިހާރު ވަނީ ފޯމު ހުށަހަޅަން ބޮޑު ކިޔޫއެއް ހަދައިފަ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ފޯމު ބަލައިގަތުން އެޗްޑީސީ އަށް ބަދަލުކުރީ، ބޮޑު ކިޔޫއެއްގައި ބައިތިއްބައިގެން ފޯމު ހުށަހެޅުމުގެ ބަދަލުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭން ކަމަށެވެ. ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް އެޗްޑީސީން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އަލުން ފޯމު ބަލައިގަންނާނެ ދުވަހެއް ވެސް އެތަނުން އިއުލާންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އެޗްޑީސީން ފޯމު ބަލައިގަތުމާ ގުޅޭ އެއްވެސް ކަމެއް އަދި އާއްމެއް ނުކުރެ އެވެ.
ފޯމުލާން ހައުސިން މިނިސްޓްރީން ދޫކޮށްފައި ހުރި ނަމްބަރުތަކަށް އެޗްޑީސީން ޚިދުމަތްދީ، ފޯމު ބަލައިގަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުއިއްޒު ދެއްވި އެވެ.
"މި މިނިސްޓްރީ އަށް ގޯއްޗަށް އެދި ހުށަހެޅި އެއްވެސް ފޯމެއް ބާތިލެއް ވެސް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މިހާތަނަށް ގާތްގަނޑަކަށް 5،100 ފޯމު ހައުސިން މިނިސްޓްރީ އަށް ބަލައިގެންފައިވާއިރު، އެ ހުރިހާ ފޯމަކާއި ޑޮކިއުމަންޓެއް އެޗްޑީސީއާ މިއަދު ހަވާލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ގޯތި ގަންނަން ހުށަހަޅަންޖެހޭ ފޯމު ދެން ދޫކުރަން ފަށާނެ އިރަކާއި ބަލައިގަތުން ހުއްޓައިލާނެ ދުވަހެއް ވެސް ކަނޑައަޅާނީ އެޗްޑީސީންނެވެ. ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އަންނަ އާދީއްތަ ދުވަހެވެ.