މެލޭޝިއާ އިން މަރުގެ އަދަބު އުވާލައިފި
މެލޭޝިއާ އިން މަރުގެ އަދަބު އުވާލައިފި

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 12) - މަރުގެ އަދަބު ދިނުން އުވާލަން މެލޭޝިއާގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އެ ގައުމުގެ ސީނިއާ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

މަރުގެ ހުކުމް އުވާލަން މެލޭޝިއާ އިން ނިންމި އިރު މަރަން ހުކުމްކޮށްފައިވާ 1،200 މީހުން އެ ގައުމުގައި އެބަތިއްބެވެ. މެލޭޝިއާގައި މަރުގެ އަދަބު ދެނީ މީހުން މެރުމާއި ކިޑްނެޕް ކުރުމާއި ޑްރަގު ޓްރެފިކިން އާއި ގޮވާތަކެތި ގެންގުޅުން ފަދަ ބޮޑެތި ކުށްތަކުގަ އެވެ.

"މަރުގެ ހުކުމް ތަންފީޒް ކުރުން ހުއްޓާލުމާ ގުޅިގެން ގާނޫނުތަކަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ،" ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ މިނިސްޓަރު ގޯބިންދު ސިންގް ޑިއޯ ވިދާޅުވި އެވެ. "މަރުގެ ހުކުމް އުވާލަން ނިންމީ އެއީ މެލޭޝިއާގެ ރައްޔިތުން ވެސް ދެކޮޅު ހަދާ ކަމަކަށްވާތީ."

މެލޭޝިއާ އިން މަރުގެ ހުކުމް އުވާލުމުން، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުން މަރުގެ ހުކުމުން ސަލާމަތް ވާނެ އެވެ.

މެލޭޝިއާ އިން 2007 އިން 2017 އަށް ވަނީ 35 މީހަކަށް މަރުގެ އަދަބު ދީފައި ކަމަށް ނިއު ސްޓްރައިޓް ޓައިމްސް އިން ބުނެފައިވެ އެވެ. މެލޭޝިއާގެ ޖަލުތަކުގައި ތިބި ގާތްގަނޑަކަށް 60،000 މީހުންގެ ތެރޭން 1،267 މީހަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ މިދިޔަ އަހަރު ވަނީ 23 ގައުމެއްގައި 993 މީހަކަށް މަރުގެ އަދަބު ދީފައި ކަމަށެވެ. މީގެ ތެރޭން 84 ޕަސެންޓް ހުކުމް ތަންފީޒްކޮށްފައި ވަނީ ޗައިނާ، އީރާން، ސައުދީ އަރަބިއާ، އިރާގު އަދި ޕާކިސްތާނުން ކަމަށް އެމްނެސްޓީން ބުނެފައިވެ އެވެ.