11 އޮކްޓޯބަރ 2018 - 16:09

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލްކުރާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް "ކުޑައިމީސްކޮށް" ރާއްޖޭގެ ކޯޓުތަކުން ނިންމުމެއް ނިންމާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރާއްޖޭގެ ކޯޓަކުން ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ކުޑަ ގޮތަކަށް ކަން ކުރާނެ ކަމަށް އަޅުގަނޑަށް ހަމަ ގައިމު ވެސް އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގަބޫލެއް ނުކުރައްވާ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އެހެން ވިދާޅުވެފައި މި ވަނީ ވެރިކަން ހިންގާ ޕީޕީއެމުން ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި އެ މައްސަލަ ކޯޓުން ބަލައިގަނެފައި ވަނިކޮށެވެ.
ނަމަވެސް މާރިޔާ ވިދާޅުވީ ކޯޓުތައް ހިމެނޭ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ރައްޔިތުންގެ ނިންމުމަށް ބޯލަނބަންޖެހޭ ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ ބާރުތައް ފެށިގެންދާނީ ރައްޔިތުންނާ ހިސާބުން ކަމާއި ނިމިގެންދާނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށް. އެހެންކަމުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، އެއީ ރައީސުލްޖުމްހޫރިއްޔާ ނަމަވެސް، ރައްޔިތުންގެ މަޖިލީސް ނަމަވެސް އަދި ކޯޓެއް ނަމަވެސް، މިނިވަން މުއައްސަސާއެއް ނަމަވެސް މި ހުރިހާ އެންމެންނަކީ ވެސް ރައްޔިތުންނަށް ބޯލަނބަންޖެހޭ ބައެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތައް ކަމަށްވާ ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ތައްޔާރަށް ކަމަށް ވެސް މާރިޔާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
"ފުލުހުން ނަތީޖާ ގަބޫލުކޮށްފި، ސިފައިން ނަތީޖާ ގަބޫލުކޮށްފި. މި މުއައްސަސާތަކުން ތިއްބެވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށް ވިދާޅުވެ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަން ގެންދަވަންކަން ވަރަށް ސާފުކޮށް އެނގޭ،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ހުޅުމާލޭން 400 ގޯތި ވިއްކަން ކުރާ މަސައްކަތާއި ފްލެޓް ދޫކުރުމުގެ މައްސަލައިގައި ވެސް މާރިޔާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
މާރިޔާ ވިދާޅުވީ، ފްލެޓާއި ގޯތި ދޫކުރުމުގައި އުސޫލުން ބޭރުން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ ސަރުކާރާ ހަވާލުވުމަށް ފަހު އެ ކަމެއް ބަލާނެ ކަމަށެވެ. އަދި ފްލެޓާއި ގޯތި ހޯދަން އުޅޭ ރައްޔިތުން ވެސް އެކަމާ ވިސްނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޯހެއް ހިނގާފައި އޮތް ކަމަށްވާ ނަމަ އަދި އުސޫލުން ބޭރުން ކަމެއް ހިނގާފައިވާ ނަމަ އެ މައްސަލަ އަޅުގަނޑުމެން ބަލާނަން. އުސޫލެއް ނެތި ހިނގާ ކަންކަން ވެސް އަޅުގަނޑުމެން ބަލާނަން. މިހާރު އެ ނަންގަވާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަންވީ އުސޫލާއި ހަމައިންތޯ ކަންތައް ގޮސްފައި ވަނީ ނުވަތަ ހަވާލުވާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަންވީ ހިޔާ މަޝްރޫއުގައި އުސޫލާ އެއްގޮތަށްތޯ ކަންކަން ހިނގާފައި ވަނީ،" މާރިޔާ ވިދާޅުވި އެވެ.