29 މެއި 2016 - 06:14

އަހަންނަށް ލިބުނު ހަމައެކަނި ފިރިހެން ދަރިއަކީ އާމިރެވެ. ހަތަރު ދައްތަގެ ޒިންމާނަގަން ހުރީ އޭނައެވެ. އަހަރެންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް، އަމާނާތްތެރިކަމާ އެކުގައި ޙައްޤުވެރިންނަށް ބެހުމުގައި އެންމެ އިސްކޮށް އުޅެންޖެހޭނީ ވެސް އޭނައެވެ. ފިރިހެންދަރިއަކަށް އެދި އަހަރެންގެ އަންހެނުން އަޒީޒާ ކިހާ ދުޢާއަކާއި ޞަދަޤާތެއް ކުރި ހެއްޔެވެ؟ ކިހާ ރޯދައެއް ހިފައި، ކިހާ ނަދުރެއް ބުނި ހެއްޔެވެ؟ ދަރިފުޅަށް ދުނިޔޭގެ އަލިކަން ފެނުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އަޒީޒާ ނިޔާވިއެވެ. ހުރިހާ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އެދިފައެވެ. ޚާއްޞަކޮށް ފިރިހެންދަރިފުޅު މަގުން ކައްސައިލައިގެން ދިޔަ ނުދިނުމަށް ތަކުރާރުކޮށް އެދުނެވެ. ފުރަތަމަ މައްސަލައަކީ އެއީ ކަމުގައި ވެދާނެއެވެ. އާމިރު ބޮޑުވަމުން އައިއިރު، އެހެން ކުދިންނަށް ނުދިން ސަމާލުކަން އާމިރަށް ދިނީމެވެ. ސަބަބުތައް ބައިވަރެވެ. ދޮށްޓަށް ތިބި އަންހެންދަރިންނަކީ ޒިންމާދާރު ކުދީންނެވެ. ކިޔެވުމުގައި ރަނގަޅު ކާމިޔާބުތައް ހޯދައި، ވަޒީފާއަދާކުރަން ޖެހުމުން ހަރުދަނާ ނިންމުންތަކެއް އެ ހަތަރު ކުދިން ވެސް ނިންމިއެވެ. އެ ކަމާ އަހަރެން ފިކުރު ކުރާކަށް ނުޖެހެއެވެ. އެކަމަކު، އާމިރު އެހެނެއް ނުވިއެވެ. ކިޔެވުމަކީ އޭނަ އެންމެ ކުރާހިތް ނުވި ކަންތަކެވެ. ނަމާދަށް އެރުވުމަށްޓަކައި އަހަރެން ޖެހުނީ ހަރުކަށި ވާށެވެ. ތަޅާއަނިޔާ ނުކުރިޔަސް، ބާރަށް ބަސް ބުނަން މަޖުބޫރުވިއެވެ. ގޭދޮށުގައި އޮންނަ ގުރޫޕަކާ ގުޅިގެން، ވަގުތު ބޭކާރު ކުރުމަށް އާމިރު ލޯބިކުރިއެވެ. ގުރޭޑު ހަތަކުން ފާސްނުވެގެން ކަނޑައިލިއެވެ. އުމުރުން އަށާރަ އަހަރު ނުވަނީސް ދުންފަތުގެ އިސްތިޢުމާލުކުރަން ފެށިއެވެ. އަހަރެން ދޫދިން ނަމަ، އެއީ އޭގެ ނަތީޖާއޭ މީހުން ބުނީހެވެ. ހަރުކަށިވުމުން ބުނީ އޭގެ ނަތީޖާކަމަށެވެ.
އާމިރުގެ ކިޔެވުން ނާކާމިޔާބުވުމުން އެހެން މަސައްކަތެއް ދަސްކޮށްދެވޭތޯ އުޅުނީމެވެ. ކިތަންމެ ތާކުން ވަޒީފާ ހަމަޖައްސައިދިނީމެވެ. ހުރިހާ ކަމެއް ބޭކާރެވެ. މާރާމާރީ ހިންގުމާއި، ވައްކަންކުރަން އާމިރު މާ ޝައުޤުވެރިވިއެވެ. މަސްތުގެ އަވައިގައި ޖެހުނެވެ. އާމިރަށް މެންދުރަކީ ދަންވަރެވެ. ދަންވަރަކީ މެންދުރެވެ. ރޫފަ ދެރަވަމުންގޮސް ލޮލަށް ހުތުރުވާ ވަރު ވިއެވެ. ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ދިގުވެ، ގޭގެ އެކި ތަންތަނުގައި ބިތްޖެހިފައި އިންނަން ފެށިއެވެ. ގޭގައި ހުރި އަގު ބޮޑު ސާމާނުތައް ގެއްލެން ފެށިއެވެ. އެއްބަނޑުއެއްބަފާ ކުދިންނާއި ހުތުރުބަހުން ވާހަކަދެއްކުމާއި، އަހަންނާ އަރާރުންވުމާއި، ފުލުހުން ގެ ފާސްކުރަން އައުން އާންމުކަމަކަށް ވިއެވެ. އާމިރުގެ ސިކުނޑި ބޭނުންކުރީ ނުރަނގަޅު ގޮތުގައެވެ. ފުލުހުންނަށް ފެންނަން ބޭނުންނުވާ ސާމާނުތައް ފޮރުވުމުގައި އޭނަ ކުޅަދާނައެވެ. އެ ހުނަރު އެހެން ކަމެއްގައި ބޭނުންކުރި ނަމައޭ އަހަރެން އަބަދު ހިތަށްއަރައެވެ. ކޮންމެ ގޮތަކަށް އުޅުނަސް އާމިރަކީ އަހަރެންގެ ދަރިއެކެވެ. ޖަލުގައި ދަރިފުޅު ހައްޔަރުކުރުމަކީ ކާކުގެ ހިތަށް ކުޅަދާނަވާނެ ކަމެއް ހެއްޔެވެ؟
ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދަން ދަރިފުޅަށް ލަފާދިނީމެވެ. ހިތާމައަކީ، އަހަރެން ދޭ ކޮންމެ ނަޞޭޙަތެއް އާމިރުގެ ނަޒަރުގައި ބޭކާރު އެއްޗަކަށް ވުމެވެ. އެންމެ ފަހުން އަހަރެން ވަރުބަލިވިއެވެ. އަދަބު ދީގެން ނަމަވެސް އާމިރު ރަނގަޅުކުރަން ބޭނުންވިއެވެ. ދަރިފުޅުގެ ހުރިހާ ސިއްރެއް ބޭޒާރުކުރީ އަހަންނެވެ. ވަގަށް ނަގައިފައިވާ ސާމާނުތަކާއި، މަސްތުވާއެއްޗެހި ހުރި ތަނުން ނެރުނީ އަހަރެންގެ ދެއަތުންނެވެ. އެންމެ އުންމީދަކަށްޓަކައެވެ. ދަރިފުޅުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައެވެ. އާމިރު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ދުވަހު، އަހަރެން މަރާލާނެކަމަށް އާމިރު އިންޒާރުދިނެވެ. ދުވަހަކު ވެސް ނުވާ ވަރަށް އެ ދުވަހު ދެރަވިއެވެ. ފިރިހެންދަރިއަކު ނުދެއްވި ނަމަ، އެ ދުވަހެއް އަހަންނަކަށް ނުފެނުނީހެވެ. ބައެއް ކަންކަން ނުވަނީ ރަނގަޅަކަށޭ ހިތަށްއެރިއެވެ. ކެތްތެރިކަމާ އެކުގައި ދެ ލޯ މަރައިލީމެވެ. ހިތާހިތުން ދުޢާ ކުރީމެވެ. ކުށްވެރިއެއް ގޮތުގައި އާމިރު ޖަލަން ލި ނަމަވެސް، މުޅިން އެހެން އިންސާނެއް ގޮތުގައި ޖަލުން އޭނަ ނެރެދެއްވުމަށް އެދިއެވެ. ދެވަނަ މައްސަލައަކީ އެއީ ކަމުގައި ވެދާނެއެވެ. ދަރިފުޅު ޖަލަށް ލީއްސުރެ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އަޒީޒާ ހުވަފެނުން ފެނެއެވެ. އާމިރު ޖަލުން ނެރުމަށް އެދި ރޮއި އާދޭސްކުރިއެވެ. އެކުގައި އަހަރެން ވެސް ރުއީމެވެ. އެހެންނަމަވެސް، އޭނައަށް އަދަބު ލިބެން އަހަރެން ބޭނުންވިއެވެ. އަހަރެން އިންތިޒާރު ކުރީ ޖޫން ތޭރަވަނަ ދުވަހަށެވެ. އާމިރު ޖަލުން ނުކުންނަ ދުވަހަކީ އެއީއެވެ. އެއީ، އަހަރެންގެ ހިތަކުން ދުވަހަކު ވެސް ފުހެވޭނެ ހަނދާނެއް ނޫނެވެ. ޖަލުން މިނިވަންވީ އާމިރުކަން އަހަންނަށް އެނގެއެވެ. ސިފަ ވަރަށް ތަފާތެވެ. ރޫފަ ހެޔޮވެފައި، ރީތި ވަރަކަށް އިސްތަށިގަނޑު ހުރީ ކޮށައިފައެވެ. މޫނުމަތިން ކުރިން ފެނުނު ވަރުބަލިކަމެއް ނުފެނެއެވެ. އަހަންނަށް ހިނިތުންވެލިއެވެ. އޭގެ ކުރިން އާމިރު ހިނިތުންވެލި ދުވަހެއް އަހަރެންގެ ހަނދާނަކު ނެތެވެ. ޙަމްދުއެޅީމެވެ. ހީކުރީމެވެ. ދެން ހުރިހާކަމެއް ހަމައަކަށްއެޅުނީއެވެ. ފިކުރުތަކަށް ނިމުމެއް އައީއެވެ. އެކަމަކު އެއީ ފެށުމެކެވެ.
އާމިރު ގެއަށް އައީ މެންދުރުއެވެ. ކުރިން އަހަރެން ގެންގުޅުނު ހަރުކަށި ގޮތް ކުޑަކޮށް ދޫކޮށް، ކުޑަ މިނިވަންކަމެއް އޭނައަށް ދިނީމެވެ. ހަވީރު ގެއަށް އައިއިރު އޭނަ ހުރީ މަސްތުވެފައިހެން ވަރަށް ހީވިއެވެ. ކުރިން ދައްކާ ވަރާ ގާތަށް ވެސް އާމިރު ވާހަކައެއް ނުދައްކައެވެ. އެކަހެރިވެގެން އިންނަން ލޯބިކުރިއެވެ. ގެއަށް އައިސް އުޅޭ ކުޑަކުދިންދެކެ ވަރަށް ލޯބިވެއެވެ. ކެއުންބުއިމަށް ސަމާލުކަން ދިނެވެ. އަހަންނަކާ ޒުވާބެއް ނުކުރެއެވެ. ވައްކަމެއް ނުކުރެއެވެ. ރޭގަނޑު އަވަހަށް ނިދައެވެ. ހުތުރުބަހުން ވާހަކައެއް ނުދައްކައެވެ. ކުރިން ނުހުންނަ ސިފަތައް އެހާ ގިނަވުމުން އަހަރެން ހައިރާންވިއެވެ. ޚަރަދުކުރާނެ އެންމެ ރުފިޔާއެއް ވެސް އޭނަ އަތަކު ނޯވެއެވެ. މަސްތުވާ އެއްޗެހި ގަންނާނީ ކިހިނެއް ހެއްޔެވެ؟ އެކުވެރިން އަބަދު ހިލޭ ދޭނެ ހެއްޔެވެ؟ އެ ފަދަ ސުވާލުތަކުގެ ޖަވާބު ހޯދަން އަހަރެން މަސައްކަތް ކުރީމެވެ.
ސައިހޮޓަލެއްގައި އަހަރެން އިން ވަގުތެވެ. ގާތުގައި އިނީ ވިޝާމެވެ. އޮފީހުގެ އެކުވެރިއެވެ. ފަރުހާދު ވެސް އިނެވެ. އެއީ ވިޝާމްގެ އެކުވެރިއެކެވެ. ކުރިން އަހަރެން ނުދެކޭ މީހެކެވެ. އޭނަގެ ބޮލުގައި އޮޅައިފައިވާ ފަގުޑި އާއި ތުނބުޅީގައި ހުރި ނުރައިން އޭނަގެ މިޒާޖު ކޮންމެވެސް ވަރަކަށް އަހަންނަށް އަންދާޒާ ކުރެވުނެވެ.
"އޭނަ ކުޑަކުދިންނަށް ވަރަށް ވަރު ހުރޭތަ؟" ފަރުހާދުގެ ސުވާލު އަމާޒުކުރީ ވިޝާމަށެވެ. "މާލެއިން ބޭރަށް ދިޔަތަ؟"
ވިޝާމް ބަލައިލީ އަހަންނަށެވެ. ޖަވާބުދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. ފަރުހާދުގެ ދެ ސުވާލަށް ވެސް އަހަރެން ބޯޖަހައިލީމެވެ.
"އަވަހަށް ނިދާނެ،" ފަރުހާދު ކިޔައިދޭން ފެށީ އާމިރުގެ މިޒާޖެވެ. "ޒުވާބުކޮށް އަނގަ ގަދަކޮށެއް ނަހަދާނެ. ގިނައިން އިންނަން ބޭނުންވާނީ އެކަހެރިކޮށް. މި ޒަމާނުގަ މީހުން ހީކޮށްފާނެ އަމަލުވެފައޭ އެ އިންނަނީ. އެކަމަކު އަސްލު ސަބަބަކީ އެހެން ސަބަބެއް. އޭނަ އެހެރީ ޖިންނި އަވަލަވާފަ. ފުރައިގެން ތި ދިޔަ ރަށަކުން ދިމާވިކަމެއް އެއީ. ދީބަލަ ދަރިފުޅާ ދަރިފުޅުގެ މައިންބަފައިންގެ ފުރިހަމަ ނަމާ، ދަރިފުޅުގެ އުފަން ތާރީޚް. ތަންކޮޅެއް ރަނގަޅަށް ބަލައިލާފަ ބުނާނަން."
އެ މަޢުލޫމާތު އަހަރެން ދިނީމެވެ. ފަރުހާދު ބުނި ކަންކަން ސިކުނޑީގައި ބަހައްޓައިގެން އާމިރަށް ބަލައިލުމުން އިތުރު ކަންކަން އަހަންނަށް ފާހަގަކުރެވުނެވެ. އާމިރު އެކަނި އިނދެގެން، ވަކި ދިމާއަކަށް އެނބުރިގެން މަޑުމަޑުން ވާހަކަދައްކައެވެ. ކާން އިށީންނަމުން، އަބަދުވެސް އިތުރު ގޮނޑިއެއް ދަމައިލައެވެ. އޭނައާ އެކުގައި އަބަދުވެސް އެހެން މީހަކު އުޅޭ ކަހަލައެވެ. އެ ކަން އެނގެނީ ވިސްނީމައެވެ. އާމިރު ގޮވައިގެން ސައިކަލުގައި ކޮންމެ ތާކަށް ދާން އުޅުނަސް، އާ ސަހަރާ ކައިރިން ދާން އޭނަ ބޭނުންވެއެވެ. ފަރުހާދު ކުއްލިއަކަށް ފުރަންޖެހިގެން އޭނަ ދިޔައީއެވެ. އޭގެ ފަހުން ދިމައެއް ނުވެއެވެ. ވިޝާމް އަތަކު ފަރުހާދުގެ ނަންބަރެއް ނެތެވެ. އާމިރަށް ކުރިމަތިވެގެން އުޅެނީ ކޮންކަމެއްކަން އެނގޭ މީހަކީ ފަރުހާދެވެ. ފަރުވާ ހޯދައިދެވޭނީ ވެސް ފަރުހާދަށެވެ. އެކަމަކު، އޭނަ ހޯދޭނެ ގޮތެއް ނެތެވެ. ވިޝާމްގެ ފަރާތުން އަހަންނަށް އެނގުނު ގޮތުގައި ފަރުހާދަކީ ފަންޑިތަސިހުރުން އާމްދަނީ ހޯދައިގެން އުޅޭ މީހެއް ނޫނެވެ. ޝައުޤުވެރިކަން ހުންނާތީ ރައްޓެހިންނަށް އެ ފަދަ ކަންކަން ކޮށްދެނީއެވެ.
ކެއުމުގެ ހުރިހާ ވަގުތެއްގައި ވެސް އާމިރު އިންނަން ބޭނުންވާނީ އެކަންޏެވެ. އެއީ ކީއްވެގެންކަމެއް އޭނައަކަށް ބުނެއެއް ނުދެވުނެވެ. ކުރިމަތީގައި ހުންނަ ގޮނޑިއަށް އާމިރު ބަލައެވެ. މަޑުމަޑުން ކޮންމެވެސް ވާހަކައެއް ދައްކައެވެ. ވަރަށް ވިސްނައިގެން ބެލިއްޔާ ނޫނީ އެހެން މީހަކަށް ފާހަގަ ނުވާ ވަރަށެވެ. ފެންވަރަން ފާޚާނާއަށް ވަދެފައި ވެސް ވާހަކަދައްކާހެން ހީވެއެވެ. އަހަރެން ފަސް ރުފިޔާ ދިނަސް، އެ އަށް ގަންނާނީ މެޓައެވެ. ގަނެގެން އައިސް ކުދިވެރިންނަށް ބަހައިލައެވެ. ގޭގައި ކުޑަ ކުއްޖަކު ނެތް ވަގުތެއް ވިއްޔާ ހިސާބުގަނޑުގައި އުޅޭ ކުދިންނަށް ވެސް ދެއެވެ. ޓީވީ ބަލަން ސޯފާގައި ތިބޭއިރު، އާމިރުގެ މޫނު ޓީވީއާ ދިމާއަށް ހުއްޓަސް ކަޅި ހުންނާނީ ޓީވީއަކަށް ނޫނެވެ. އޭނަޔާ ވާހަކަދައްކައިގެން ޙަޤީޤަތް އޮޅުންފިލުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ހިނިތުންވެލައިގެން އިނުން ނޫންކަމެއް އާމިރު ނުކުރެއެވެ. ކޮޓަރީގެ ދެކުނު ކަނާ ދިމާ މައްޗަށް، ވައްކަޅިން އިރުއިރުކޮޅާ ބަލައިލައެވެ. ހީވާނީ ބަލާކަން އަހަންނަން ނާންގަން އުޅޭހެންނެވެ. އެ ތަނުން އާމިރަށް ފެންނަނީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ސަލާމަތުން ހުންނަ މީހުނާ ވެސް ޖިންނި އަވަލަވައެވެ. މަސްތުވާ އެއްޗެހި ބޭނުންކުރާ މީހަކާ އަވަނުލަވަންވީ ސަބަބެއް ނެތެވެ. އެއްވެސް އިންސާނަކަށް އާމިރެއް އިޞްލާޙެއް ނުކުރެވުނެވެ. އެހެން ދިމާއަކުން އެހީތެރިކަމެއް ލިބުމުން އަހަރެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ
ބައެއް ރޭރޭ ދަންވަރު އާމިރު ތެދުވެއެވެ. މުޅި ގޭތެރޭގައި ހިނގައެވެ. ބޭރަކަށް ނުނިކުމެއެވެ. ބައެއް ދުވަސްދުވަހު އަހަރެން ހޭލައިގެން ގޮސް ބަލައިލާއިރު އާމިރު އެނދަކު ނޯވެއެވެ. އޮންނަނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ތަޅުންގަނޑުމަތީގައި ވެސް އޮވެއެވެ. އެ ތަނަށް އާދެވުނުގޮތެއް އޭނައަކަށް ނޭނގެއެވެ. އެހެން މީހުންގެ ނަޒަރުގައި އާމިރު އަލުން މަސްތުގެ ކަނޑަށް ޣަރަޤުވީއެވެ. އޭނަ "ސައިކޯ" ވީއެވެ. އެކަމަކު އަހަރެންގެ ހިތް ގަބޫލެއް ނުކުރިއެވެ. އާމިރު ބަދަލުވެއްޖެއެވެ. އެ ބަދަލު އަހަންނަށް ރަނގަޅެވެ. އެކަމަކު އެއީ ގޭގައި ކުރިން އުޅުނު އާމިރެއް ނޫނެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. (ނިމުނީ)