13 އޮކްޓޯބަރ 2018 - 08:50

އިޖުތިމާއީ މައްސަލައަކަށް ބިނާކޮށް މި އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ ފިލްމު "ޕެޑްމޭން" 31 ވަނަ ޓޯކިއޯ އިންޓަނޭޝަނަލް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކަން އަކްޝޭ ވަނީ ފޭނުންނާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
މި އަހަރުގެ ޓީއައިއެފްއެފް ކުރިއަށް ދާނީ މި މަހުގެ 25 އިން އަންނަ މަހުގެ 3 އާ ހަމައަށެވެ. މި ފަހަރުގެ ފެސްޓިވަލަށް 109 ގައުމަކުން 1،829 ފިލްމު ހުށަހަޅާފައިވެ އެވެ. އެކަމަކު ފެސްޓިވަލްގައި ވާދަކުރާނީ 16 ފިލްމެކެވެ.
ފެސްޓިވަލް ހުޅުވައިދޭނީ މި މަހުގެ 5 ގައި ސިނަމާތަކަށް ގެނައި ހޮލީވުޑްގެ ފިލްމު "އަ ސްޓާ އިޒް ބޯން" އެވެ. އޭގައި ލީޑް ރޯލު ކުޅެފައި ވަނީ ބްރެޑްލީ ކޫޕާ އާއި ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެވެ.
"ޕެޑްމޭން" އަކީ އަކްޝޭގެ އަންހެނުން ކޯ-ޕްރޮޑިއުސްކޮށް، އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި އަކްޝޭއާ އެކު މުހިއްމު ރޯލުތައް ކުޅެފައި ވަނީ ރާދިކާ އަޕްޓޭ އާއި ސޯނަމް ކަޕޫރެވެ.
"ޕެޑްމޭން" އަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް ސެނިޓަރީ ނެޕްކިން ހޯދަން ދިމާވެފައި އޮތް ދައްޗަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޓަމިލް ނާޑޫގެ ރައްޔިތެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަމް ސެނިޓަރީ ނެޕްކިން ތައްޔާރުކޮށް، އަންހެނުންނަށް ފޯރުކޮށްދޭން ފެށި ނަމޫނާ މަސައްކަތަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގައި އަރުނަޗަލަމްގެ ރޯލު ކުޅުނީ އަކްޝޭ އެވެ.
ބަލްކީ އޭނާގެ ވާހަކަ އަށް ފިލްމެއް ހަދަން ނިންމީ ޓްވިންކަލް 2016 ގައި ނެރުނު ވާހަކަ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގައި އަރުޗަނަލަމްގެ މަސައްކަތް ކުރު ވާހަކައެއްގެ ގޮތުގައި ގެނެސް ދިނުމުން އެ ވާހަކަ އޭނާ އަށް ވަރަށް ކަމުގޮސްގެންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ މަގުގެ 9 ވަނަ ދުވަހު ސިނަމާތަކަށް ގެނައި "ޕެޑްމޭން" އަކީ ބޮކްސް އޮފީހުގައި 120 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. ފިލްމު ހަދަން ހޭދަ ކުރީ އެންމެ 20 ކްރޯޑް ރުޕީސް އެވެ. އަދި މިއީ ކްރިޓިކުންނަށް ވެސް ވަރަށް ކަމުދިޔަ ފިލްމެކެވެ.