13 އޮކްޓޯބަރ 2018 - 08:49

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ އަށް ފުރައްސާރަކުރި ކަމަށް ބުނެ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ނިއު ދިއްލީގެ ވިޔަފާރިވެރިޔާ ނެސް ވާދިއާއާ ދެކޮޅަށް 2014 ގައި ބޮމްބޭ ހައި ކޯޓަށް ހުށަހެޅި މައްސަލަ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ނެސް މާފަށް އެދުމުން އެ މައްސަލަ ޕްރިތީ އަނބުރާ ނަގައިފި އެވެ.
ނެސްއާ ދެކޮޅަށް ޕްރިތީ މައްސަލަ ހުށަހެޅީ މެއި، 30، 2014 ވަނަ ދުވަހުގެ ރޭ މުމްބާއީގެ ވެންކެޅެ ސްޓޭޑިއަމްގައި ކުޅުނު އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) މެޗްގެ ތެރޭގައި ގަދަކަމުން ޕްރިތީގެ ގަޔަށް ނެސް އަތްލައި، ފުރައްސާރަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ބުނެ އެވެ.
އެ ރޭގެ މެޗްގައި ކުޅުނީ ޕްރިތީ އާއި ނެސް ހިއްސާވާ ކްރިކެޓް ޓީމް ކިންގްސް ސިކްސް ޕަންޖާބް އާއި ޗެންނައި ސްޕަ ކިންގްސް (ސީއެސްކޭ) އެވެ.
ޕްރިތީ ބުނީ ނެސް އޭނާ އަށް ގޯނާކުރީ ކުޅިބަލަން ތިބި އެތައް ބައެއްގެ ތެރޭގައި ކަމަށާއި އެ މަންޒަރު އެތައް ބަޔަކަށް ފެންނާނެ ކަމަށެވެ. އަދި އޭނާގެ އަތުގައި ހިފައި ދަމައި، ގަޔަށް އަތްލައި ހެދި ކަމަށް ޕްރިތީ ބުނެފައިވެ އެވެ.
މިކަމެއް ހިނގި އިރު، ވަރަށް ސީރީއަސްކޮށް ރައްޓެހިވެގެން އުޅުނު އެ ދެ މީހުންގެ ލޯބީގެ ގުޅުން ވަނީ 2009 ގައި ނިމުމަކަށް އައިސްފަ އެވެ.
ނެސްގެ މައްސަލަ ޕްރިތީ ކޯޓަށް ހުށަހެޅީ ޖޫން، 13، 2014 ގަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިތީ ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގި އިރު، ބޮލީވުޑްގައި މިހާރު ވަނީ ފުރައްސާރަތަކާ ދެކޮޅު ބޮޑު ހަރަކާތެއް ފެށިފަ އެވެ. އަދި މީގެ ތެރޭގައި ވަރަށް ގިނަ އަންހެނުންނަށް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ، އެތައް ފިރިހެން ފަންނާނުންނެއް ވަނީ ބޭޒާރުވެފަ އެވެ.
ޕްރިތީ ކުރި ޓްވީޓެއްގައި ބުނީ މާފުކުރުމަކީ ރީތި ސިފައެއް ކަމަށާއި އެކަން ބަލައިގަނެ، ކުރިއަށް ދިއުމަކީ އެންމެ ރީތި ގޮތް ކަމަށެވެ. އަދި އޭނާ އިހުތިޔާރު ކުރީ އެ މަގު ކަމަށް ވެސް ބުންޏެވެ.
ޕްރިތީއަކީ މިހާރު އެމެރިކާ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި އާންމުކޮށް ދިރިއުޅޭ މީހެކެވެ. ދެހާސް ސޯޅައިގައި ޖީން ގުޑްއިނަފްއާ ކައިވެނި ކުރި ބަތަލާ ބޮލީވުޑުން މިހާރު ގެއްލިފައި ވިޔަސް، އޭނާ ކުޅެފައިވާ ފިލްމެއް މި މަހުގެ 26 ވަނަ ދުވަހު ސިނަމަތާކަށް އަންނާނެ އެވެ.
އެއީ ސަނީީ ޑިއޯލްއާ އެކު ކުޅެ، ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ "ބެއްޔާޖީ ސުޕަހިޓް" އެވެ.