11 އޮކްޓޯބަރ 2018 - 09:11

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ އުސޫލު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ގޮތަށް އިސްލާހު ނުކޮށް، ކުރިއަށް ގެންދާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ދީފި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހުޅުވާލުމާ އެކު އޭސީސީން ވަނީ އެކަމުގައި ހިމެނޭ މައްސަލަތަކެއް ބަލައިފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭސީސީން އަންގާފައި ވަނީ ގޯތިދޫކުރުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށެވެ.
އެ އުސޫލުގައި ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެ ގޮތަކަށް ގޯތި ދޫކުރަން އަންގާފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން އެ އުސޫލް އެކުލަވާލައި އާއްމުކޮށްފައެއް ނުވެ އެވެ.
އެތައް ގަޑިއިރަކު ކިޔޫގައި ތިބެގެން ގިނަ ބަޔަކު އަންނަނީ ގޯތި ގަތުމުގެ ފޯމު ހައުސިން މިނިސްޓްރީ އަށް ހުށަހަޅަމުންނެވެ.
އެނގިފައިވާ ގޮތުގައި، އޭސީސީގެ އެންގުމާ ޚިލާފަށް، ގޯތި ވިއްކުން ކުރިއަށް ގެންދާތީ، އެކަން އެގޮތަށް ނުކުރަން އޭސީސީން ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް އިއްޔެ އަންގައިފަ އެވެ.
ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެ އުސޫލެއް އެކުލަވާލައި އާއްމުކޮށްފައި ނުވާތީ އޭސީސީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެއާއެކު އެ ކޮމިޝަނުން އަންގާފައިވާ ގޮތަށް އެކަށީގެންވާ މުއްދަތެއް ދީގެން އިއުލާން ކުރުމެއް ނެތި ގޯތި ވިއްކުމަކީ ވެސް ބިމާ ބެހޭ ގާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާ ޚިލާފު އަމަލެއް ކަން ވެސް އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގައފަ އެވެ.
ހައުސިން މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ، ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް ފްލެޓް ކަށަވަރުވާ އުސޫލެއް ނޫން ކަން ވެސް އޭސީސީން އެންގި އެވެ.
އެނގިފައިވާ ގޮތުގައި، އުސޫލްތައް އަލުން އެކުލަވާލައި ޕޮއިންޓްދޭއިރު ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް ވެސް އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ.
އޭގެތެރޭގައި، މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހޭދަކުރި މުއްދަތާއި ދަރިންގެ އަދަދާއި އާމްދަނީ އާއި ދިރިއުޅުމަށް ހޭދަކުރަން ޖެހޭ ޚަރަދަށް ރިއާޔަތް ކުރުން ހިމެނެ އެވެ. އެއާއެކު، ޕޮއިންޓް ދިނުމަށް ކަނޑައަޅާ މިންގަނޑާ އެއްގޮތަށް، ގޯއްޗަށް އެދޭ ފޯމު އިވެލުއޭޓް ކުރުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ގޯތި ދެމުން ގޮސް އެންމެ ފަހު ޖާގަ އަށް ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ޖެހިއްޖެ ހާލަތެއްގައި ހަމަހަމަހަމާއި ދެފުށް ފެންނަ ގޮތަށް ގުރުއަތު ނެގިދާނެ ކަމަށް އޭސީސީން އަންގާފައިވެ އެވެ.
ދަފްތަރުގައި ރަޖިސްޓްރީ ވާން ވަގުތީ ލިއުން ހަވާލުކޮށްފައިވާ މީހުން ވެސް ގޯތި ގަތުމުގެ ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވީ ނަމަވެސް އެ ފަރާތްތައް ޝަރުތު ހަމަނުވާނެ ކަން އޭސީސީން ވަނީ އަންގައިފަ އެވެ. އެއީ، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ބެލެވޭނެ ކަމަށް އޭސީސީން ވަނީ އަންގައިފަ އެވެ.
މި ކަންކަމާ އެކު އޭސީސީން އެންގީ، އުސޫލު އަލުން އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށެވެ. އެ ނޫން ގޮތަކަށް ކުރިއަށް ގެންދާނަމަ ހުއްޓުވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.