ރިޔާސީ އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
ރިޔާސީ އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް މިރޭ ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފަ އެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް މެމްބަރު މުހައްމަދު ސަލީމް (ރޭނިސް) ވިދާޅުވީ، އެ މައްސަލާގައި ކޯޓަށް ވަޑައިގަތީ ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ރައީސް ޔާމީން އެ ނިންމެވުން ނިންމެވީ ސަޕޯޓަރުންގެ ހައްގުގައި ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބާ ގުޅޭ ވަރަށް ގިނަ ޝަކުވާތަކެއް ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ވަނީ ހުށަހަޅައިފަ އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން، އެ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނީޓަރުންނާއި އެހެނިހެން ފަރާތްތަކުން ވަރަށް ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި ޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ،" އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓަށް ވެސް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށް ނެރުނު ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓާއި ހައި ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުންގެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކޮށެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.