10 އޮކްޓޯބަރ 2018 - 22:31

މާލޭގައި މިރޭ މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ފަސް މީހުން ވެސް ހައްޔަރުކުރީ، ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ. އަދި ފުލުހުން ފެނުމުން، ފިލަން މަސައްކަތް ކުރި ނަމަވެސް ވަޅިތަކާ އެކު އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މާލޭގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އުމުރުން 19 އަހަރުގެ ޒުވާނަކަށް އަދި މިއަދު އުމުރުން 26 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ވަނީ ޒަހަމް ކޮށްލައިފަ އެވެ. މި ދެ މާރާމާރީއާ ގުޅުން ހުރި ބަޔަކު ހައްޔަރުކުރި ކަމެއް އަދި ފުލުހުންނެއް ނުބުނެ އެވެ.