10 އޮކްޓޯބަރ 2018 - 19:33

ވޮޝިންޓަން (އޮކްޓޯބަރު 10) - ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ހާޝޮގްޖީ މަރާލީ ސައުދީން ދިޔަ 15 މެންބަރުންގެ ޓީމަކުން ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
އެ ޓީމުގައި ފޮރެންސިކް އެކްސްޕާޓެއް ވެސް ހިމެނޭ ކަމަށާއި ޚާޝޮގްޖީގެ ހަށިގަނޑު ކުދިކޮށްލީ އޭނާ ގެންދިޔަ ކީހަކުން ކަމަށް ވެސް ސީނިއާ އޮފިޝަލުންތަކެއް ކަމަށް ބުނާ ބަޔަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ. ތުރުކީގެ އިސް އޮފިޝަލުންގެ ފަރާތުން ލިބުނު މައުލޫމާތު ކަމަށް ބުނެ ޓައިމްސް އިން ރިޕޯޓްކޮށްފައި ވަނީ ނޫސްވެރިޔާގެ ކަންތައް ނިންމާލަން އެ ޓީމަށް ނެގީ ދެ ގަޑިއިރު ކަމަށެވެ.
ޚާޝޮގްޖީ މަރާލި ކަމަށް އެކި ފަރާތްތަކުން ކުރަމުންދާ ތުހުމަތު ސައުދީ އަރަބިއާ އިން ދޮގު ކުރެ އެވެ. ސައުދީން ބުނެފައި ވަނީ އޭނާ ކޮންސިއުލޭޓަށް ދިޔަ ބޭނުން ނިމުމުން އޮކްޓޯބަރު 2 ވަނަ ދުވަހު އެނބުރި ގޮސްފައިވާ ކަމަށެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިޔާ އަށް ވީގޮތެއް ބަލަން ސައުދީން ވެސް ބޭނުންވާ ކަމަށެވެ. ސައުދީ ފޮރިން މިނިސްޓްރީން ވަނީ ކޮންސިއުލޭޓް ބަލާ ފާސްކުރުމުގައި ތުރުކީ އަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
އިސްތަންބޫލް ކޮންސިއުލޭޓަށް ޚާޝޮގްޖީ ދިޔައީ ތުރުކީ އަންހެނަކާ ކައިވެނި ކުރާތީ، އޭނާ ކުރިން ކުރި ކައިވެންޏެއްގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.