10 އޮކްޓޯބަރ 2018 - 16:38

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ކަފާލާތުގެ ދަށުން ދޫކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލަން ނިހާންގެ ފަރާތުން އެދުނަސް އެކަން ކޮށްދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅީ، އެއީ ޖިނާއީ ބޮޑު ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކު ކުރައްވަމުންދާ ބޭފުޅަކަށް ވާތީކަމަށެވެ. ނަމަވެސް ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ގާނޫނޫގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމެވެ.
ނިހާންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އައީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވާން އުޅުމުގެ ތުހުމަތުގަ އެވެ.
އޭނާގެ އިސްތިއުނާފުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ވެސް ކޯޓުން ވަނީ ތާވަލް ކޮށްފަ އެވެ. ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު އޭގެެ ތެރެއިން ބައެއް މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކަފާލާތުގެ ދަށުން ހައި ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ދޫކޮށްލައިފަ އެވެ.