10 އޯގަސްޓް 2016 - 17:29

ޑަލަސް (އޮގަސްޓް 10) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން އެއީ ބޮމެއް ކަމަށް ބަލާ ގަޑި ހެދި މުސްލިމް ދަރިވަރު ޕޮލިހާ ހަވާލުކުރި ޓެކްސަސްގެ ސްކޫލާ ދެކޮޅަށް އެ ދަރިވަރުގެ އާއިލާ އިން ދައުވާކޮށްފި އެވެ.
އަހުމަދު މުހައްމަދުގެ އާއިލާ އިން ބުނެފައި ވަނީ ޓެކްސަސް ސްކޫލުން ކަންތައް ކުރި ގޮތުން 14 އަހަރުގެ ދަރިވަރުގެ މަދަނީ ހައްގުތައް ގެއްލި އެ ކުއްޖާ އަށް މަރުގެ އިންޒާރުތައް ލިބި އެންމެ ފަހުން އެމެރިކާ ދޫކޮށް ދާން ޖެހުނު ކަމަށެވެ. ދަރިވަރު ބުނެފައި ވަނީ ގޭގައި ޑިޖިޓަލް ގަޑިއެއް ހަދައިގެން އޭނާ ސްކޫލަށް ގެންދިޔައީ އިނގިރޭސި ޓީޗަރަށް ދެއްކުމަށް ކަމަށެވެ. އެއީ ބޮމެއް ކަމަށް ހީކޮށް ސްކޫލުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ޕޮލިހާ ހަވާލުކޮށްފަ އެވެ. ނަމަވެސް ޕޮލިހުން ވަނީ އެ މައްސަލަ ފައިލް ނުކޮށް އެ ކުއްޖާ ދޫކޮށްލައިފަ އެވެ.
އަހުމަދުގެ ވަކީލުންނާއި އޭނާގެ އާއިލާއާ އެކު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހުމަދު ވަނީ ޕްލާސްޓިކް ޕެންސިލް ބޮކްސްއަކާއި ކަރަންޓް ނަރާއި ގޭގެ ގަރާޖުގައި ހުރި ބައެއް ސާމާނު ބޭނުންކޮށްގެން ހެދި ގަޑި ދައްކާލައިފަ އެވެ.
އަހުމަދުގެ އާއިލާ އިން ވަނީ ޓެކްސަސްގެ އިރްވިން ސްކޫލާއި އެ ސިޓީ އަދި ޕްރިންސްޕަލުގެ މައްޗަށް ދައުވާކޮށް ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދު ފަނޑިޔާރުން ކަނޑައެޅުމަށް ހުށަހަޅައިފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އަހުމަދުގެ އާއިލާ އިން ވަނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 15 މިލިއަން ޑޮލަރު އިރްވިން ސްކޫލާއި އެ ސިޓީން ހޯދުމަށް ހުށަހަޅައިފަ އެވެ. ނޫން ނަމަ ދައުވާ ކުރާނެ ކަމަށް އެ ފަހަރު ވަނީ ބުނެފަ އެވެ.
އަހުމަދަށް ދިމާވި ހާދިސާ އަށް ފަހު އެ އާއިލާ ވަނީ ގަތަރަށް ބަދަލުވެފަ އެވެ. ގަތަރުން ވަނީ އަހުމަދަށް ސްކޮލާޝިޕެއް ދީފަ އެވެ. އެ އާއިލާ މިދިޔަ މަހު އެމެރިކާ އަށް ދިޔައީ ޗުއްޓީއެއްގައި އާއިލާ މީހުންނާއި ރަހުމަތްތެރިންނާ ބައްދަލު ކުރުމަށެވެ.
އަހުމަދު ބުނީ ގަތަރަށް ބަދަލުވީ ވެސް އާއިލާގެ ރައްކާތެރި ކަމަށްޓަކައި ކަމަށާއި އެމެރިކާ އަށް އައިސް އުޅޭ އިރު ވެސް ބޭރަށް ނުކުންނަން ޖެހެނީ އަވި އައިނަކާ ތޮތްޕެއް އަޅައިގެން ކާކުކަން ނޭނގޭ ގޮތް ހަދައިގެން ކަމަށެވެ.
ގަޑިހެދި ހާދިސާ އަށް ފަހު އަހުމަދަށް ވަނީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފަ އެވެ. ރައީސް ބަރަކް އޮބާމާ ވެސް ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ.