ނަޝީދާ ދެކޮޅު ޓުވީޓެއް ގާސިމް ރީޓުވީޓް ކުރެއްވުމުން ހިތްހަމަނުޖެހިއްޖެ!
ނަޝީދާ ދެކޮޅު ޓުވީޓެއް ގާސިމް ރީޓުވީޓް ކުރެއްވުމުން ހިތްހަމަނުޖެހިއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިއަދު ކުރެއްވި ޓުވީޓެއް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރީޓުވީޓް ކުރެއްވި މައްސަލައެއް ހޫނުވެއްޖެ އެވެ.

ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި، ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޝަރީއަތުން ނިންމާފައިވާ ކަންކަން، ހަވަރު އެއްކޮށްގެން ޝަރީއަތުން ބޭރުގައި ނިންމެން ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުމުން ގާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ނަޝީދު ވެސް ކަންކަން ނިންމަން ޖެހޭނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި އަލްހާން ވަނީ، އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ގާސިމްގެ އަމިއްލަ އެކައުންޓުން ވަނީ އަލްހާން ކުރެއްވި ޓުވީޓް ރީޓުވީޓް ކުރައްވައިފަ އެވެ. މިއީ، ނަޝީދާ ދެކޮޅަށް އަލްހާންގެ ވާހަކަތަކަށް ގާސިމް ތާއީދުކުރެއްވުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް ސަޕޯޓަރުން އަންނަނީ ގާސިމަށް ފާޑުކިޔަމުންނެވެ.

ނަޝީދު ވެސް ކަންކަން ނިންމަން ޖެހޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން އެ ވިދާޅުވީ، ބެލެވޭ ގޮތުގައި ނަޝީދު މިނިވަންކުރުމާ ގުޅޭ މައްސަލަ އަށެވެ. ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާފައިވާއިރު ވެސް ނަޝީދު މިނިވަން ނުވެ ލަސްވާތީ، އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ ހިތްހަނުޖެހުންތައް އެބަހުއްޓެވެ.

އެ މައްސަލައިގައި ސޯޝަލްމީޑިއާގައި ނުރުހުންފާޅުކުރަމުން ދިޔަ އެކަކު ބުނީ ނަޝީދުގެ މައްޗަށް ގާސިމްގެ ހިތް ކިތަންމެ ގޯހަސް، އޭނާ ކަފާލާތުގެ ދަށުން މިނިވަންވީ ނަޝީދާ ހެދި ކަމަށެވެ. ގާސިމް ސަލާމަތް ކުރަން، ނަޝީދު ރެ އާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ކަމަށާއި އެކަން ގާސިމަށް އޮޅިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށް ބުނެފައިވެ އެވެ.

ނަޝީދުގެ ސަޕޯޓަރުން ބުނީ، އެމަނިކުފާނާ ދެކޮޅަށް ކޮށްފައި ހުންނަ ޓުވީޓްތަކަށް ގާސިމް ތާއީދު ކުރެއްވުމުން އެކަން ހަޖަމެއް ނުވާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ވާނަމަ މަޑަކުން ނުތިބޭނެ ކަމަށެވެ.

ނަޝީދުގެ ދިފާއުގައި ސަޕޯޓަރުން ގާސިމާ ދެކޮޅަށް ތެދުވުމުން އޭނާ ވަނީ އަލްހާންގެ ޓުވީޓް ރީޓުވީޓް ކުރެއްވުނު ގޮތް ސާފުކޮށްދެއްވައިފަ އެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލްހާންގެ ޓުވީޓް ރީޓުވީޓް ކުރެއްވީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިއަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

"ކީރިތި ރަސޫލާގެ ހަދީސްގެ ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސް ބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ،" ގާސިމް ވިދާޅުވި އެވެ.

ހަދީސެއް ވިދާޅުވެ ސަޕޯޓަރުންގެ ރުޅި މައިތިރި ކުރައްވަން ގާސިމް އުޅުއްވި ނަމަވެސް އެކަން ބަލައެއް ނުގަތެވެ. ގާނޫނީ ގޮތުން އަލްހާން ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވިއިރު، ނަޝީދަށް ހުކުމް އިއްވީ ބޭއިންސާފުން ކަމާއި މިނިވަން ކުރަން އދ. އިން ވެސް އަންގާފައި ވުމުގެ އިތުރުން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ނަޝީދު މިނިވަންކުރަން އަމުރުކުރި ކަން ގާސިމް ހަނދުމަނެތުނީތޯ ވެސް ސަޕޯޓަރުން ވަނީ ސުވާލުކޮށްފަ އެވެ.

ގާސިމަށް އިންތިހާ އަށް ފާޑުކިއުމާއެކު މިފަހަރު ވެސް ކޯލިޝަން ރޫޅޭނީ ގާސިމާ ހެދި ކަމުގެ ތުހުމަތު ވަނީ އަޅުވައިފަ އެވެ.