11 އޮކްޓޯބަރ 2018 - 07:30

ވާވޭ މޭޓް 20 ޕްރޮ އަދި ނުނެރެ އެވެ. އެކަމަކު މިއީ ދުވެލި އެންމެ ބާރު ފޯނު ކަމަށް ނިންމައިފި އެވެ. މި އަހަރު އެންޑްރޮއިޑް ސްމާޓްފޯން މާކެޓަށް ނެރޭ އެންމެ ހަލުވި ފޯނަކީ ވާވޭ މޭޓް 20 ޕްރޮ އަށް ވާނެ ކަމަށް "ބެންޗްމާކް" ޓެސްޓްތަކަށް ބަރޯސާކޮށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
ދުވެލި ބާރުވުމަކީ މަސައްކަތްތައް ހަލުވިކޮށްދޭ ކަމެވެ. ކުރަން ހުރި ކަމެއް އަވަހަށް ނިންމަން އެދޭ ނަމަ، އެކަމެއް ކުރެވެން ހުރި އެންމެ އަވަސް ގޮތެއް އިޚުތިޔާރުކުރެވެ އެވެ. ތަނަކަށް އަވަހަށް ދާން ބޭނުން ނަމަ، ދަތުރުފަތުރުކުރުމުގައި އެންމެ އަވަސް ނިޒާމެއް އިޚުތިޔާރުކުރެވެ އެވެ.
ވާވޭ މޭޓް 20 ޕްރޮ އެހެން ފޯނުތަކަށް ވުރެ ހަލުވިވާ ސަބަބެއް ކަމަށް ބުނެފައި ވަނީ މި ފޯނުގައި މައި ޕްރޮސެސާ އެވެ. ވާވޭ އިން ވަނީ މޮބައިލް ޕްރޮސެސާ އުފެއްދުމުގައި ވާދަވެރިންނަށް ވުރެ ދަރަޖަތަކެއް ކުރީގައި ކަމަށް ބުނެވެ އެވެ. ވާވޭ ސްމާޓްފޯނުތަކުގައި ބޭނުންކުރަނީ އެ މީހުން އަމިއްލަ އަށް އުފައްދާ "ކިރިން" މަރުކާގެ ޕްރޮސެސާތަކެވެ.
އިންޓަނެޓަށް ލީކުވެފައި ހުރި މައުލޫމާތަށް ބަލާއިރު، ވާވޭ މޭޓް 20 ޕްރޮ ދައްކާލަން ހަމަޖައްސާފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އަދި އާންމު މާކެޓަށް ނެރޭނެ ކަމަށް ވަނީ ދުވަސްތަކަކަށް ފަހު، ނޮވެމްބަރުގަ އެވެ.
"ވާވޭ މޭޓް 20" މަރުކާގައި ދެ ފޯނެއް ހިމެނެ އެވެ. އެއީ "ވާވޭ މޭޓް 20 ޕޮރޮ" އަދި "ވާވޭ މޭޓް 20 ލައިޓް" އެވެ. ވާވޭ މޭޓް 20 ލައިޓް ވަނީ ސެޕްޓެމްބަރުގައި ރިލީޒްކޮށްފަ އެވެ.