10 އޮކްޓޯބަރ 2018 - 11:55

ލިއޯން (އޮކްޓޯބަރު 10) - އިންޓަޕޯލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ޗައިނާގެ މެންގް ހޮންގްވެއިގެ އަނބިކަނބަލުންނަށް ވެސް ބިރުދެއްކުމުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ގްރޭޭސް މެންގް ވިދާޅުވީ ޗައިނާގެ އެޖެންޓުން ފްރާންސަށް ގޮސް އޭނާ ވަގަށް ނަގާނެ ކަމުގެ އިންޒާރުގެ ފޯން ކޯލެއް ލިބިފައިވާ ކަމަށެވެ.
ޗައިނާ އަށް ކުރެއްވި ދަތުރެއްގައި ހޮންގްވެއި މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި ފަހުން އޭނާ ވަނީ އިންޓަޕޯލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ޗައިނާ އިން ފަހުން ވަނީ ހޮންގްވެއިގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް އެ މައްސަލަތައް ބަލަމުންދާ ކަމަށް ބުނެފަ އެވެ.
ގްރޭސް ވިދާޅުވީ ފިރިކަލުންގެ ފަރާތުން އެންމެ ފަހުން މެސެޖެއް ލިބިފައި ވަނީ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ފިރިކަލުން ވަނީ އޭނާގެ ކޯލަކަށް އިންތިޒާރު ކުރުމަށް ވިދާޅުވެ ވަޅިއެއްގެ އިމޮޖީއެއް ފޮނުވާފައި ކަމަށް ގްރޭސް ވިދާޅުވި އެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ޗައިނާ އިން އިންޒާރުގެ ފޯނު ކޯލެއް އޭނާ އަށް ލިބުނު ކަމަށް ގްރޭސް ވިދާޅުވި އެވެ.
"އެކޮޅުން ވާހަކަ ދެއްކި މީހާ ބުނީ ފަރުވާތެރިކަމާ އެކު އެ ކޯލް އަޑުއެހުމަށް. އޭގެ ފަހުން ބުނީ އަޅުގަނޑު ހައްޔަރު ކުރަން ޗައިނާގެ ދެ ޓީމު ފްރާންސަށް ދާ ކަމަށް،" ގްރޭސް ވިދާޅުވި އެވެ.
އެ ފޯން ކޯލަށް ފަހު ގްރޭސް އަށް ފްރާންސް ފުލުހުން މިހާރު ވަނީ ހިމާޔަތް ދީފަ އެވެ.