10 އޮކްޓޯބަރ 2018 - 11:52

ލަންޑަން (އޮކްޓޫބަރު 10) - އިންޑިއާގައި މިދިޔަ އަހަރު އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ އޭރު މެންޗެސްޓާ ސިޓީ ޔޫތު ޓީމަށް ކުޅެމުން އައި ޓްރިންޑާޑް އެންޑް ޓޮބޭގޯ އަށް އުފަން ޖޭޑަން ސަންޗޯ އެވެ. ސިޓީގެ ބޮޑެތި ހުށަހެޅުންތަކަށް ނޫނެކޭ ބުނެ ސަންޗޯ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވީ ކުޅުމުގެ ފުރުސަތު ހޯދައި މޮޅު ކުޅުންތެރިއަކަަށް ވުމަށެވެ. މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ސަންޗޯ އަށް ވަނީ އިންގްލެންޑްގެ ސީނިއާ ޓީމުން ފުރުސަތު ލިބިފަ އެވެ.

"ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕަށް ފަހު ސިޓީން އަހަންނާއި ފިލް (ފޯޑެން) ގާތުގައި އެދުނު ބޮޑު މުސާރަ އަކަށް ސޮއިކުރަން. އަހަރެން އެގޮތަށް ބޭނުމެއް ނުވީ ސިޓީގައި އެ އޮތް ޓީމުގެ ތެރެއިން އަހަންނަށް ކުޅެލަން ފުރުސަތެއް ނުލިބޭތީ،" މިދިޔަ އަހަރު އަށް މިލިއަން ޕައުންޑަށް ޑޯޓްމަންޑަށް ބަދަލުވި ސަބަބު އުމުރުން 18 އަހަރުގެ ސަންޗޯ ސްކައިސްޕޯޓްސް އަށް ކިޔައިދިނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވިސްނުން ހުރީ މިދިޔަ ސީޒަނުގައި ލީގު ކަޕާއި އެފްއޭ ކަޕް މެޗުތަކުގައި ސަންޗޯ އަށް ފުރުސަތު ދޭށެވެ. އެކަމަކު ސަންޗޯގެ ވިސްނުން އެ އަށް ވުރެ ބޮޑެވެ. އޭނާ ބޭނުންވީ ތަފާތު މަގަކުން ގޮސް ކުރިއަރާށެވެ.
"ޑޯޓްމަންޑަށް އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ބީ ޓީމަށް ކުޅުނުއިރު ވެސް ކޯޗުން ބުނޭ. ތިހެން ކުޅެންޏާ ސީނިއާ ޓީމަށް ނަގާނެއޭ. އެކަމަކު އެހާ އަވަހަށް އިންގްލެންޑް ޓީމަށް ނަގާނެ ކަމަށް ކުރިން ގަބޫލެއް ނުކުރަން،" ސަންޗޯ ބުންޏެވެ.
ޑޯޓްމަންޑުން ދޭ ކޮންމެ ފުރުސަތެއްގައި ވެސް ސަންޗޯ ދިޔައީ ތަފާތު ދައްކަމުންނެވެ. މިދިޔަ ސީޒަނުގައި ބަޔާ ލެވަކޫސަން ކޮޅަށް އޭނާ ވަނީ ކުޅެން އެރިތާ 13 މިނިޓް ތެރޭގައި ލަނޑު ޖަހައިފަ އެވެ. އެއާ އެކު އޭނާވެފައިވަނީ ޖަރުމަނު ލީގުގައި ލަނޑު ޖެހި އިންގްލެންޑްގެ އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
މިދިޔަ ސީޒަނުގައި ސަންޗޯގެ ފަރާތުން ފެނުނު ކުރިއެރުމުގެ ސަަބަބުން މި ސީޒަނުގައި އޭނާ އަށް ޓީމުން ލިބޭ ފުރުސަތު ގިނަވާން ފެށި އެވެ. މި ސީޒަނުގައި މިހާތަނަށް ޑޯޓްމަންޑް ކުޅުނު ގިނަ މެޗުތަކުގައި ސަންޗޯ ވަނީ ކުޅެފަ އެވެ. ޑޯޓްމަންޑް ލީގުގެ އެއް ވަނައިގައި އޮތްއިރު ސަންޗޯ ވަނީ އެއް ލަނޑު ޖަހައި ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖަރުމަނު ލީގުގައި މި ސީޒަނު އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިނީ ސަންޗޯ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު މާކޯ ރެއުސް ބުނީ ސަންޗޯ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަމަށާއި ޒުވާން ކުޅުންތެރިއަކަށް ވެ ހުރެ އޭނާ ދަނޑުމަތީގައި ދައްކަނީ ހައިރާންވާފަދަ މޮޅު ކުޅުމެއް ކަމަށެވެ.
އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ސަންޗޯ އަކީ އިނގިރޭސި ޒުވާން ކުޅުންތެރިންނަށް މިސާލެއް ކަމަށެވެ.
"ގިނަ ކުޅުންތެރިންނަށް ނުކެރޭ ސީނިއާ ކެރިއަރުގައި ވެސް އެހެން ލީގަކަށް ދާން. އެއީ ވަރަށް ތަފާތު ޗެލެންޖަކަަށްވާނެތީ. ސަންޗޯ އެކަން އެކުރީ ޒުވާން އުމުރުގައި. ހަގީގަތުގައި މިއީ ގިނަ އިނގިރޭސިން އެހެން ލީގުތަކުގައި ކުޅުމާ މެދު މިހާރު ގެންގުޅެމުން އަންނަ ވިސްނުން ބަދަލުވާނެ ސަބަބެއް،" ސައުތުގޭޓް ބުންޏެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެ ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އިންގްލެންޑް ބައްދަލުކުރާނީ ސްޕެއިންއާ އެވެ.