10 އޮކްޓޯބަރ 2018 - 09:16

މިއުނިކް (އޮކްޓޫބަރު 10) - ޔުއެފާ އިން ދާދި ފަހުން ތައާރަފްކުރި ޔުއެފާ ނޭޝަންސް ލީގަކީ ބޭނުމެއް ނެތް މުބާރާތެއް ކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެއްކި ވާހަކަތަކަށް ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔަަކީމް ލޯ ރައްދުދީފި އެވެ.
ޔުއެފާ އިން މި ފަހަރު އަލަށް ތައާރަފްކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތަށްޓައް ވާދަކުރެވޭނީ އެ ފަހަރެއްގައި ފުރަތަމަ ކެޓަގަރީގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ކެޓަގަރީ އަކީ ކޮލިފިކޭޝަނެކެވެ. ޔުއެފާ އިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.
ކްލޮޕް ބުނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެއްގެ ބަދަލުގައި މުބާރާތެއް ރާވާއިރު އޭގެން ހުރިހާ ޓީމަކަށް ހާސިލްކުރެވެން ޖެހޭނެ އެއްޗެއް އޮންނަން ޖެހޭނެ ކަމަށާއި މި މުބާރާތް މިހާރު ރޭވިފައި އޮތްގޮތުން ހުރިހާ ޓީމަކަށް އިންސާފުވެރި ނޫން ކަމަށެވެ.
އެ ވާހަކަ ތަކަށް ރައްދުދެމުން ޖަރުމަނުގެ ކޯޗު ލޯ ބުނީ ކްލަބްތަކުގެ ކޯޗުން ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރުމުގައި އަބަދުވެސް ޝަކުވާކުރާ ކަމަށެވެ.
"ކްލަބްތަކުގެ ކޯޗުން ބައިނަލްއަގްވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމާ ވަރަށް ދެކޮޅު. އެއީ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ނޫނީ ބަޔާން މިއުނިކްގެ ވަރަށް ގިނަ ކުޅުންތެރިން ވަރަށް ދުރަށް ގޮސް މި ކުޅެން ޖެހެނީ. އެހެންވެ އެ ޓީމުތަކުގެ ކޯޗުންނަށް ޓްރެއިނިންތައް އެންމެ ބޭނުންވާ ގޮތަށް ނުގެންދެވޭ،" ލޯ ބުންޏެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރޭންކިންގެ ގޮތުން އެންމެ ކުރީގައި އުޅޭ 12 ޓީމެވެ. އެ ޓީމުތައް ތިން ޓީމު ހިމެނޭ ގޮތަށް ހަތަރު ގްރޫޕަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން އެއް ވަނަ އަށް ދާ އަންނަ އަހަރު ޖޫން މަހު އޮންނަ ފައިނަލް ބުރަށް ހޮވޭނެ އެވެ. އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ. ނޭޝަންސް ލީގު ރޭވިފައި އޮތްގޮތުން މުބާރާތުގައި ރޭންކިންގައި ދަށުގައި އޮންނަ ޓީމަކަށް މަތީގައި އޮންނަ ޓީމަކާ ކުޅުމުގެ ފުރުސަތު ނޯވެ އެވެ. އެކަމާ މެދު ގިނަ ކޯޗުން އަންނަަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމަކު އެކަމާ މެދު ލޯގެ ހިޔާލު މުޅިން ތަފާތެވެ. އޭނާގެ ނަޒަރުގައި ރޭންކިންގައި މަތީ އުޅޭ ޓީމުތަކަށް ބޭނުންވަނީ ހަމައެކަނި ވަރުގަދަ މެޗުތަކެވެ.
"އަހަންނަށް ނޭޝަންސް ލީގު އޮތްގޮތް ވަރަށް ކަމުދޭ. އެއީ ބައިނަލްއަގްވާމީ ވާދަވެރި ލެވެލެއްގައި މި ލިބެނީ ރަނގަޅު މެޗުތަކެއް. ދެން ތަފާތު ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ދެވޭ. އަހަރެން އަބަދުވެސް ބޭނުންވަނީ ފެންވަރުގެ ގޮތުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން،" ލޯ ބުންޏެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނު ދެން ކުޅޭ މެޗުތަކުގައި އަންނަ ހަފްތާގައި ނުކުންނާނީ ނެދަލެންޑްސް އާއި ފްރާންސާ ދެކޮޅަށެވެ.