10 އޮކްޓޯބަރ 2018 - 09:13

ސެވިލް، ސްޕެއިން (އޮކްޓޫބަރު 10) - ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކުޅެފާނެ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
އާޖެންޓީނާ ކޯޗުކަމުން ސަމްޕައޮލީ ވަކިކުރީ ރަޝިއާގައި މި ފަަހަރު އޮތް ވޯލްޑް ކަޕްގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން އެކަންޏެވެ. އަނެއް ދެ މެޗުގެ ތެރެއިން އައިސްލެންޑާ 1-1 އިން އެއްވަރުވި އިރު، ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ފްރާންސް އަތުން 4-3 އިން ބަލިވުމުންނެވެ.
ސަމްޕައޮލީ މަގާމުން ވަކިކުރުމުން އާޖެންޓީނާއާ ވަގުތީގޮތުން ހަވާލުވީ ލިއޮނަލް ސްކަލޯނީ އެވެ. ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ އިން ދެ ވަނަ ފަހަރަށް ނެގި ސްކޮޑުން ވެސް މެސީ އަށް ޖާގައެއް ނެތެވެ. ސްކަލޯނީ ބުނީ މެސީ ރިޓަޔާނުކުރާ ކަމަށާއި އަލުން ޓީމަށް އަންނަން އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
ސަމްޕައޮލީ ބުނީ އޭނާ އަށް ވެސް މަގާމުގައި ހުރެ ގޯސްތަކެއް ހެދުނު ކަމަށާއި އެކަމަކު ވޯލްޑް ކަޕްގެ ދަށް ނަތީޖާތަކުގެ ޒިންމާ މެސީ ބޮލުގައި އެޅުވީ މާ ބޮޑަށް ކަމަށެވެ.
"އަހަންނަށް ވެސް ގޯސްތަކެއް ހެދުނު. އެކަމަކު މިވާ ގޮތަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ މެސީ އަކީ. އޭނާ ހުރިއްޔާ މޮޅުވާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. އެކަމަކު އޭނާ ކުރާވަރަށް އެހެން ކުޅުންތެރިންނަށް މަސައްކަތްނުކުރެވޭ. އެއީ މުޅި ޓީމުގެ މައްސަލައެއް މެސީގެ ކަމެއް ނޫން. ބާސެލޯނާގައި ވެސް މެސީ އަށް ކާމިޔާބު ލިބެނީ މުޅި ޓީމު އެކުވެގެން އޭނާގެ ބޭނުން ހިފާތީ. ފުޓްބޯޅަ އަކީ ޓީމް ގޭމެއް،" ކުރިން ޗިލީ އަށް ކޯޗުކޮށްދިން ސަމްޕައޮލީ ބުންޏެވެ.
އޭނާ ބުނީ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާނުލާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އުމުރުން 31 އަހަރުގެ މެސީ އަލުން ގައުމީ ޓީމުން ފެންނާނެ ކަމަށެވެ.
"މި ފަހަރުގެ ވޯލްޑް ކަޕުން ފިލާވަޅު ހޯދައި އަންނަ އަހަރު ކޮޕަ އެމެރިކާ އަށް ތައްޔާރުވާންވީ އެ މުބާރާތް ކާމިޔާބު ކުރެވުނަސް އަދި ނުކުރެވުނަސް އެ ޕްރޮޖެކްޓް ކުރިއަށްގެންދަންވީ. އޭރުން 2022 ގެ ވޯލްޑް ކަޕްގައި ވެސް މެސީ ކުޅެފާނެ. ކިހިނެއް އެނގެނޭ. މިހާރު ބޭނުންވަނީ ރަނގަޅު ޕްރޮޖެކްޓެއް އޮވެގެން އެންމެން މަސައްކަތްކުރުން،" ސަމްޕައޮލީ ބުންޏެވެ.
އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާ ދާދި ފަހުން ބުނީ މެސީ ކޮށްދޭ ކަންތައްތައް އެ ގައުމުގައި އަގުވަޒަންކޮށްދެނީ މަދު ބަޔެއް ކަމަށާއި އޭނާ ފަދަ ކުޅުންތެރިއަކަށް ހައްގު މިންވަރަށް ތައުރީފްވެސް ނުލިބޭ ކަމަށެވެ. އަދި އޭނާ މެސީ އަށް ލަފާއެއް ދޭނަމަ އެދޭނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ކަމަށް ވެސް ބުންޏެވެ.
އާޖެންޓީނާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ދެ މެޗު ކުޅޭނެ އެވެ. މާދަމާރޭ އިރާގާ ދެކޮޅަށް ކުޅުމަށް ފަހު އޭގެ ހަތަރު ދުވަސް ފަހުން ބްރެޒިލާ ބައްދަލުކުރާނެ އެވެ.