12 އޮކްޓޯބަރ 2018 - 08:43

މިހާރު ސިނަމާގައި އޮތް "ލަވް ޔާތުރީ" އިން ޅިޔަނު އާޔޫޝް ޝަރްމާ އާއި ވަރީނާ ހުސައިން ބޮލީވުޑަަށް ތައާރަފު ކުރުމަށް ފަހު، ސަލްމާން ދެން ބޮލީވުޑަށް ނެރޭނެ އެކަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން އެވެ.
ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ފުރަތަމަ ފިލްމަކަށް ވާނީ ބައްޕަގެ ގާތް އެކުވެރިއެއް ކަމަށްވާ ސަލްމާންގެ ފިލްމު ކުންފުނިން އުފައްދާ ފިލްމެކެވެ. މި ފިލްމަކީ ސަލްމާންގެ ޒަމާންވީ ވަރަށް ގާތް އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރު އިގްބާލު ވެސް ބޮލީވުޑަށް ލޯންޗްކުރަން ސަލްމާން ނިންމާފައި އޮތް ފިލްމެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ސަލްމާން ވަނީ ޒަހީރު ބޮލީވުޑަށް ނެރޭނެކަން އިއުލާންކޮށްފަ އެވެ. އެކަމަކު އޭރު ފިލްމުގެ ބަތަލާއަކީ ކޮބައި ކަމާއި ފިލްމުގެ ނަން ހާމައެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ ނަމަކީ "ނޯޓްބުކް" އެވެ. ކަޝްމީރުގައި މަންޒަރުތައް ނަގާ ފިލްމުގެ ޝޫޓިން މި ހަފުތާގެ ތެރޭގައި ފަށަން ވެސް ހަމަޖެހިފައިވެ އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި "ނޯޓްބުކް" ގެ ޝޫޓިން ނޮވެމްބަރުގެ ނިޔަލަށް ނިންމަން ވަނީ ތާވަލުކޮށްފަ އެވެ.
ފިލްމާ ބެހޭ ގޮތުން ޕްރަނޫޓާން ބުނީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމަކުން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. އެކަމަކު ބޮލީވުޑަށް ނުކުންނަ އިރު، އޭނާގެ ކޮނޑުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"ބައްޕައަކީ ވެސް ބެލުންތެރިން ބަލައިގެންފައިވާ އެކްޓަރަކަށްވެފައި މާމަ [ކުރީގެ މަޝްހޫރު ބަތަލާ ނޫޓާން] އަކީ ވެސް ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ މީހަކަށްވާތީ. އެ މީހުންގެ ހުރި އެކްޓިން ހުނަރު ދައްކައިލުމަކީ އަހަރެން ކުރަން ޖެހޭނެ ކަމެއް،" ޕްރަނޫޓާން ބުންޏެވެ. "އަދި އެކަމަށް ބެލުންތެރިން އުންމީދު ވެސް ކުރާނެ. އަހަރެން ގަބޫލު ކުރަނީ މާމަގެ ލެގަސީ ދެމެހެއްޓުމަކީ ވެސް އަހަރެން ކުރަން ޖެހޭނެ ކަމެއް ކަމަށް. އެހެންވެ ބެލުންތެރިން ގަޔާވާ ކަހަލަ ބަތަލާއަކަށް ވާން މަސައްކަތް ކުރާނަން."
"ބައްޕައަކީ ވެސް ބެލުންތެރިން ބަލައިގެންފައިވާ އެކްޓަރަކަށްވެފައި، މާމަ ނޫޓާންއަކީ ވެސް ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނުނު ބަތަލާއަކަށްވާތީ އެ މީހުން ކަހަލަ މޮޅު ބަތަލާއެއްކަން ސާބިތުކޮށް ދިނުމަކީ އަހަރެން ކުރަން ޖެހޭނެ ކަމެއް،" ޕްރަނޫޓާން ބުންޏެވެ.
އަންނަ އަހަރު "ނޯޓްބުކް" ސިނަމާތަކަށް ގެންނާނެ އެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޕްރަނޫޓާންގެ ބައްޕަ މޯނިޝް އާއި ސަލްމާނަކީ އެކުގައި ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ. އޭގެ ތެރޭގައި "މޭނޭ ޕިޔާރް ކިޔާ"، "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ސަލްމާން މި ފަހުން ބޮލީވުޑަށް ނެރެދިން ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ (ދަބަންގް) އާއި ޒަރީން ހާން (ވީރު)، އާއި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ (ހީރޯ) ހިމެނެ އެވެ.