11 އޮކްޓޯބަރ 2018 - 07:30

އުމުރުން ހަތް އަހަރުގެ އިނގިރޭސި ވިލާތުގެ އަންހެން ކުއްޖަކު ފިރިހެން ކުދިންނާ އެކު ފުޓްބޯޅަ ކުޅޭތީ، ބައެއް ކުދިންގެ ފަރާތުން މަލާމާތާއި ފުރައްސާރަކުރަނިކޮށް، އިނގިރޭސިވިލާތުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ މެސްކޮޓަކަށް ވުމުގެ ޝަރަފު ލިބިއްޖެ އެވެ.
ޑާސީއަކީ ވަރަށް ކުޑަ އިރުއްސުރެ ވެސް ފުޓްބޯޅަ ކުޅެން ލޯބިކުރާ ކުއްޖެކެވެ. އެކަމަކު އެ އުމުރުގެ އަންހެން ކުދިން އާންމުކޮށް ފުޓްބޯޅަ ނުކުޅޭތީ، އޭނާ ފުޓްބޯޅަ ކުޅެނީ ފިރިހެން ކުދިންނާ އެކީގަ އެވެ. މިކަމާ ހެދި ބައެއް ފިރިހެން ކުދިންނާއި އެ މީހުންގެ މައިންބަފައިން ވެސް ޑާސީ އަށް މަލާމާތްކޮށް، ފާޑުފާޑުގެ ވާހަކަތައް ދައްކަ އެވެ.
ނަމަވެސް ޑާސީގެ ކިބައިގައި ފުޓްބޯޅައިގެ ހުނަރު ހުރުމުން ބޭނުން ވަނީ މޮޅު ކުޅުންތެރިއަކަށް ވާށެވެ. އެކުގައި ކުޅޭ ބައެއް ފިރިހެން ކުދިން އޭނާ އަށް ހިތްވަރުދީ، ކުރިއަށް ދާން އެހީތެރިވެ ދެ އެވެ.
އެކަމަކު ޑާސީ އަށް ކުރިމަތިވެފައިވާ ބުލީ ކުރުމަށް ނިމުމެއް ނާދެ އެވެ. އޭނާއާ ދޭތެރޭ ބައެއް މީހުން ދެކެނީ ވެސް ތަފާތު ގޮތަކަށެވެ. އެކަމާ ޑާސީގެ މަންމަ ސާރާ ހުރީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ.
ސާރާ ވަނީ ދަރިފުޅަށް ކުރިމަތިވެފައިވާ ބުލީގެ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މެޗެއް ކުޅެން ދަނޑަށް އަރާފައި އިދިކޮޅު ޓީމްގެ ކުޅުންތެރިންނާ ސަލާން ކުރަން ލިބޭ ވަގުތުގައި ޑާސީއާ ސަލާން ކުރަން ވެސް އިދިކޮޅު ޓީމްތަކުގެ ފިރިހެން ކުދިން ބޭނުމެއް ނުވެ އެވެ. އަދި ދަރިފުޅަށް ވަރަށް ބޮޑަށް ބުލީކުރާ ކަމަށް ސާރާ ބުންޏެވެ.
"އެންމެ ކަންބޮޑުވާ ކަމަކީ ތަންދޮރު އެނގޭ ބޮޑެތި މީހުން ދަރިފުޅަށް މަލާމާތްކޮށް ފުރައްސާރަ ކުރާތީ،" ސާރާ ބުންޏެވެ. "އެކަމަކު ޑާސީއަކީ ބަޔަކު ކިޔާހާ އެއްޗަކަށް ބަލާނެ ކުއްޖެއް ނޫން. ހުނަރެއް ދައްކައިލުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން،"
އޭނާ ބުނި ގޮތުގައި މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާން ދަރިފުޅު ދެކޭ ހުވަފެން ހަގީގަތަކަށް ވަންދެން ހިތްވަރު ދިނުމުގައި ސާބިތުވެ ހުންނާނެ އެވެ.
ޑާސީގެ ވާހަކަތައް ފަހުން މީޑިއާތަކަށް އަރައި، އޭނާ އެތައް ބައެއްގެ ސަމާލު ކަމަށް އައީ އޮބްޒާވާގެ ކުޅިވަރު ނޫސްވެރިޔާ އަނާ ކެޒެލް، ޑާސީއާ ބެހޭ ގޮތުން ލިޔުނު ލިޔުންތަކުގެ ސަބަބުންނެވެ. އަދި އިނގިރޭސި ގައުމީ އަންހެން ފުޓްބޯޅަ ޓީމް ލަޔަނެސެސްގެ ރާޑަރަށް ވެސް ޑާސީ އެރި އެވެ. ނަތީޖާއަކީ އެ ޓީމްގެ މެސްކޮޓަކަށް ކުޑަކުޑަ ޑާސީ ހަމަޖެއްސުމެވެ.
ޓީމުން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އެ މީހުންގެ މެސްކޮޓަކަށް ޑާސީވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.
ޑާސީ އަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް މީހުން ވަނީ ވީހާ ވެސް ގިނަ އަންހެން ކުދިން ފުޓްބޯޅައިގެ ތެރެއަށް ނެރެން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ޑާސީއަކީ އެ އުމުރުގެ އެހެން ކުދިންނަށް ނަމޫނާއަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.
ފިރިހެނުންގެ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ މަޝްހޫރުވެފައި އޮތަސް އަންހެނުންގެ ފުޓްބޯޅައަކީ މިހާރު ދުނިޔޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބެމުން އަންނަ ކުޅިވަރެކެވެ. އެހެން ނޫން ނަމަ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އަންހެނުން ވޯލްޑް ކަޕެއް ބޭއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟