ޗައިނާ އަށް ޚާއްސަ ގޫގުލް ސާޗް އިންޖީން ހުއްޓާލަން ވައިޓް ހައުސް ގޮވާލައިފި
ޗައިނާ އަށް ޚާއްސަ ގޫގުލް ސާޗް އިންޖީން ހުއްޓާލަން ވައިޓް ހައުސް ގޮވާލައިފި

ސްމާޓްފޯން ކުންފުނިތަކަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. ގޫގުލް ވެސް އުޅެނީ ޗައިނާ ދޫކޮށްނުލެވިގެންނެވެ. ސަބަބަކީ ގޫގުލުން ކުރަނީ އާންމުންނާ ގުޅުން ހުރި މަސައްކަތްތަކަށް ވުމެވެ. ވިޔަފާރިވެރިންގެ މުދަލާއި ޚިދުމަތްތައް، އިންޓަނެޓްގައި ކުރާ އިޝްތިހާރުގެ ޒަރިއްޔާއިން، ބޭނުންުރާ މީހުންނާ ހަމަ އަށް ފޯރުކޮށްދިނުމަކީ ގޫގުލްގެ ވަޒީފާ އެވެ.

ޗައިނާގައި މުދަލެއް ވިއްކުމަށްޓަކައި، އެ ގައުމުން އެދިއްޖެ ނަމަ ކޮންމެ ބަދަލެއް ވެސް އެ މުދަލަކަށް ގެނެވެން ޖެހެ އެވެ. އެޕަލްގެ އުފެއްދުންތައް ޗައިނާގައި ވިއްކެނީ ޗައިނާ ސަރުކާރާ އެކު އެއްބަސްވެވޭ ނަމަ އެވެ. ގޫގުލް އަށް ވެސް އޮތީ އެ ޝަރުތެވެ.

"ގޫގުލް ސާޗް" ޗައިނާގައި ޕްރޮމޯޓްކުރުމަށް "ސާޗް އިންޖީން" އަށް ބަދަލުގެންނަން ޖެހެ އެވެ. ގޫގޫލް މެދުވެރިކޮށް ވަކި އެއްޗެއް ހޯދަން މީހަކު ކުރާ މަސައްކަތުގައި، ގޫގުލުން ބޭނުންވާހާ އެއްޗެއް ނުދެއްކެ އެވެ. ދައްކަންޖެހޭނީ ޗައިނާ ސަރުކާރުން ބަލައި ފާސްކޮށްފައި ހުންނަ މުދަލާއި، ޚިދުމަތައް އަދި ކޮންޓެންޓްތަކެވެ.

"ޑްރޭގަންފްލައި"ގެ ނަމުގައި ގޫގުލުން ކުރަނީ މި ބުނި މަސައްކަތްތަކެވެ. އެއީ ސާދާ ގޮތަކަށް ބުނާ ނަމަ ޗައިނާ އަށް ޚާއްސަ "ސާޗް އިންޖީން"އެކެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް ކަންބޮޑުވުމަކަށް ވެފައިވާ "ޑްރޭގަންފްލައި" ޕްރޮޖެކްޓް ކުރި އަށް ނުގެންދިއުމަށް ވައިޓް ހައުސް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

ޑްރޭގަންޕްލައި އާ ބެހޭ ގޮތުން ގޫގުލް ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. ޚިޔާލު ތަފާތުވުން ބޮޑު މި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކަން ހަދައިފި ނަމަ، ޗައިނާ އާ އެކު ގޫގުލް ވެފައި އޮތް އެއްބަސްވުންތައް އާންމުވެދާނެ ކަމަށް ބަލައި، މިއީ ނުދައްކާ ވާހަކަތަކެވެ.

ޗައިނާ އަށް ޚާއްސަ ސާޗް އިންޖީންއެއް އުފެއްދުމާ ވައިޓް ހައުސް ދެކޮޅު ނަމަވެސް، ގޫގުލް އިން އެކަން ހުއްޓާލާނެ ކަމަކަށް ނުބެލެވެ އެވެ. އެޕަލް ވެސް ވަނީ ޗައިނާ ބުނިހާ ބަދަލުތަކެއް، ޗައިނާ އަށް ޚާއްސަ އެޕް ސްޓޯރަށް ގެނެސްފަ އެވެ. އަދި އެޕް ސްޓޯރުން އެޕްލިކޭޝަން ގަތުން ޗައިނާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ފައިސާ ބަލައިގަތުމަށް އެޕަލް ގެންގުޅޭ ބޭންކިން ޚިދުމަތްތަކުގެ ތެރެ އަށް "އަލިޕޭ" ވަނީ އިތުކޮށްފަ އެވެ.

ގޫގުލް އަށް ވެސް ޗައިނާ މުހިންމެވެ. އެކަމަކު ގޫގުލުން ބޭނުންވާހާ ގޮތަކަށް "ސާޗް" ފިލްޓާކުރާ ނަމަ ޗައިނާއިން ބުނާނީ ހޯހޯ އެވެ.