25 މެއި 2016 - 23:11

ކޮލަމްބޯ (މެއި 26) - މިދިޔަ ހަފުތާގައި ސްރީ ލަންކާ އަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމަށް ލިބުނު ގެއްލުން ދެ ބިލިއަން ޑޮލަރަށް އަރާ ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

ލަންކާގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ އިއްޔެ ވަނީ ގައުމަށް ލިބުނު ގެއްލުން ފޫބެއްދުމަށް ބޭރުގެ އެހީ އަށް އެދިވަޑައިގެންފަ އެވެ. ވިއްސާރައިގައި ލަންކާ އިން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެ 35،000 އަށް ވުރެ ގިނަ ގޭ ހަލާކުވެފަ އެވެ. މޫސުމާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ ލަންކާ އަށް ކޮށްފައި ވަނީ ވޭތުވެދިޔަ 25 އަހަރު ދުވަހު ތެރޭ ވެސް ނުކުރާ ވަރުގެ ގަދަ ވިއްސާރައެއް ކަމަށެވެ.
"ބޭރުން ލިބެން އޮތް އެހީ އެންމެ ބޮޑަކަށް ހޯދަމުން މިދަނީ،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ކަރުނަނަޔަކަ ވިދާޅުވީ ވިއްސާރައިގައި ލިބުނު ގެއްލުން ފޫބެއްދުމަށް 75 ޕަސެންޓް އެހީ ބޭރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މާލީ ވަޒީރު ވިދާޅުވީ ވިއްސާރައިގައި ފެންބޮޑުވެފައި ވަނީ ހުސްބިންތަކުގައި އިމާރާތްތައް ކޮށްފައިވާ ގޮތުން ކަމަށެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާ ބިލްޑިން ކޯޑަކަށް އަމަލު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާ އަށް ކުރި ވިއްސާރައިގައި އަވަށްޓެރި ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ގޮތުން އިންޑިއާ އިން ވަނީ ދެ މަނަވަރާއި މަތިންދާ ބޯޓެއްގެ މުދާ ފޮނުވައިދީފަ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައި ވަނީ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން 101 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 100 މީހަކު ވަނީ ގެއްލިފަ އެވެ. --އޭއެފްޕީ