09 އޮކްޓޯބަރ 2018 - 13:48

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހަތަރު މެމްބަރަކު ސްރީ ލަންކާ އިން ހިމާޔަތް ހޯއްދަވާފައިވާ ކަމަށް ދައްކާ ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.
ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް "މިހާރު"އަށް ވިދާޅުވީ ކޮމިޝަނުގެ ހަތަރު މެމްބަރަކު ސްރީ ލަންކާ އަށް ވަޑައިގަތީ، އިންތިޚާބަށް ފަހު އަޅުވަމުން ދިޔަ ދޮގު ތުހުމަތުތަކާ އެކު ފުރާނައަށް ނުރައްކާވުމުގެ ބިރު އޮތުމުން ކަމަށެވެ. އެގޮތުން މެމްބަރުންނަށް މަރުގެ އިންޒާރުދީ، އާއިލާތަކަށް ބިރުދައްކަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ހާލަތުގައި މެމްބަރުން ބޭރަށް ވަޑައިގަތަސް އެއްވެސް މެމްބަރަކު ލަންކާ އިން އަދި އެހެން ގައުމަކުން ވެސް ހިމާޔަތެއް ނުހޯއްދަވާ. އެ ތުހުމަތަކީ ވެސް ހަގީގަތެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ފަހު އީސީގެ ފަސް މެމްބަރުންގެ ތެރެއިން މިވަގުތު މާލޭގައި ހުންނެވީ ޝަރީފް އެކަންޏެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ކާމިޔާބީއެއް ހޯއްދެވި ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ، ވެރިކަން ކުރާ ޕީޕީއެމުން ގެންދަނީ މަދު ބަޔަކާ އެކު ސިލްސިލާކޮށް އަޑުއުފުލަމުންނެވެ. އެ އެއްވުމުގައި، ކޮމިޝަންގެ ރައީސާއި އެހެން މެމްބަރުންނަށް "ވަގަށް ގޮވާ" މައްސަލަ ތަހުގީގުކޮށްދޭން މިއަދު ވަނީ އީސީގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.