09 އޮކްޓޯބަރ 2018 - 13:19

ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ހަރުކޮށްފައި ހުރި ލައިޓެއް ވެއްޓުމުން އެ ނަގަނިކޮށް ރޭ ކަރަންޓުގައި ޖެހުނު 17 އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަރަންޓުގައި ޖެހިގެން ފުރަތަމަ ގެންދިޔައިރު ކުއްޖާ އޮތީ ހޭނެތިފައި ކަމަށެވެ. ނަމަވެސް މިހާރު ހޭ އަރާފައިވާ ކަމަށާއި ކުރިއަށް ވުރެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
"ހޮސްޕިޓަލަށް ގެނައިއިރަށް ވުރެ މިހާރު ހާލު ސްޓޭބަލް. އެމްއާރުއައި ވެސް ހަދައި އިތުރު ޓެސްޓުތަކެއް ހަދާނެ،" އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 8:30 ގައި ކަމަށެވެ.